Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

23 އޯގަސްޓް 2021

ސައިފް އަލީ ޚާނާއި ރިތިކް ރޯޝަން އެކީގައި ކުޅެން ސޮއިކޮށްފައިވާ ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ރިމޭކްގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ސާބިއާގައި ފަށަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސައިފް އަލީ ޚާނާއި ރިތިކް ރޯޝަން އެކީގައި ކުޅެން ސޮއިކޮށްފައިވާ ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ރިމޭކްގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ސާބިއާގައި ފަށަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ އިރު، ސާބިއާގައި ވަރަށް ބޮޑު ބައި ނެގުމަށް ފިލްމުގެ މަންޒަރުތަކެއް ޖޯޖިއާގައި ވެސް ނަގާނެ ކަމަށެވެ. "ވިކްރަމް ވޭދާ" ގެ ރިމޭކަކީ ސައިފާއި ރިތިކް އެކީގައި ކުޅޭ ދެވަނަ ފިލްމެވެ. ކުރިން ދެ ތަރިން އެކީގައި މަސައްކަތްކޮށްފައި ވަނީ 2002 ގެ "ނަ ތުމް ޖާނޯ ނަހަމް" ގަ އެވެ.

"ވިކްރަމް ވޭދާ" ގެ ރިމޭކްގެ ކާސްޓްގައި ރާދިކާ އަޕްޓޭ ވެސް ހިމެނެ އެވެ. އޭނާ ކުޅޭނީ ސައިފްގެ އަންހެނުންގެ ރޯލެވެ. ދެ ތަރިން ކުރިން ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގައި ވެސް މަސައްކަތްކުރި އެވެ.

"ވިކްރަމް ވޭދާ" އަކީ 2017 ގައި އާރް މާދްވަނާއި ވިޖޭ ސެތުޕަތީއާ އެކު ގަޔަތުރީ-ޕުޝްކާރް ގެނެސްދިން ވަރަށް ކާމިޔާބު އެކްޝަން ތުރިލާއެކެވެ. މީގެ ހިންދީ ފިލްމު ވެސް އެ ދެ މީހުން ޑައިރެކްޓްކުރާ އިރު، ރިލީޒްކުރާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގަ އެވެ.

"ފްރެޑީ" ގައި އަލާޔާކަން ކަށަވަރު

މިދިޔަ މަހު ޝޫޓިން ފެށި ކާތިކް އާރިޔަންގެ ރޮމޭންޓިކް ތުރިލާ "ފްރެޑީ" އަށް ޒުވާން ބަތަލާ އަލާޔާ ޗަރްނީޗަރްވާލާ ސޮއިކުރިކަން ކަށަވަރުކޮށް ދީފި އެވެ.

މިދިޔަ އަހަރު ސައިފްގެ "ޖަވާނި ޖާނެމަން" އިން ބޮލީވުޑަށް ނުކުތް ބަތަލާ ވަނީ އާ ފިލްމުގެ ކްލެޕްބޯޑާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. "ފްރެޑީ" އަކީ އަލާޔާ ސޮއިކުރި ތިން ވަނަ ފިލްމެވެ. އޭނާ ސޮއިކުރި ދެވަނަ ފިލްމު "ޔޫ ޓާން" އާއި "ފްރެޑީ" އަކީ ވެސް އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމުތަކެވެ.

"ފްރެޑީ" އަކީ އެކްތާ ޕްރޮޑިއުސްކުރި 2018 ގެ ފިލްމު "ވީރޭ ދީ ވެޑިން" ގެ ޑައިރެކްޓަރު ޝަޝަންކާ ގޯޝް ހަދާ ފިލްމެކެވެ.

ޕްރޮޑިއުސަރު ޕްރަދީޕް މަރުވެއްޖެ

ކާމިޔާބު ފިލްމުތަކެއް ކަމަށްވާ "ފިޒާ" އާއި "މިޝަން ކަޝްމީރު" ގެނެސްދިން ޕްރޮޑިއުސަރު ޕްރަދީޕް ގުހާ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އޭނާ މަރުވީ ލިވާގެ ކެންސަރަށް މުމްބާއީގެ ކޮކީލާބެން އަމްބާނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ހޮނހިރު ދުވަހު ކަމަށެވެ. ޓައިމްސް އޮފް އިންޑިއާ ގްރޫޕްގެ ރައީސްކަން ވެސް ކޮށްފައިވާ ޕްރަދީޕް ޒީ ޓެލެފިލްމްސްގެ ސީއީއޯގެ މަގާމު ވެސް އަދާކޮށްފައިވެ އެވެ.

ކަރިޝްމާ ކަޕޫރްގެ "ފިޒާ" އާއި ރިތިކްގެ "މިޝަން ކަޝްމީރު" ގެ އިތުރުން ޕްރަދީޕް ޕްރޮޑިއުސްކުރި ފިލްމުތަކުގެ ތެރޭގައި މިތުން ޗަކްރަބަތީގެ "ޕިރު ކަބީ" ވެސް ހިމެނެ އެވެ.

ކަންގަނާ އަލުން "ތޭޖާސް" ގެ މަސައްކަތަށް

މި މަހުގެ ކުރީކޮޅު ހަންގޭރީގައި އެކްޝަން ފިލްމު "ދާޅަކް" ގެ ޝޫޓިން ނިންމައިލި ބަތަލާ ކަންގަނާ ރަނާވަތު ވަތަނީ ފިލްމު "ތޭޖާސް" ގެ މަސައްކަތް އަލުން ފަށައިފި އެވެ.

އިންޑިއާ އަަށް އެނބުރި އައިސް ހޮނިހިރު ދުވަހު އަލުން އެ ފިލްމުގެ ޝޫޓިން ފެށި ވާހަކަ އޭނާ އިންސްޓަގްރާމްގައި ވެސް ފޮޓޯއަކާ އެކު ހިއްސާކޮށްފައިވެ އެވެ. "ތޭޖާސް" އަކީ އިންޑިއާގެ އަސްކަރިއްޔާގެ ޕައިލެޓެއްގެ ރޯލު ކަންގަނާ ކުޅޭ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ފެށީ މި އަހަރުގެ ކުރީކޮޅު އެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ "ތޭޖާސް" އަކީ ސަރްވޭޝް މެވާރާ ޑައިރެކްޓްކުރާ ފިލްމެކެވެ.

ކަންގަނާގެ އެންމެ އަވަހަށް ރިލީޒްވާނެ ފިލްމަކީ ކޮވިޑް-19އާ ހެދި ފަސްކޮށްފައިވާ ބައޮގްރަފިކަލް ޑްރާމާ "ތަލައިވީ" އެވެ.