Roadha Mihaaru
މަހްމޫދު އައްބާސްގެ އިޒްރޭލު ދަތުރުފުޅު ބޮޑު ބަހުސަކަށް

މަހްމޫދު އައްބާސްގެ އިޒްރޭލު ދަތުރުފުޅު ބޮޑު ބަހުސަކަށް

30 ޑިސެމްބަރ 2021

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، އިޒްރޭލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްސްގެ ގެކޮޅަށް ވަޑައިގެން ދެ ބޭފުޅުން ބައްދަލުކުރެއްވުމާ ގުޅިގެން، ފަލަސްތީނާއި އިޒްރޭލުގައި ވެސް ހޫނު ބަހުސްތަކެއް އުފެދިއްޖެ އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، އިޒްރޭލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްސްގެ ގެކޮޅަށް ވަޑައިގެން ދެ ބޭފުޅުން ބައްދަލުކުރެއްވުމާ ގުޅިގެން، ފަލަސްތީނާއި އިޒްރޭލުގައި ވެސް ހޫނު ބަހުސްތަކެއް އުފެދިއްޖެ އެވެ.

ދެ ގައުމުގެ ވެސް ސިޔާސީ ބައެއް ފަރާތްތަކުން، މި ބައްދަލުވުމަށް ތާއީދުކުރައްވާ އިރު، އާންމު ރައްޔިތުންގެ ފަރާތުން ކުރިމަތިވަމުން އަންނަނީ ފާޑުކިޔުމާއި ނުރުހުމުގެ ބަސްތަކެވެ. ފަލަސްތީނުގެ މަދަނީ ކަންކަމާ ބެހޭ ވަޒީރު ހުސައިން އައްޝައިޚް ވިދާޅުވި ގޮތުގައި ރައީސް އައްބާސް އާއި ގަންޓްސްގެ ބައްދަލުކުރެއްވުމަކީ، ހިތްވަރު ގަދަ ބަތަލުންގެ ބައްދަލުކުރެއްވުމެކެވެ.

ނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި މިއީ ވަރަށް ކަންބޮޑުވާންޖެހޭ ބައްދަލުވުމެކެވެ.

އިޒްރޭލުގެ ވެރިރަށް ތެލް އަބީބްގައި ދިފާއީ ވަޒީރު ގަންޓްސް ދިރިއުޅުއްވާ ގެކޮޅަށް، ރައީސް މަހްމޫދު އައްބާސް ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގަ އެވެ. މަހްމޫދު އައްބާސްގެ ތެލް އަބީބަށް ކުރެއްވި މި ދަތުރަކީ، ފަލަސްތީނު ސަރުކާރުން އިޒްރޭލު ސަރުކާރާ އެކުގައި މުއާމަލާތުކުރުން، 2010 ވަނަ އަހަރު ހުއްޓައިލި ފަހުން، މަހްމޫދު އައްބާސް އިޒްރޭލަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

"އަބޫ މާޒިން (މަހްމޫދު އައްބާސް)، ގާންޓްސްގެ ގެކޮޅަށް ވަޑައިގަތުމަކީ ވަރަށް ހިތްވަރު ގަދަ އަދި ވަރަށް މުހިންމު ފިޔަވަޅެއް. އެ ފިޔަވަޅު އެޅުއްވީ، އެކަމަށް ކިތަންމެ ބަޔަކު ފާޑު ކިޔާނެކަން އެނގި ތިބެ. އެހެން ނަމަވެސް، އަބޫ މާޒިން ބޭނުންވީ ރަތް ދިދަ ނަގަން. މިއީ، މިހާރު އޮތް ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ލިބޭ އެންމެ ފަހު ފުރުސަތު ކަމަށް ވެސް ވެދާނެ،" ފަލަސްތީނުގެ މަދަނީ ކަންކަމާ ބެހޭ ވަޒީރު ހުސައިން އައްޝައިޚް ވިދާޅުވި އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނި ގޮތުގައި ރައީސް މަހްމޫދު އައްބާސްގެ އެ އަމަލަކީ، ފަލަސްތީނު ރައްޔިތުން މިހާރު ތިބި ހާލަތަށް ބެއްލެވުމެއް ނެތި، އަދި ފަލަސްތީނު ރައްޔިތުންގެ އިހްސާސްތަކަށް އެއްވެސް އިހްތިރާމެއް ކުރެއްވުމެއް ނެތި ކުރެއްވި ކަމެކެވެ.

ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ބުނި ގޮތުގައި ޑިސެމްބަރު 27، 2008 ގައި އިޒްރޭލުން ގާޒާގައި ހިންގި އުދުވާނީ އަމަލުތަކަށް 13 އަހަރު ފުރުމާ ދިމާވާ ދުވަސްވަރެއްގައި، ފަލަސްތީނުގެ ރައީސް ކުރެއްވި މި އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. އަދި އެއަމަލު ކުށްވެރިކުރާ ކަމަށާއި އެކަމާ ދެކޮޅު ހަދާ ކަމަށް ވެސް ހަމާސް އިން ބުންޏެވެ.

"މި ބައްދަލުކުރެއްވުމަކީ، އިޒްރޭލުގެ އަނިޔާވެރި ހިސޯރުކުރުމުގެ ތެރޭގައި ދިރިއުޅެމުންދާ ގާޒާގެ ރައްޔިތުންނަށް ކުރި މަލާމާތެއް އަދި ފުރައްސާރައެއް. މިއީ ހުޅަނގު އައްސޭރިއާއި ގުދުސްގައި ފަލަސްތީނު ރައްޔިތުންނަށް ލިބިގެންވާ ހައްގުތަކާއި ބިންތައް އަނބުރާ ހޯދުމަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ ޖިހާދާ ދެކޮޅަށް މަހްމޫދު އައްބާސް ހިންގެވި އުދުވާނީ އަމަލެއް."

އަލްޖިހާދުލް އިސްލާމީ ޖަމާއަތުން ވެސް ވަނީ މަހްމޫދު އައްބާސް އިޒްރޭލަށް އެ ކުރެއްވި ޒިޔާރަތް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި މަހްމޫދު އައްބާސްގެ އެއަމަލަކީ ފަލަސްތީނު ރައްޔިތުންގެ ވިންދާ ހިލާފަށް ހިންގި އަމަލެއް ކަމަށެވެ. އިޒްރޭލުގެ ހަރުކަށި ކަނާތު ފިޔައިގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުތައް، އެ ގައުމުގެ ސިފައިން ތަންފީޒުކޮށް، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ކޮންމެ ދުވަހަކު ޓެރަރިސްޓް ހަމަލާތައް ދޭއިރު، ފަލަސްތީނު ރައްޔިތުން ތަމްސީލުކުރަން ހުންނަވާ ބޭފުޅަކު މިފަދަ އަމަލެއް ކުރެއްވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

އިޒްރޭލުގެ އިދިކޮޅު ފަރާތްތަކުން ވެސް ވަނީ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިޒްރޭލަށް ވަޑައިގެން ދިފާއީ ވަޒީރު ގާންޓްސްއާ ބައްދަލުކުރެވުމުން އެކަން ކުށްވެރިކޮށްފަ އެވެ. ކުރީގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ލީކޫޑް ޕާޓީން ބުނި ގޮތުގައި، ފަލަސްތީނުގެ ރައީސަށް ދައުވަތު ދެއްވައިގެން ދިފާއީ ވަޒީރުގެ ގެކޮޅުގައި ބައްދަލުކުރެއްވުމަކީ، ޔަހޫދީން ކުޑައިމީސް ކުރުން ކަމަށެވެ.

އޭގެ އިތުރުން، ފަލަސްތީނުގައި މިހާރު އޮތް ސަރުކާރަކީ އިޒްރޭލުގެ ގައުމީ ސަލާމަތަށް ކުރިމަތިވެފައި އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް ލީކޫޑް ޕާޓީން ބުންޏެވެ.