27 އޮކްޓޯބަރ 2021
ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ ގޮތުން، ހަދަމުންދާ ޔަހޫދީ އާބާދީތައް އިތުރުކުރުމަށް އިޒްރޭލުން ރާވާފައިވާ މަޝްރޫއަށް، ވަރަށް ބޮޑަށް ދެކޮޅު ހަދާކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ ގޮތުން، ހަދަމުންދާ ޔަހޫދީ އާބާދީތައް އިތުރުކުރުމަށް އިޒްރޭލުން ރާވާފައިވާ މަޝްރޫއަށް، ވަރަށް ބޮޑަށް ދެކޮޅު ހަދާކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.
އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް އިއްޔެ ވިދާޅުވީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުމަށް އިޒްރޭލުން ރާވާފައިވާ މަޝްރޫއު އެ ގޮތުގައި ތަންފީޒުކުރާ ނަމަ، މެދުއިރުމަތީގެ ސުލްހައަށް ހުރަސް އެޅޭނެ ކަމަށެވެ. ވަކިން ހާއްސަކޮށް، އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް ގާއިމުކޮށްގެން، މެދުއިރުމަތީގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް ފަނާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ ފަލަސްތީނުގެ އިމުގެ ތެރޭގައި ގާނޫނާ ޚިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތަކަށް ގާނޫނީ ހައިސިއްޔަތު ހޯދައިދިނުމަށް އިޒްރޭލު ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވެސް އެމެރިކާ ސަރުކާރު ހިތްހަމަނުޖެހޭ ކަމަށެވެ.
"މާދަމާ، ބުދަ ދުވަހު، ޔަހޫދީ އާބާދީތައް އިތުރުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ރާވާފައިވާ ރޭވުމާ މެދު އަހަރެމެން ވަރަށް ކަންބޮޑުވޭ. އޭގެ ތެރެއިން ގިނަ އާބާދީތައް ހަދަން ރާވާފައި އޮތީ، ހުޅަނގު އައްސޭރީގެ އެތެރޭގައި."
އޭގެ އިތުރުން އޭނާ ވިދާޅުވީ، ހުޅަނގު އައްސޭރީގައި، ޔަހޫދީން ވަޒަންވެރި ކުރުވުމަށް، އިތުރު 1300 ހައުސިން ޔުނިޓް ހެދުމަށް، މިދިޔަ އާދީއްތަ ދުވަހު ބީލަމަށް ހުޅުވައިލުމުން އެކަމާ އެމެރިކާ ކަންބޮޑުވާ ކަމަށެވެ. އަދި ޔަހޫދީ އާބާދީތައް އިތުރަށް ފުޅާކުރުމަށް އެމެރިކާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމަށާއި، އެއީ ފަލަސްތީނާއި އިޒްރޭލާ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލައި، ސުލްހަ ގާއިމުކުރުމަށް ކުރާ މަސައްކަތާ މުޅިން އިދިކީލި އަމަލުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުން މިހާރު ރާވާފައިވާ ގޮތަށް، ޔަހޫދީ އާބާދީތައް ފުޅާކުރާ ނަމަ، އެމެރިކާ ސަރުކާރުން އިޒްރޭލާ މެދު އެއްވެސް ފިޔަވަޅެއް އަޅާފާނެތޯ ސުވާލު ކުރުމުން، އެކަމަށް ސާފު ޖަވާބެއް ނުދެއްވައި، ޕްރައިސް ވިދާޅުވީ އެއީ، އިޒްރޭލާ އެކުގައި މިހާރުވެސް މަޝްވަރާ ކުރަމުން އަންނަ މައްސަލައެއް ކަމަށެވެ.
"މިއީ ވަރަށް ސީނިއާ ފަންތީގައި، އިޒްރޭލުގެ އިސް ވެރިންނާއެކުގައި، ވަރަށް މަތީ ފަންތީގައި، އަހަރެމެން މަޝްވަރާ ކުރަމުން އަންނަ ކަންބޮޑުވުންތަކެއް. އިޒްރޭލުގައި ތިބި އަހަރެމެންގެ ބައިވެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ މިކަމުގައި އަހަރެމެންގެ ސިޔާސަތަކީ ކޮބައިކަން. އަދި މިކަމުގައި އަހަރެމެންގެ ގެންގުޅޭ ސިޔާސަތާ އެއްގޮތަށް، އިޒްރޭލާ އެކުގައި މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދާނަން،" ޕްރައިސް ވިދާޅުވި އެވެ.
އިޒްރޭލުން ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތަކެއް ހަދަން އިއުލާން ކުރުމާ ގުޅިގެން، މިދިޔަ ހޯމަ ދުވަހު އދ. މަޖިލީހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އދ. އިން ބުނީ، ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހަދަމުން އަންނަ ޔަހޫދީ އާބާދީތަކަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހަދާފައިވާ، ޣައިރު ގާނޫނީ އިމާރާތްތަކެއް ކަމަށެވެ.
އދ.ގެ ސަލާމަތީ މަޖިލިސް
އިރުމަތީ ގުދުސްވެސް ހިމެނޭ ގޮތަށް، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި ހިފީ 1967 ވަނަ އަހަރު އަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމައިގަ އެވެ. އެއިރުން ފެށިގެން އިޒްރޭލުން އެ ބިން އަޅުވެތިކޮށް، ޔަހޫދީން ވަޒަންވެރި ކުރުވުމަށް، ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއްގައި މިހާރު ވަނީ ހައުސިން ޔުނިޓްތަކެއް ހަދައިފަ އެވެ. އިޒްރޭލުގެ މިއަމަލުތަކަކީ ޖެނީވާ މުއާހަދާއާ ވެސް ހިލާފު އަމަލުތަކެކެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން، މިދިޔަ ޖުލައި މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ޔަހޫދީ އާބާދީތަކެއް ހެދުމަކީ، ހަނގުރާމައިގެ ޖަރީމައެއްގެ ގޮތުގައި ބެލޭނެ ކަމަށެވެ. އޭގެ އިތުރުން 2016 ވަނަ އަހަރު އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހަދާފައިވާ ޔަހޫދީ އާބާދީތަކަކީ ގާނޫނީ ހައިސިއްޔަތެއް ނެތް ތަންތަން ކަމަށެވެ.
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް
އެމެރިކާގެ ވިސްނުމަކީ ދެ ދައުލަތުގެ ސިޔާސަތު
އިޒްރޭލާއި ފަލަސްތީނުގެ ބައްދަލުވުމެއް ޖޯޑްންގައި
ޝީރީން މަރާލުން، ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި
މަހްމޫދު އައްބާސްގެ އިޒްރޭލު ދަތުރުފުޅު ބޮޑު ބަހުސަކަށް
ބަހަނާއިން ފަލަސްތީނު މައްސަލަ އެއްފަރާތެއް ނުކުރެވޭނެ
ފަލަސްތީނު މުޒާހަރާތައް ފުޅާވެ ދެ ސަހަރެއް ބަންދުކޮށްފި
ޣައްޒާގެ ހަމަލާތައް ހުއްޓާލަން ގޮވާލުމާ އެމެރިކާ ދެކޮޅު
ހަމަލާތައް މެދުކަނޑައިލުމުގެ ގަރާރަކަށް ވޯޓު ނަގަނީ
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި