Roadha Mihaaru
ޣައްޒާގެ ހަމަލާތައް ހުއްޓާލަން ގޮވާލުމާ އެމެރިކާ ދެކޮޅު

ޣައްޒާގެ ހަމަލާތައް ހުއްޓާލަން ގޮވާލާ ގަރާރު އެމެރިކާއިން ފެއިލްކޮށްލައިފި

20 ފެބުރުއަރީ 2024

އިޒްރޭލަށް ކުރާ ތާއީދާ ހެދި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ފާޑުކިޔުން އިތުރުވެފައި ވިޔަސް، ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީޙަށް ހުށަހެޅި ގަރާރު އެމެރިކާއިން މިއަދު ވީޓޯކޮށް، ފެއިލްކޮށްލައިފި އެވެ.

އިޒްރޭލަށް ކުރާ ތާއީދާ ހެދި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ފާޑުކިޔުން އިތުރުވެފައި ވިޔަސް، ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީޙަށް ހުށަހެޅި ގަރާރު އެމެރިކާއިން މިއަދު ވީޓޯކޮށް، ފެއިލްކޮށްލައިފި އެވެ.

މީގެ ތިން ހަފްތާ ކުރިން އަލްޖިރިއާއިން ތައްޔާރުކޮށް ހުށަހެޅި މި ގަރާރުގައި އިޒްރޭލުގެ އިތުރުން ހަމާސް ޖަމާއަތަށް ވެސް، ފަލަސްތީނުގެ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ބޭނުމަށް ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވެ އެވެ.

"މިއަދު މި ކަމުގައި ވޯޓު ނަގައި ކުރިއަށް ދިއުމަކީ 'ޒިންމާދާރުކަން ކުޑަ، އަމިއްލަ އެދުން' ހިމެނޭ ކަމެއް ... އުނދަގޫ މަޝްވަރާތަކެއްގެ ކުރިމަރާލައި އެކަން ނާކާމިޔާބު ވެދާނެ މި ގަރާރަކަށް ވޯޓު ދެވޭކަށް ނެތް،" އެމެރިކާއިން އދ. އަށް ކަނޑައަޅާފައިވާ މަންދޫބު ލިންޑާ ތޯމަސް-ގްރީންފީލްޑް ވިދާޅުވި އެވެ.

އޭނާ ވަނީ މިކަމުގައި އެމެރިކާއިން އެކުލަވާލައި އާ ގަރާރަކަށް ވަކާލާތުކުރައްވައިފަ އެވެ.

އެމެރިކާ ވީޓޯކުރުމުން ފެއިލްވި ގަރާރަށް 13 ގައުމަކުން ތާއީދުކުރި އިރު އިނގިރޭސި ވިލާތުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

ސަލާމަތީ މަޖިލީޙުގައި މި ވޯޓު ނަގާފައި މި ވަނީ އިޒްރޭލުން ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ މިދިޔަ އަހަރު ފަހުކޮޅު ފެށި ހަމަލާތަކުގެ ސަބަބުން ޣައްޒާއިން ހާލުގައި ޖެހިފައިވާ 1.4 މިލިއަން މީހުން ތިބި ރަފަހް އަށް އަރަން ތައްޔާރުވަމުން ދަނިކޮށެވެ. އެކަމަކު އިޒްރޭލުގެ އެކުވެރި އެމެރިކާ އާއި އެެހެން ގައުމުތަކާއި ޖަމާއަތްތަކުން ވެސް ގެންދަނީ ރަފަހް އަށް ނޭރުމަށް ގޮވާލަމުންނެވެ.

ޣައްޒާގައި ހަމަލާތައް ހުއްޓަލަން ގޮވާލާ ގަރާރު ހުށަހެޅުއްވި އަލްޖީރިއާގެ މަންދޫބު އައްމާރް ބިން ޖާމިއު އދ.ގެ ސަލާމަތީ ވަޖިލީހުގައި މިއަދު ވޯޓު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ޣައްޒާގައި ހަމަލާތައް ހުއްޓަލަން ގޮވާލާ ގަރާރު ހުށަހެޅުއްވި އަލްޖީރިއާގެ މަންދޫބު އައްމާރް ބިން ޖާމިއު އދ.ގެ ސަލާމަތީ ވަޖިލީހުގައި މިއަދު ވޯޓު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

"މިއީ ބައެއް ގައުމުތަކުން ތުހުމަތުކުރާ ގޮތަށް، އިޒްރޭލުން ރަފަހްއަށް އަރަން އެެމެރިކާއިން ކޮށްދޭ ކަމެއް ނޫން. މިއީ ރަފަހް އިން ހިމާޔަތް ހޯދަމުން އަންނަ 1.5 މިލިއަން މީހުންގެ ހައްގުގައި އެމެރިކާއިން ވަރަށް އިހްލާސްތެރިކަމާ އެކު ކުރާ ކަމެއް،" ވޯޓުގެ ކުރިން ތޯމަސް-ގްރީންފީލްޑް ވިދާޅުވި އެވެ.

އަލްޖިރިއާގެ ގަރާރުގައި، ފަލަސްތީނު މީހުން ވަޒަން ދޫކޮށް ދާން މަޖުބޫރުކުރުމާ ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެންމެން ވަގުތުން ދޫކޮށްލަން ވެސް ވަނީ ގޮވާލައިފަ އެވެ. އެކަމަކު އެމެރިކާ އާއި އިޒްރޭލުން ވަނީ މި ގަރާރުގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ ކުށްވެރިކޮށްފައި ނެތް ކަމަށް ބުނެ އެކަން ބޮޑު މައްސަލައަކަށް ހަދައިފަ އެވެ.

އިޒްރޭލަށް އޮކްޓޫބަރު ހަތެއްގައި ހަމާސް އިން ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކުރުމުން ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 29،000 މީހަކު ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ