Roadha Mihaaru

އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރަން ފަލަސްތީނުގެ ރައީސް ގޮވާލައްވައިފި

ރަހީނުން މިނިވަން ނުކުރާ ނަމަ ޣައްޒާއަށް ހަމަލާދޭން އިޒްރޭލުން އުޒުރެއްގެ ގޮތުގައި އެކަން ދައްކާނެ ކަމަށާއި އެހެންވެ ހުރިހާ ރަހީނުން މިނިވަންކުރުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، ހަމާސް ޖަމާއަތަށް އިއްޔެ ގޮވާލައްވައިފި އެވެ.

އިޒްރޭލު ރަހީނުން މިނިވަންކުރަން އައްބާސް ގޮވާލައްވައިފި

ރަހީނުން މިނިވަން ނުކުރާ ނަމަ ޣައްޒާއަށް ހަމަލާދޭން އިޒްރޭލުން އުޒުރެއްގެ ގޮތުގައި އެކަން ދައްކާނެ ކަމަށާއި އެހެންވެ ހުރިހާ ރަހީނުން މިނިވަންކުރުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، ހަމާސް ޖަމާއަތަށް އިއްޔެ ގޮވާލައްވައިފި އެވެ.

އައްބާސް މިހެން ގޮވާލެއްވި އިރު ވެސް ފާއިތުވި 24 ގަޑިއިރު ތެރޭ އިޒްރޭލުން ފަލަސްތީނުގެ 25 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އައްބާސްގެ މި ގޮވާލެއްވުން އައިސްފައި ވާއިރު ފްރާންސާއި ޖަރުމަނާއި އިނގިރޭސި ވިލާތުން ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓުވާފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ވެސް ގޮވާލައިފަ އެވެ.

"ހަމާސް އިން އަމަލުކުރާ ގޮތުން އިސްތިއުމާރީންގެ ޖަރީމާތައް ކުރިއަށް ގެންދަން ދައްކާނެ އުޒުރަކަށް އެކަން ވޭ. އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ ރަހީނުން މިނިވަންނުކޮށް ތިބުން،" ހުޅަނގު އައްސޭރީގައި ހިންގާ ފަލަސްތީން އޮތޯރިޓީ (ޕީއޭ) ގެ ރައީސް އައްބާސް ވިދާޅުވި އެވެ.

"މިކަމުގެ އަގު އަދާކުރަންޖެހޭ މީހަކީ އަޅުގަނޑު. އަޅުގަނޑުމެންގެ ރައްޔިތުން އެ ދަނީ އަގު އަދާކުރަމުން. އިޒްރޭލަކުން ނޫން. އަޚުންނޭ، އެ މީހުން [ރަހީނުން] ހަވާލުކުރެވޭ."

އައްބާސް ވިދާޅުވީ ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދުވަމުންދާ ކަމަށާއި "އެކަމުގެ ސަބަބަކީ ހަމާސް އިން އެމެރިކާގެ ރަހީނު މިނިވަން ނުކުރުން" ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ ހަމާސްގެ އަތްދަށުގައިވާ އެމެރިކާ މީހަކަށެވެ.

"ކުއްތާގެ ދަރިން" ގެ ގޮތުގައި ސިފަކުރުމަށް އަރަބި ބަހުން ބޭނުންކުރާ އިބާރާތަކާ އެކު އައްބާސް ވަނީ ހަމާސް އަށް "ހުތުރު" ކޮށް އިޝާރާތްކުރައްވައިފަ އެވެ. އެ އިބާރާތާ އެކު އައްބާސް ވިދާޅުވީ "ކަލޭމެންގެ އަތްދަށުގައި ތިބި ބަޔަކު ދޫކޮށްލާފައި އަހަރެމެން މިކަމުން ސަލާމަތްކޮށްދޭށޭ" ވިދާޅުވެފަ އެވެ.

ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބާސިމް ނާއިމް ވިދާޅުވީ އައްބާސްގެ ރައްދު ހުތުރު ކަމަށާއި އެއީ ކުޑައިމީސްކުރުން ކަމަށެވެ. އޭނާ ވިދާޅުވީ އިޒްރޭލުން ހިންގާ ޖަރީމާތަކުގެ ސަބަބަކީ ހަމާސް ކަމަށް ދައްކަން މަސައްކަތްކުރެއްވުމަކީ އައްބާސް ތަކުރާރުކޮށް ކުރައްވާ ކަމެއް ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި އަސްކަރީ ހަމަލާތައް އަލުން ފެށީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އެއީ 15 މަސް ދުވަސް ވަންދެން ޣައްޒާއަށް ހަމަލާ ދިނުމަށް ފަހު ހަމާސްއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ޖެނުއަރީ މަހު ތެރޭ ހަމަލާތައް މެދުކަނޑާލައިގެން ތިބުމަށް ފަހު އެވެ. ހަމަލާތައް މެދުކަނޑާލައިގެން ތިބި އިރު ހަމާސް އިން އިޒްރޭލުގެ 33 ރަހީނުން ދޫކޮށްލާފައި ވާއިރު އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގާތްގަނޑަކަށް 1800 ގައިދީން މިނިވަންކުރި އެވެ.

ހަމަލާތައް ހުއްޓާލުމާ ބެހޭ އާ މަޝްވަރާތަކުން މިހާތަނަށް އެއްވެސް ކާމިޔާބީއެއް ހޯދިފައި ނުވާއިރު، ހަމާސްގެ ވަފުދެއް މިވަގުތު ވެސް މިސްރުގައި މަޝްވަރާއަށް ގޮސް އެބަ ތިއްބެވެ.