26 ސެޕްޓެމްބަރ 2021
އިޒްރޭލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ސިފައިން ބޭލުމަށް، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް، އިޒްރޭލަށް އެއް އަހަރުގެ މުހުލަތެއް ދެއްވައިފި އެވެ.
އިޒްރޭލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ސިފައިން ބޭލުމަށް، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް، އިޒްރޭލަށް އެއް އަހަރުގެ މުހުލަތެއް ދެއްވައިފި އެވެ.
ސެޕްޓެމްބަރު 24 ވަނަ ދުވަހު އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ އާންމު ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މަހްމޫދު އައްބާސް ވިދާޅުވި ގޮތުގައި، އެ މުއްދަތުގެ ތެރޭގައި ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ސިފައިން ނުބާލައިފި ނަމަ، އިޒްރޭލަކީ ދައުލަތެއް ކަމަށް ފަލަސްތީނުން އިއުތިރާފުވުން ހުއްޓައިލާނެ އެވެ.
މަހްމޫދު އައްބާސް ވިދާޅުވި ގޮތުގައި ފަލަސްތީނުގެ މިނިވަން ދައުލަތަށް ބޭނުންވާ ބިންތަކުން، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އިޒްރޭލު ސިފައިން ނުފައިބައިފި ނަމަ، 1967 ވަނަ އަހަރު ގާއިމުކުރި ސަރަހައްދީ އިމުގައި ގާއިމުކުރި އިޒްރޭލުގެ ދައުލަތް ފަލަސްތީނުން ބަލައެއްނުގަންނާނެ އެވެ.
އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، މިސްރާއި ޖޯޑަން އާއި ލެބަންނަން އަދި ސީރިޔާ ސިފައިން ގުޅިގެން 1948 ވަނަ އަހަރު ފެށި ހަނގުރާމަ ހުއްޓައިލުމަށް، އެ ގައުމުތަކާއި އިޒްރޭލާ ދެމެދު 1949 ވަނަ އަހަރު ގާއިމުކުރި އެއްބަސްވުންތަކުގައި، އަރަބީންގެ ބިންތަކާއި އިޒްރޭލުގެ ބިންތައް ކަނޑައަޅައިދޭ ސަރަހައްދީ ރޮނގެއް ފާހަގަ ކޮށްފައިވެ އެވެ.
ނަމަވެސް އޭގެ ފަހުން އަރަބީންނާއި އިޒްރޭލާ ދެމެދު 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގައި، އަރަބިންގެ ބައެއް ބިންތައް އިޒްރޭލުން ހިފި އެވެ. އޭގެ ތެރޭގައި ސީރިޔާގެ ގޯލާންގެ އުސް ބިންތަކާއި ޖޯޑަންގެ ބައެއްގެ ގޮތުގައި އޮތް ހުޅަނގު އައްސޭރި އާއި، މިސްރުގެ ބައެއްގެ ގޮތުގައި އޮތް ސައިނާ އާއި ގާޒާ ހިމެނެ އެވެ.
އެ ބިންތަކުގެ ތެރެއިން، އިޒްރޭލު ސިފައިން މިހާތަނަށް ފައިބައިފައި ވަނީ، މާޗް 26، 1979 ގައި އިޒްރޭލާއި މިސްރާ ދެމެދު ސޮއިކުރި ކޭމްޕް ޑޭވިޑް އެއްބަސްވުމުގެ ދަށުން، މިސްރުގެ ސައިނާ އިން އެކަންޏެވެ. އަދި 1993 ވަނަ އަހަރު ފަލަސްތީނާއި އިޒްރޭލާ ދެމެދު ސޮއިކުރި އޮސްލޯ މުއާހަދާގެ ދަށުން، ހުޅަނގު އައްސޭރި އާއި ގާޒާގައި، ފަލަސްތީނު ރައްޔިތުންގެ ޒާތީ ވެރިކަމެއް ގާއިމުކުރުމަށް، އިޒްރޭލުން އެއްބަސްވެ، އެ ބިންތަކުން އިޒްރޭލު ސިފައިން ފައިބަން އެއްބަސްވި އެވެ.
ނަމަވެސް މިހާތަނަށް އައިއިރު ވެސް، ފަލަސްތީނުގެ ބިންތަކަށް ފުރިހަމަ މިނިވަންކަމެއް ނުލިބެ އެވެ. އިޒްރޭލުން ބޭނުންވެއްޖެ ހިނދެއްގައި ބާރުގެ ބޭނުންކޮށް، ފަލަސްތީނުގެ ބިންތަކަށް ވަދެގަނެ، އިޒްރޭލު ސިފައިން ބޭނުން ކޮންމެ ޖަރީމާއެއް ހިންގަ އެވެ.
"އަހަރެމެން މިއަދު މި އިއުލާން ކުރަނީ، އިރުމަތީ ގުދުސް ވެސް ހިމެނޭ ގޮތުން، 1967 ވަނަ އަހަރު އިޒްރޭލުން ހިފި ފަލަސްތީނުގެ ބިންތަކުން ފައިބަން، އިސްތިއުމާރީ ބާރު، އިޒްރޭލަށް ދެން އޮތީ އެއް އަހަރުކަން،" އދ.ގެ އާންމު މަޖިލީހުގައި، ދެއްކި ވީޑިއޯ މެސެޖްގައި، މަހްމޫދު އައްބާސް ވިދާޅުވި އެވެ.
"އެކަން ހާސިލް ނުވާނަމަ، 1967ގެ ސަރަހައްދީ އިމުގެ މައްޗަށް ބިނާވެފައިވާ އިޒްރޭލުގެ ދައުލަތް ގަބޫލުކުރުން މަތީ (ފަލަސްތީނު) ދެމިއޮތުމުގެ ބޭނުމަކީ ކޮބާ؟"
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް (ކ) އާއި އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫ (ވ) އެމެރިކާގެ ވޮޝިންޓަންގައި ބައްދަލުކުރައްވަނީ. އަރިހުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ
އދ.ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިޒްރޭލުގެ ދައުލަތަކާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް މަހްމޫދު އައްބާސް ވިދާޅުވި އެވެ. އަދި ދެ ދައުލަތުގެ ހައްލަކުން މެދުއިރުމަތީގެ މައްސަލަ ހައްލުކުރުމަށްޓަކައި، ބައިނަލްއަގުވާމީ ސުލްހައިގެ މަހާސިންތާއެއް ބާއްވައިދިނުމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށް، މަހްމޫދު އައްބާސް ގޮވައިލެއްވި އެވެ.
އިޒްރޭލުން އެކި އަހަރު މަތިން ފަލަސްތީނުގެ ބިންތައް އަޅުވެތިކުރަމުން ދިޔަ ގޮތުގެ ޗާޓުތަކެއް ދައްކައިދޭ ކުރެހުމެއްގެ ކުރިމަތީ ހުންނަވައިގެން ވާހަކަ ދައްކަވަމުން، މަހްމޫދު އައްބާސް ވިދާޅުވި ގޮތުގައި، އިޒްރޭލަކީ ނަސްލީ އިމްތިޔާޒުގެ ގެންގުޅޭ ބައެއް ކަމަށެވެ. އަދި އިޒްރޭލުން މަސައްކަތް ކުރަމުން ދަނީ ފަލަސްތީނުގެ ނަސްލު ފޮހެލުމަށް ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
މިއީ ފަލަސްތީނާއި އިޒްރޭލާ ދެމެދު 1993 ވަނަ އަހަރު ސޮއިކުރި އޮސްލޯ މުއާހަދާ އަށް ފަހު، ފަލަސްތީނުގެ ވެރިއަކު މިހާ ހަރުކަށި އިބާރާތުން އިޒްރޭލާ މުހާތަބު ކުރި ފުރަތަމަ ފަހަރެވެ.
މަހްމޫދު އައްބާސް ވިދާޅުވި ގޮތުގައި ފަލަސްތީނު ދައުލަތުގެ ބިންތައް އަޅުވެތިކޮށްގެން އޮންނަ އޮތުމުގެ ގާނޫނީ ހައިސިއްޔަތު އޮޅުން ފިލުވުމަށް، ބައިނަލްއަގުވާމީ އިންސާފުގެ ކޯޓަށް ދާން ވެސް ފަލަސްތީނު އޮތީ ތައްޔާރަށެވެ.
މަހްމޫދު އައްބާސްގެ ވާހަކަތަކަށް ރައްދު ދެއްވަމުން، އދ.ގައި ހުންނަވާ އިޒްރޭލު ސަފީރު ޖިލާދު އިރްދާން ވިދާޅުވީ ސުލްހަޔަށާއި މަޝްވަރާ އަށް ހަގީގަތުގައި ވެސް ތާއީދުކުރާ މީހަކު، މަހްމޫދު އައްބާސް ކަންތައް ކުރެއްވި ފަދައިން، އދ.ގެ ޕޯޑިއަމްގައި ހުންނަވައިގެން، ވަހުމީ އިންޒާރުތަކެއް ނުދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަހްމޫދު އައްބާސްގެ ވާހަތަކުން ސާބިތުވީ، އޭނާ އެ މަގާމަށް ކުފޫ ހަމަނުވާ ކަމެވެ.
އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމުގެ ވާހަކަތައް ފެށުނީ، އިޒްރޭލާއި ފަލަސްތީނާ ދެމެދު 1993 ވަނަ އަހަރު ސޮއިކުރި އޮސްލޯ މުއާހަދާ އަށް ފަހުގަ އެވެ. ނަމަވެސް އެ މުއާހަދާގައިވާ މިންވަރަށް ފަލަސްތީނަށް ބިންތައް ދިނުމަށާއި ފަލަސްތީނަށް މިނިވަންކަން ދިނުމަށް އިޒްރޭލުން ދެކޮޅު ހަދާތީ، ދެ ދައުލަތް ގާއިމުކުރުމުގެ މަޝްވަރާތައް ހުއްޓިފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.
ދެ ދައުލަތް ގާއިމުކުރުމާ ބެހޭ ގޮތުން އިޒްރޭލުން އެންމެ ފަހުން ހުށަހެޅި ދެލިކޮޕީގައިވާ ގޮތުން، ފަލަސްތީނަށް ފުރިހަމަ މިނިވަން ދައުލަތެއްގެ ހައިސިއްޔަތު ނުލިބޭ ކަމަށް ފަލަސްތީނުން ބުނެ އެވެ. އޭގެ އިތުރުން، ގުދުސްގެ މައްސަލަ އާއި ފަލަސްތީނުގެ ރެފިއުޖީންގެ މައްސަލަ އަށް ވެސް، އެ ހުށަހެޅުމުން ހައްލެއް ނުލިބޭ ކަމަށް ފަލަސްތީނުން ބުނެ އެވެ.
އިޒްރޭލު ސިފައިން، ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސާއި ގާޒާ ހިފީ، 1967ގެ ހަނގުރާމައިގަ އެވެ. ނަމަވެސް އެ ބިންތައް އަދިވެސް އޮތީ އިޒްރޭލުގެ އަޅުވެތިކަމުގެ ދަށުގަ އެވެ.
އިޒްރޭލު-ފަލަސްތީނު މައްސަލައިގެ ދާއިމީ ހައްލަކީ މިނިވަން ދެ ދައުލަތް ގާއިމުކުރުން ކަމަށް ބައިނަލްއަގުވާމީ މުޖްތަމައު އެއްބަސްވާ އިރު ވެސް، އިޒްރޭލުގެ މިހާރުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ގެންދަވަނީ ފާޅުގައި އެކަމަށް ދެކޮޅު ހައްދަވަމުންނެވެ. އަދި އޭނާގެ ކުރިން ހުންނެވި ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ވެސް ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.
ތިން ވެރިން އިޒްރޭލު ކުށްވެރި ކުރައްވައިފި
މަހްމޫދު އައްބާސްގެ އިޒްރޭލު ދަތުރުފުޅު ބޮޑު ބަހުސަކަށް
"އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުމަކީ ގޯހެއް"
ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައިފި
ފަލަސްތީނުގެ ރައީސަށް 24 ގަޑިއިރުގެ މުހުލަތެއް
އޮސްލޯ މުއާހަދާ އަށް 30 އަހަރު. ވީކަމެއް ހަރާން
މަހްމޫދު އައްބާސް ޖެނީން އަށް
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް
އެމެރިކާގެ އިންޒާރެއް އިޒްރޭލަށް
ފަލަސްތީނު މީހުން އަގްސާ އަށް ޖަމާވުމަށް ގޮވާލައިފި