13 ސެޕްޓެމްބަރ 2023
އެމެރިކާގެ އޭރުގެ ރައީސް ބިލް ކްލިންޓަންގެ ހާޒިރުގައި، ޕެލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ލީޑަރު ޔާސިރު އަރަފާތާއި އިޒްރޭލުގެ ބޮޑުވަޒީރު އިސްހާގް ރަބީން އަތާ އަތް ޖޯޑުކުރައްވައި ކުރެއްވި ސަލާމުން އެތައް ބަޔަކަށް އުންމީދުގެ އަލިކަން ލިބުނެވެ. އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ގޯތި ތެރޭގައި، ސެޕްޓެމްބަރު 13، 1993 ގައި އޮތް އެ ރަސްމިއްޔާތަށް މިއަދު 30 އަހަރު ފުރުނީ އެވެ.
އެމެރިކާގެ އޭރުގެ ރައީސް ބިލް ކްލިންޓަންގެ ހާޒިރުގައި، ޕެލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ލީޑަރު ޔާސިރު އަރަފާތާއި އިޒްރޭލުގެ ބޮޑުވަޒީރު އިސްހާގް ރަބީން އަތާ އަތް ޖޯޑުކުރައްވައި ކުރެއްވި ސަލާމުން އެތައް ބަޔަކަށް އުންމީދުގެ އަލިކަން ލިބުނެވެ. އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ގޯތި ތެރޭގައި، ސެޕްޓެމްބަރު 13، 1993 ގައި އޮތް އެ ރަސްމިއްޔާތަށް މިއަދު 30 އަހަރު ފުރުނީ އެވެ.
އެ ދުވަހު އެ ދެ ބޭފުޅުން ސޮއިކުރެއްވި އޮސްލޯ މުއާހަދާ އިން، އެއް ބަޔަކު އަނެއް ބަޔަކަށް ފުރަތަމަ ފަހަރަށް އިއުތިރާފްވި އެވެ. އެ ގޮތުން އިޒްރޭލަކީ ދައުލަތެއް ކަމަށް ޕީއެލްއޯ އިން އިއުތިރާފްވި އެވެ. އަދި ޕީއެލްއޯއަކީ ފަލަސްތީނު ރައްޔިތުން ތަމްސީލުކުރާ ރަސްމީ ޖަމާއަތް ކަމަށާއި ފަލަސްތީނުގެ ކަންކަމުގައި އިޒްރޭލުން މުއާމަލާތުކުރާނެ ޖަމާއަތަކީ ވެސް ޕީއެލްއޯ ކަމަށް އިޒްރޭލުން ގަބޫލުކުރި އެވެ.
ވައިޓް ހައުސްގެ ގޯތިތެރޭގައި ސޮއިކުރި އެ މުއާހަދާ އަށް އޮސްލޯ މުއާހަދާ 1ގެ ނަން ދީފައިވަނީ، އެ މުއާހަދާ އަށް ދެ ފަރާތުން އެއްބަސްވީ، ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރި މަޝްވަރާތަކުގައި ކަމަށްވާތީ އެވެ. އެ މަޝްވަރާތަކުގެ ދަށުން ދެ ފަރާތުން އެއްބަސްވި ދެ ވަނަ މުއާހަދާ، އޮސްލޯ 2 ވަނަ މުއާހަދާގައި ސޮއިކުރީ، މިސްރުގެ ޠާބާގައި 1995 ވަނަ އަހަރު އެވެ.
އޮސްލޯ މުއާހަދާގައި ސޮއިކުރުމުން ނުކުތް ނަތީޖާއަކީ، ފަލަސްތީނަކީ ސިޔާދަތީ މިނިވަންކަން ލިބިގެންވާ ގައުމެއް ކަމަށް ފަލަސްތީނުން ކުރަމުން އައި ދައުވާ، 1948 ވަނަ އަހަރު ފަލަސްތީނު ބިމުގައި ގާއިމުކުރި އިޒްރޭލުން ގަބޫލުކުރުމެވެ. އެ މުއާހަދާ އިން އިޒްރޭލާއި ފަލަސްތީނަށް ލާޒިމުކުރި އެންމެ މުހިންމު ކަމަކީ، ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމުގެ ގޮތުން ދެ ފަރާތުގެ މެދުގައި ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިއުމެވެ.
ނަމަވެސް މިއަދާ ހަމައަށް އައި އިރު އެ މުއާހަދާ އޮތީ، ލިޔުމުގައި އޮންނަ އަދި ކިޔުމުގައި ނޯންނަ އެއްޗެއްގެ ގޮތުގަ އެވެ. އޮސްލޯ މުއާހަދާގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ހައްގެއް އަދި މިނިވަންކަމެއް ވެސް ނެތެވެ. އޭގެ ބަދަލުގައި މިދިޔަ 30 އަހަރުގެ ތެރޭގައި ވެސް ފެނިގެން ދިޔައީ، ފަލަސްތީނުގެ އިތުރު ބިންތައް އިޒްރޭލުން ހިފައި، އެ ބިންތަކުގައި ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ ޚިލާފަށް ޔަހޫދީން ވަޒަންވެރިކުރުވި މަންޒަރެވެ.
އެ މުއާހަދާގެ ދަށުން އިޒްރޭލަށް ލާޒިމުކުރާ އެންމެ މުހިންމު ކަމަކީ، 1967 ވަނަ އަހަރުގެ ފަހުން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުރިހާ ބިންތައް ފަލަސްތީނު ސަރުކާރާ ހަވާލު ކުރުމެވެ. ނަމަވެސް އިރުމަތީ ގުދުސްގެ މިލްކުވެރިކަމާއި ފަލަސްތީނުގެ ބިންތަކުގައި ހުރި ޔަހޫދީ އާބާދީތަކާ މެދު، އިތުރަށް މަޝްވަރާކޮށްގެން ހައްލެއް ގެނައުމަށް ވެސް މުއާހަދާގައިވެ އެވެ.
އޭގެ އިތުރުން، އިދާރީ ގޮތުން ހުޅަނގު އައްސޭރި ތިން ބަޔަކަށް ބައިކޮށް ހުޅަނގު އައްސޭރި އާއި ގާޒާގައި ފަލަސްތީނުގެ ޒާތީ ވެރިކަމެއް (ސަރުކާރެއް ނޫން) ގާއިމުކުރުމަށް އޮސްލޯ މުއާހަދާ ބުނެ އެވެ. އެ ތިން ސަރަހައްދު ކަނޑައަޅައި ހުޅަނގު އައްސޭރި އާއި ގާޒާގައި ފަލަސްތީނުގެ ޒާތީ ވެރިކަމެއް، 1994 ވަނަ އަހަރު ގާއިމުކުރި އެވެ.
ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އިޒްރޭލުން އެއްވެސް އެއްބާރުލުމެއް ނުދެ އެވެ. އަދި އޮސްލޯ މުއާހަދާގައި ބުނެފައިވާ ގޮތަށް، ފަލަސްތީނުގެ ބިންތަކުން ވެސް އިޒްރޭލު ސިފައިން ނުފައިބަ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން މިއަދުވެސް ދަމަހައްޓަމުން އަންނަ ސިޔާސަތަކީ، ފަލަސްތީނުގެ ބިންތަކުން ފަލަސްތީނު ރައްޔިތުން ބޭރުކޮށް، ޔަހޫދީންނަށް އެ ބިންތައް ދިނުމެވެ.
މައްސަލައިގެ ހަގީގަތަކީ، އިޒްރޭލުގެ ހަރުކަށި އަދި ނުފޫޒު ގަދަ ޔަހޫދީން، އޮސްލޯ މުއާހަދާއާ ގަބޫލު ނުކުރުމެވެ. އަދި ފަލަސްތީނު ރައްޔިތުންނަކީ، ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވެ އުޅެންޖެހޭނެ ބައެއް ނޫން ކަމަށް ދެކި، ޕީއެލްއޯއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ގަބޫލު ކުރުމެވެ.
ހަރުކަށި ޔަހޫދީން ދެކޭ ގޮތުގައި ޔާސިރު އަރަފާތާ އެކުގައި އޮސްލޯ މުއާހަދާގައި ސޮއިކުރި، އިޒްރޭލުގެ ވެރިންނަކީ ގައުމަށް ޣައްދާރުވެފައިވާ ބައެކެވެ. އެތުހުމަތާ އެކު ހަރުކަށި ޔަހޫދީން ނުކުމެ، އެ މުއާހަދާގައި އިޒްރޭލުގެ ފަރާތުން ސޮއިކުރެއްވި ބޮޑުވަޒީރު އިސްހާގް ރަބީން އަށް ބަޑިން ހަމަލާ ދީ 1995 ވަނަ އަހަރު ވަނީ އަވަހާރަކޮށްލައިފަ އެވެ.
އޭނާ އަވަހާރަކޮށްލުމުގެ ކުރިން އޭނާ އަށް މަރުގެ އިންޒާރު ދިން ހަރުކަށި ޔަހޫދީންގެ ތެރޭގައި، އިޒްރޭލުގެ މިހާރުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބިން-ޣަފީރު ހިމެނެ އެވެ.
ރަބީން އަވަހާރަކޮށްލުމަށް ފަހު، އިޒްރޭލުގެ ވެރިކަމަށް ވަޑައިގެންނެވި ހުރިހާ ބޮޑުވަޒީރުންނަކީ ވެސް، ފަލަސްތީނާ އެކުގައި ސުލްހަ ގާއިމުކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާ ދެކޮޅު ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު އެރިއަލް ޝެރޯން އާއި މިހާރުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ވެސް ހިމެނެ އެވެ.
އޮސްލޯ މުއާހަދާގައި ސޮއިކުރިތާ 30 އަހަރު ވެގެން ދިޔައިރު، އެ މުއާހަދާގެ ދަށުން އިޒްރޭލު އުފުލަންޖެހޭ އެއްވެސް ޒިންމާއެއް މިހާތަނަށް އުފުލައިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އިޒްރޭލުގެ ސިޔާސަތަކަށް ހެދީ، ފަލަސްތީނުގެ ބިންތަކުން ފަލަސްތީނު މީހުން ބޭރުކުރުމާއި ފަލަސްތީނު މީހުން މެރުމެވެ.
ހަމައެއާއެކު ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ޔަހޫދީންގެ އަދަދު، އޮސްލޯ މުއާހަދާގައި ސޮއިކުރި އިރު ތިބި އަދަދަށް ވުރެ، އޭގެ ފަހުން އައި ހަތް އަހަރުގެ ތެރޭގައި ވަނީ ތިން ގުނަ އިތުރުވެފަ އެވެ. އަދި ފަލަސްތީނުގެ ބިންތަކުގައި ހަދާފައިވާ ޔަހޫދީ ގޭބިސީތަކާއި ހައުސިން ޔުނިޓްތަކުގެ އަދަދު ވެސް ވަނީ ތިން ގުނަ އިތުރުވެފަ އެވެ.
ފަލަސްތީނު މީހަކު ވެހިކަލެއްގެ ބޮނެޓް މަތީ އައްސާފައި!
ހަމަލާގެ ތުހުމަތުވާ ފަލަސްތީނު މީހެއްގެ ގެ ގޮއްވާލައިފި
އިޒްރޭލު އެޖެންޓުން ހޮސްޕިޓަލަކަށް ވަދެ ބަޔަކު މަރައިފި
"ހަމާސްއަށް ތާއީދުކުރާ" ދަރިވަރުންތަކެއް ހައްޔަރުކޮށްފި
މީހެއްގެ ގައިމަތިން އިޒްރޭލު ސިފައިން ވެހިކަލް ދުއްވި
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ހުޅަނގު އައްސޭރީގައި ވެސް ހަނގުރާމަ ފަށަން ޖެހިދާނެ
އިޒްރޭލުގެ ރަހީނުންނާ ސިންވާރު ބައްދަލުކުރެއްވި
ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައިފި
ފަލަސްތީނުގެ އަސީރުން މެރުމުގެ ގާނޫނެއް ހަދަނީ