Roadha Mihaaru
"ހަމާސްއަށް ތާއީދުކުރާ" ދަރިވަރުންތަކެއް ހައްޔަރުކޮށްފި

"ހަމާސް އަށް ތާއީދުކުރާތީ" ފަލަސްތީނުގެ ޔުނިވަސިޓީ ދަރިވަރުންތަކެއް ހައްޔަރުކޮށްފި

16 ޖެނުއަރީ 2024

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި، ހަމާސްއަށް ތާއީދުކުރާތީ ކަމަށް ބުނެ ޔުނިވަސިޓީ ދަރިވަރުންތަކެއް އިއްޔެ ހައްޔަރުކޮށްފި އެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި، ހަމާސްއަށް ތާއީދުކުރާތީ ކަމަށް ބުނެ ޔުނިވަސިޓީ ދަރިވަރުންތަކެއް އިއްޔެ ހައްޔަރުކޮށްފި އެވެ.

ނާބުލްސްގައި ހުންނަ ނަޖާހް ނެޝަނަލް ޔުނިވަސިޓީގެ ދަރިވަރުންތަކެއް ހައްޔަރުކުރުމާ އެކު އެ ޔުނިވަސިޓީން ވަނީ މިއީ އިޒްރޭލުން ތަނެއްދޮރެއް ނުބަލައި ހިންގާ ލާއިންސާނީ އަމަލުތައް ކަމަށް ބުނެ އެ ދަރިވަރުން ވަގުތުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ.

ޔުނިވަސިޓީ އާއި ފަލަސްތީން ޕްރިޒަނާސް ކްލަބުން ބުނީ ފަތިހު ހިންގި އޮޕަރޭޝަންގައި 25 ދަރިވަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިޒްރޭލުން ބުނީ ސަލާމަތީ ބާރުތަކުން ހައްޔަރުކުރީ "އެންމެ ނުވަ" މީހުން ކަމަށާއި އެއީ ހަމާސްގެ "ސްޓޫޑެންޓް ސެލް" ގެ މެންބަރުންގެ ތެރެއިން ހައްޔަރުކުރަން ބޭނުންވާ މީހުން ކަމަށެވެ.

ފަލަސްތީނުގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި މި ދަރިވަރުން ހައްޔަރުކޮށްފައިވަނީ ހަމާސް އަށް ނަސްރު ދެއްވުން އެދި ދުއާކޮށް ސޯޝަލް މީޑިއާގައި ހަމާސް އަށް ތާއީދުކުރި ފަހުން ކަމަށެވެ.

އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް އިޒްރޭލުން ދޭން ފެށި ހަމަލާތަުގައި ފަލަސްތީނުގެ 23،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ޣައްޒާއަށް ހަމަލާ ދޭން ފެށުމާ އެކު ހުޅަނގު އައްސޭރީގައި ވެސް އިޒްރޭލުގެ އަނިޔާވެރިކަން އިތުރުކޮށް މިހާތަނަށް 520 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. --އޭއެފްޕީ