Roadha Mihaaru
ހަމަލާގެ ތުހުމަތުވާ ފަލަސްތީނު މީހެއްގެ ގެ ގޮއްވާލައިފި

ހަމަލާގެ ތުހުމަތުވާ ފަލަސްތީނު މީހެއްގެ ގެ ގޮއްވާލައިފި

05 މާޗް 2024

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި މިދިޔަ އަހަރު، އިނގިރޭސި ދަރިކޮޅުގެ އިޒްރޭލު އަންހެނަކާއި އޭނާގެ ދެ އަންހެން ދަރިން މަރާލި ކަމަށް ތުހުމަތު ކުރެވޭ ފަލަސްތީނު މީހާގެ ގެ އިޒްރޭލުން ގޮއްވާލައިފި އެވެ.

މިކަމުގައި އިޒްރޭލުން ތުހުމަތުކުރާ މުއާޒް އަލް މަސްރީ ވަނީ އިޒްރޭލުން މިހާރު ދެމުން ގެންދާ ހަމަލާތަކުގައި މަރާލައިފަ އެވެ. މަންޒަރު ދުށް މީހުން ބުނީ އޭނާގެ އެޕާޓްމަންޓް ވެސް އިއްޔެ ފަތިހު ގޮއްވާލާފައިވާ ކަމަށެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނީ ހުޅަނގު އައްސޭރީގެ ނާބުލްސް ސިޓީއަށް އިޒްރޭލު ސިފައިން ވަދެ، ގެ ގޮއްވާލަން ހިންގި އޮޕަރޭޝަނުގައި ކަރުނަ ގޭސް ޖަހައި މީހުން ކޮންޓްރޯލްކުރުމުގެ ތެރޭ އަނިޔާވި 15 ވަރަަކަށް މީހުންނަށް ފަރުވާދޭން ޖެހުނު ކަމަށެވެ.

އިޒްރޭލުން ތުހުމަތުކުރާ ފަލަސްތީނު މީހެއްގެ ގެ ގޮއްވާލަން ހިންގި އޮޕަރޭޝަންތެރޭ މީހަކު ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ތުހުމަތުކުރާ ފަލަސްތީނު މީހެއްގެ ގެ ގޮއްވާލަން ހިންގި އޮޕަރޭޝަންތެރޭ މީހަކު ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި މަސްރީ އާއި އިތުރު ދެ މީހަކު އިޒްރޭލުގެ ވަޒަންވެރިއެއް ކަމަށްވާ ލީއާ ޑީ އާއި އޭނާގެ އަންހެން ދަރިން މަރާލީ ކާރުގައި ދުއްވާފައި ދަނިކޮށް ބަޑިން ހަމަލާދީގެންނެވެ. މިކަމުގައި އިޒްރޭލުން ތުހުމަތުކުރާ އެންމެން މިދިޔަ މެއި މަސް ތެރޭ އިޒްރޭލުން ވަނީ މަރާލައިފަ އެވެ.

އިޒްރޭލު މީހުންނަށް ހަމަލާދޭ ކަމަށް ތުހުމަތުވާ މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން އެ މީސްމީހުންގެ ގެދޮރު ނައްތާލުމަކީ އިޒްރޭލުން މިހާރު އާންމުކޮށް ކުރާ ކަމެކެވެ.

އިސްރާއީލުން ވަނީ 1967 ވަނަ އަހަރު އަރަބި-އިޒްރޭލު ހަނގުރާމައަށް ފަހު ހުޅަނގު އައްސޭރި، އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ހިފައި އަދި އޭގެ ފަހުން ގުދުސް މުޅިން ވަކިކޮށްލައިފަ އެވެ. އިޒްރޭލުން މި ސަރަހައްދުގައި މީހުން ވަޒަންވެރިކުރުވަމުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ވިޔަސް އާބާދުކުރުވުން ދަނީ އިތުރުވަމުންނެވެ. އަދި މިކަން ވެފައިވަނީ އިޒްރޭލާއި ފަލަސްތީނުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު އެއް ހުރަހަށެވެ. -- އޭއެފްޕީ