Roadha Mihaaru
މުއްސަނދިންނަށް ބިން ވިއްކާތީ ނަޝީދުގެ ނުރުހުން

މުއްސަނދިންނަށް ހުޅުމާލެ އިން ބިން ވިއްކުމަށް ނަޝީދު ދެކޮޅު

27 ޑިސެމްބަރ 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން 60 ގޯތި ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލާފައިވަނިކޮށް މަދު އާމްދަނީ ލިބޭނެ މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުން ބަލައިނުގަނެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން 60 ގޯތި ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލާފައިވަނިކޮށް މަދު އާމްދަނީ ލިބޭނެ މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުން ބަލައިނުގަނެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެޗްްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލައި އެކަމަށް ޝައުގުވެރިވާ ނަމަ، ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހެޅުމަށެވެ. އެހެންވެ، މުއްސަނދިންނަށް ބިން ވިއްކުމާ ގުޅޭ އަޑުގަދަވެފައިވަނިކޮށް ނަޝީދު ކުރެއްވި ޓްވީޓުގައި ވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މަދުން އާމްދަނީ ލިބޭ މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ ސިޔާސަތު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

އެޗްޑީސީގެ ނިންމުމާ އެކު މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަންދެނީ އެޗްޑީސީގެ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ. އަދި އޭނާ ވަނީ މާލެ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް ގޮވާލައި ގޮވާލުން ތަކުރާރުކުރައްވައިފަ އެވެ.

އެންމެ ބޮޑު އަދަދަކުން ބިޑް ހުށަހަޅައި މީހަކަށް ބިން ލިބޭ ގޮތަށް ހުޅުމާލެއިން ބިން ވިއްކަން ނިންމި ނިންމުމާ އެކު އެކަމުގެ ނުރުހުން ފާޅުކޮށް ލޯޔަރު މަރިޔަމް ޝުނާނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ހުޅުމާލެ އިން އެންމެ ފުރަތަމަ ބިން ހިއްކީ ރައްޔިތުންގެ ފައިސާ އިން "ހުޅުމާލެ ތަރައްގީކުރުމާ ބެހޭ ޔުނިޓް" ގެ ނަމުގައި ރައީސް އޮފީހުން އޭރު އުފެއްދި ޔުނިޓެއްގެ ދަށުން ކަމަށެވެ. އޭރު ބިން ހިއްކުމުގެ މައިގަނޑު މަގްސަދަކީ ބޭނުންޖެހިފައިވާ މީހުންނަށް އެތަނުން ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި މުއްސަނދިން އިތުރަށް މުއްސަނދިކުރަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ތޮއްޖެހުމަށް ލުޔެއް ހޯދަން ހިއްކި ހުޅުމާލޭގެ ދެ ވަނަ ފޭސް އިން މީގެ ކުރިން ވެސް "މުއްސަނދިންނަށް" ބިން ވިއްކުމުން އެކަން އިންސާފުވެރި ނޫން ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.