Roadha Mihaaru
ބިންވިއްކުމުގެ ސިޔާސަތު ބަދަލުކުރޭ: ސިޓީ ކައުންސިލް

ސަރުކާރުގެ ބިން ވިއްކުމުގެ ސިޔާސަތު ބަދަލުކުރަން ސިޓީ ކައުންސިލުން ގޮވާލައިފި

28 ޑިސެމްބަރ 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން 60 ގޯތި ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލާފައިވަނިކޮށް، އެ ސިޔާސަތު ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން 60 ގޯތި ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލާފައިވަނިކޮށް، އެ ސިޔާސަތު ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލުމާ އެކު ގިނަ ބަޔަކު ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފަ އެވެ. އެތައް ބަޔަކު ބޯހިޔާވަހި ކަމަށް ޖެހިފައި ތިއްބާ މުއްސަނދިންނަށް ބިން ވިއްކަން ހުޅުވާލަން ނިންމުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ، މަދުން އާމްދަނީ ލިބޭ މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ ސިޔާސަތު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.

އެޗްޑީސީން ބިން ވިއްކަން ހުޅުވާލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ، އެ ކައުންސިލުން ގަބޫލުކުރާ ގޮތުގައި ހުޅުމާލެއަކީ އެ ކައުންސިލްގެ އިހްތިސޯސްގައި ހިމެނޭ ތަނެއް ކަމަށް ބުނެފަ އެވެ.

ކައުންސިލުން ބުނީ މާލޭގައި މިހާރުން މިހާރަށް ގޯއްޗަށް ބޭނުންވެފައިވާ ވަރަށް ގިނަ ބަޔަކު އެބަ ތިބި ކަމަށާއި އެކަމަކު އެ މީހުންނަށް ނުދީ އަދި އެކަމުގައި ކައުންސިލްގެ ބަހެއް ވެސް ނެތި މުއްސަނދިންނަށް ގޯތި ވިއްކަން ހުޅުވާލި ހުޅުވާލުން ކުށްވެރިކުރާ ކަމަށެވެ.

"މާލޭ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ހުޅުމާލޭ ދެވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެ ގޮތެއް ފަހިކޮށްދިނުމުގެ ބަދަލުގައި 100 ޕަސެންޓް ސަރުކާރު ކުންފުންޏެއްގެ އާމްދަނީ އިތުރުކުރުމަށް ހުޅުމާލެއިން ގޯތި ވިއްކުމަށް އެޗްޑީސީން ނިންމުމަކީ ލާމަރުކަޒީ ގާނޫނާއި ހިލާފު ކަމެއް،" ކައުންސިލްގެ ބަޔާނުގައިވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގެއް- ފޮޓޯ:ނިޝާން އަލީ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގެއް- ފޮޓޯ:ނިޝާން އަލީ/ މިހާރު

ސިޓީ ކައުންސިލުން ބުނީ ލާމަރުކަޒީ ގާނޫނުގެ ފަސް ވަނަ ބާބުގެ 39 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ އިހްތިސޯސްގައި ހިމެނޭ ބިމެއް ބޭނުންކުރާ ނަމަ، އެކަމާ ގުޅޭ މަޝްވަރާ ކައުންސިލާ އެކު ކުރަންޖެހޭ ކަމަށެވެ. އެކަމަކު އެ ގާނޫނުގައި ބުނާ ގޮތަށް ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ވެސް ހޯދާފައިނުވާ ކަމަށާއި އެޗްޑީސީ އާއި ސަރުކާރުގެ އެހެން މުއައްސަސާއަކުން ވެސް އެކަމުގެ މަޝްވަރާ ކައުންސިލާ އެކު ނުކުރާ ކަމަށް ބުންޏެވެ.

ކައުންސިލުން ބުނި ގޮތުގައި ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ މައްސަލަ ނުނިމެނީސް، އެޗްޑީސީއަކަށް ގޯއްޗެއް ނުވިއްކޭނެ އެވެ.

ހުޅުމާލެ އިން އެންމެ ފުރަތަމަ ބިން ހިއްކީ ރައްޔިތުންގެ ފައިސާ އިން "ހުޅުމާލެ ތަރައްގީކުރުމާ ބެހޭ ޔުނިޓް" ގެ ނަމުގައި ރައީސް އޮފީހުން އޭރު އުފެއްދި ޔުނިޓެއްގެ ދަށުންނެވެ. އޭރު ބިން ހިއްކުމުގެ މައިގަނޑު މަގްސަދަކީ ބޭނުންޖެހިފައިވާ މީހުންނަށް އެތަނުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.