Roadha Mihaaru
އިންޓަގެ ފައިސާގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

އިންޓަ މިލާންގެ ފައިސާއާ ގުޅޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި

22 ޑިސެމްބަރ 2021

ކުޅުންތެރިންގެ ޓްރާންސްފާ މާކެޓްގައި އޮޅުވާލުމާއި މަކަރު ހެދުމުގެ ތުހުމަތުތަކާ ގުޅިގެން އިޓަލީގެ ފުލުހުން އިންޓަ މިލާންގެ އޮފީސް ބަލާ އިއްޔެ ފާސްކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކުޅުންތެރިންގެ ޓްރާންސްފާ މާކެޓްގައި އޮޅުވާލުމާއި މަކަރު ހެދުމުގެ ތުހުމަތުތަކާ ގުޅިގެން އިޓަލީގެ ފުލުހުން އިންޓަ މިލާންގެ އޮފީސް ބަލާ އިއްޔެ ފާސްކޮށްފި އެވެ.

މިދިޔަ މަހު މިފަދަ މައްސަލައެއް ޔުވެންޓަސްގައި ވެސް ފެންމަތިވުމުން އިޓަލީގެ ފުލުހުން ވަނީ އެކްލަބްގެ އޮފީސް ވެސް ބަލައި ފާސްކޮށްފަ އެވެ.

އިންޓައިން ބުނީ ފުލުހުން ގެންދިޔަ ލިޔެކިޔުންތަކަކީ 2017-2018 އަދި 2018-2019 ގައި އެ ކްލަބުން ވިއްކާލި ކުޅުންތެރިންގެ ޓްރާންސްފާގެ މައުލޫމާތުތައް ހިމެނޭ ލިޔެކިޔުންތައް ކަމަށެވެ.

އިންޓަ މިލާންގެ އޮފިސް

އިންޓަ މިލާންގެ އޮފިސް

"މިލާންގެ ޕްރޮސިކުއުޓާ އޮފީހުން އެދުމުން ފުލުހުން ލިޔެކިޔުންތައް ގެންދިއުމުގެ ބޭނުމަކީ ކުޅުންތެރިން ވިއްކައިގެން ލިބުނު ފައިސާގެ އަދަދުތަކުގެ ހިސާބުތައް ދިމާވޭތޯ ބެލުން،" އިންޓައިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"ކްލަބްގެ މާލީ މުއާމަލަތްތައް ގެންގޮސްފައި ވަނީ ހަރުދަނާ އެކައުންޓިން ޕްރިންސިޕަލްއާ އެއްގޮތަށް."

އެ ބަޔާނުގައި އިތުރަށް ބުނީ އިންޓަގެ އެއްވެސް މުވައްޒަފެއްގެ މައްސަލައެއް ތަހުގީގުކޮށްފައި ނުވާ ކަމަށެވެ. އަދި އެއްވެސް ފިޔަވަޅެއް ވެސް އަޅާފައި ނުވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މިލާންގެ ޕްރޮސިކިއުޓާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފުލުހުން ކުރިއަށްގެންދާ ތަހުގީގަކީ މައްސަލައިގެ ޕްރިލިމިނަރީ މަރުހަލާ ކަމަށެވެ.