Roadha Mihaaru
"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ވާތައް ފުރާލައިފި

"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ވާތައް ބޮކްސް އޮފީހުގައި ފުރާލައިފި

20 ޑިސެމްބަރ 2021

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ސުޕަހީރޯ ފިލްމު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ބޮކްސް އޮފީހުގައި ވާ ދަމާލައި، ބެލުންތެރިން އެ ފިލްމުގެ ޖާދޫގައި ވަރަށް ބޮޑަށް ޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ސުޕަހީރޯ ފިލްމު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ބޮކްސް އޮފީހުގައި ވާ ދަމާލައި، ބެލުންތެރިން އެ ފިލްމުގެ ޖާދޫގައި ވަރަށް ބޮޑަށް ޖައްސައިފި އެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބިއެއް ހޯދަމުން އަންނަ މި ފިލްމަކީ ކޮވިޑް-19 އާ އެކު ސިނަމާތަކުގައި "އެޅުވި ބޮޑު ތަޅު" ނައްޓާލައި ފިލްމުތައް ދަައްކަން ފެށި ފަހުން މި އަހަރު ރިލީޒްވި ހޮލީވުޑްގެ އެންމެ ވިޔަފާރި ރަނގަޅު ފިލްމު ވެސް މެ އެވެ.

"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އަކީ ރިލީޒްކުރި ދުވަހު އެމެރިކާގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީ ހޯދި ދެވަނަ ފިލްމުގެ މަގާމު ލިބުނު ފިލްމެވެ. އެއީ 121.5 މިލިއަން ޑޮލަރާ އެކީގަ އެވެ. ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތީ 2019 ގެ "އެވެންޖާޒް: އެންޑް ގޭމް" އަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ކާމިޔާބުކަމާ އެކު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޝޯތައް ކުރިއަށްދާ އިރު، މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީވަނީ 165.1 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

މީގެ ވިޔަފާރި ވަރަށް ފޯރީގައި ކުރިއަށް ދިޔަޔަސް، ބައެއް ހިސާބުތަކުގައި ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯން ފެތުރެމުންދާތީ ވިޔަފާރި އަށް އެކަމުގެ އަސަރު ކުރާނެ އެވެ. އެކަމަކު މަންޒަރު މިހާރު ފެންނަ ގޮތަށް ބަލާ އިރު، ހޮލީވުޑްގެ ވިޔަފާރި ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އަކީ މާ ލަހެއް ނުކޮށް ބިލިއަން ޑޮލަރުން ޖާގަ ވެސް ހޯދާނެ ފިލްމެކެވެ. މި ފިލްމަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަޖުން ޖޮން ވަޓްސް ހަދާފައިވާ އެއްޗެކެވެ.

ޓޮމް ހޮލަންޑް ޓައިޓްލް ރޯލު ކުޅުނު ކުރީގެ ދެ ފިލްމުގެ ތެރެއިން 2019 ފިލްމަކީ ވެސް ބިލިއަނަކަށް ވުރެ ބޮޑު އާމްދަނީ ހޯދި ފިލްމެކެވެ. އެގޮތުން 160 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އަކީ 1.132 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ. އަދި 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން 2017 ގައި ގެނެސްދިން "ސްޕައިޑަ-މޭން: ހޯމްކަމިން" އަކީ 880.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

މާވެލް ސްޓޫޑިއޯސް އާއި ސޮނީ ޕިކްޗާޒް އިން މިހާރު ވަނީ "ސްޕައިޑަ-މޭން" ގެ އިތުރު ފިލްމުތަކެއް ވެސް ގެނެސްދޭނެކަން އިއުލާންކޮށް، ދެން ހަދާނެ ފިލްމާ ގުޅޭ ބައެއް މަސައްކަތްތައް މިހާރު ވެސް ފަށާފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.