Roadha Mihaaru
292 ފަހަރު "ސްޕައިޑަމޭން" ބަލައިގެން ރިކޯޑެއް!

292 ފަހަރު "ސްޕައިޑަމޭން: ނޯ ވޭ ހޯމް" ބަލައިގެން ދުނިޔޭގެ ރިކޯޑެއް!

18 އެޕްރީލް 2022

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ މީހަކު 292 ފަހަރު "ސްޕައިޑަމޭން: ނޯ ވޭ ހޯމް" ބަލައިގެން ދުނިޔޭގެ ރިކޯޑެއް ހަދައިފި އެވެ.

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ މީހަކު 292 ފަހަރު "ސްޕައިޑަމޭން: ނޯ ވޭ ހޯމް" ބަލައިގެން ދުނިޔޭގެ ރިކޯޑެއް ހަދައިފި އެވެ.

މާވެލް ސިނެމަޓިކް ޔުނިވާސް އިން އެންމެ ފަހުން ގެނެސްދިން ސުޕަހީރޯ ފިލްމު "ނޯ ވޭ ހޯމް" ބަލައިގެން އެ ރިކޯޑް ހެދީ، ރަމީރޯ އެލަނިސް ކިޔާ މީހެކެވެ. އޭނާ ވަނީ 2019 ވަނަ އަހަރު މާވެލްގެ އެހެން ފިލްމެއް ކަމަށްވާ "އެވެންޖާސް: އެންޑްގޭމް"، 191 ފަހަރު ބަލައިގެން ވެސް އެ ރިކޯޑް ހަދައިފަ އެވެ.

އެލަނިސް ހެދި އެ ރިކޯޑް މިދިޔަ އަހަރު އެހެން މީހަކު މުގުރާލި އެވެ. އަރްނައުޑް ކްލެއިން ކިޔާ އެ މީހާ ވާނީ ފެންޓަސީ ފިލްމު "ކާމެލޮޓް: ފަސްޓް އިންސްޓޯލްމަންޓް"، 204 ފަހަރު ބަލައިގެން އެ ރިކޯޑް އަތުލައިފަ އެވެ.

އެ ރިކޯޑް އަނބުރާ ހޯދުމަށް އެލަނިސް ވަނީ 720 ގަޑިއިރު ނުވަތަ 30 ދުވަސް ވަންދެން "ނޯ ވޭ ހޯމް" ބަލައިފަ އެވެ. އޭނާ އެ ފިލްމު ބަލަން ފެށީ މިދިޔަ އަހަރު ޑިސެމްބަރު 16 ގަ އެވެ. އަދި ރިކޯޑް ހެދޭވަރަށް ފިލްމު ބަލާ ނިންމުނީ މިދިޔަ މަހު 15 ގަ އެވެ.

އެ ރިކޯޑް ހެދުމަށް އޭނާ ވަނީ ފުރަތަމަ ހަފުތާގައި ކޮންމެ ދުވަހަކު ފަސް ފަހަރު އެ ފިލްމު ބަލައިފަ އެވެ.

އެލަނިސް ބުނި ގޮތުގައި، ހަމައެކަނި ސިނަމާގައި އެ ދުވަސްވަރު އެޅުވި އެ ފިލްމު ބަލަން، ޓިކެޓް ގަންނަން އޭނާގެ އަތުން 3،400 ޑޮލަރު ހޭދަކޮށްފައިވާ ކަމަށެވެ.

ގިނިސް ވޯލްޑް ރިކޯޑްސްގެ ވެބްސައިޓްގައި ބުނެފައި ގޮތުން އެލަނިސްގެ އެ ކާމިޔާބީ އޭނާ ހާއްސަކުރީ އޭނާ އަށް އަބަދުވެސް އެންމެ ބޮޑު ސަޕޯޓެއް ދޭ އޭނާގެ މާމަ އަށެވެ.

ގިނިސް ވޯލްޑް ރިކޯޑްސްގެ އުސޫލު ބުނާ ގޮތުން، އެ ރިކޯޑް ހަދާ މީހަކު ފިލްމު ބަލަމުން ނިދައިގެން ނުވާނެ އެވެ. އަދި ފޯނު ވެސް ބޭނުންނުކުރެވޭއިރު، ފާހާނާ އަށް ދިއުން ވެސް މަނާވާނެ އެވެ.

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ނޯ ވޭ ހޯމް" އަށް ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.