Roadha Mihaaru
ދެ އަހަރުގެ މެދުކެނޑުމަށް ފަހު އައިފާ އަންނަ އަހަރު

ދެ އަހަރުގެ މެދުކެނޑުމަށް ފަހު އައިފާ އެވޯޑްސް އަންނަ އަހަރު ބާއްވަނީ

16 ޑިސެމްބަރ 2021

އިންޑިއާގެ ފިލްމުތަކަށް ދޭ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑެމީ އެވޯޑްސް (އައިފާ) ކޮވިޑް-19 އާ ހެދި ނުބާއްވާތާ ދެ އަހަރު ފަހުން އަންނަ އަހަރު އަބޫދާބީގައި ބާއްވާ ގޮތަށް ނިންމައި އެކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ފިލްމުތަކަށް ދޭ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑެމީ އެވޯޑްސް (އައިފާ) ކޮވިޑް-19 އާ ހެދި ނުބާއްވާތާ ދެ އަހަރު ފަހުން އަންނަ އަހަރު އަބޫދާބީގައި ބާއްވާ ގޮތަށް ނިންމައި އެކަން އިއުލާންކޮށްފި އެވެ.

އަންނަ އަހަރު ބާއްވާ 21 ވަނަ އެވޯޑް ހަފުލާ އޮންނާނީ އަންނަ އަހަރުގެ މާޗް 18-19 ގަ އެވެ. އައިފާ ހޯސްޓްކޮށްދޭނީ ސަލްމާން ޚާނެވެ. މިދިޔަ އަހަރު ކޮވިޑާ ހެދި އައިފާ އެވޯޑްސް ކެންސަލްކުރީ މާޗް މަހުގެ 21-29 އަށް މަދިޔަ ޕްރަދޭޝްގެ އިންދޯރުގައި ހަފުލާ ބާއްވަން ތާވަލުކޮށްފައި ވަނިކޮށެވެ. ކޮވިޑާ ހެދި މިދިޔަ އަހަރު އެވޯޑް ހަފުލާ ނުބޭއްވުމުގެ އިތުރަށް މި އަހަރު ވެސް އެވޯޑް ހަފުލާ ބާއްވާނެ ފަދަ މާހައުލެއް ތަނަވަސްނުވުމުން އަންނަ އަހަރު އެވޯޑް ހަފުލާ ބާއްވަން ނިންމީ އެވެ.

އައިފާ އަންނަ އަހަރު ދުބާއީގައި ބާއްވަން ނިންމި އިރު، މި އެވޯޑް ހަފުލާ 2019 އާ ހަމައަށް މުޅިން ވެސް ބާއްވަމުން އައީ ބޭރު ގައުމުތަކުގެ މަޝްހޫރު އެކި ސިޓީތަކުގަ އެވެ. އައިފާ އެންމެ ފުރަތަމަ އިންޑިއާގައި 2019 ގައި ބޭއްވި ހަފުލާ އޮތީ މުމްބާއީގަ އެވެ.

އަންނަ އަހަރުގެ އެވޯށް ހަފުލާ ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ބާއްވަން ނިންމި އިރު، އެ ގައުމުގެ ދުބާއީގައި 7 ވަނަ އައިފާ އެވޯޑްސް 2006 ގައި ބޭއްވި އެވެ.

ދެހާސް ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އައިފާ އެންމެ ފުރަތަމަ ބޭއްވީ އިނގިރޭސިވިލާތުގެ ލަންޑަނުގަ އެވެ. އޭގެ ފަހުން ސައުތު އެފްރިކާ، މެލޭޝިއާ، ކޮލޮމްބޯ، ސްޕެއިން، އެމެރިކާ، ސިންގަޕޫރް، ނެދަލެންޑްސް، ކެނެޑާ، ޔޫއޭއީ އަދި މަކާކޯގައި ބާއްވާފައިވެ އެވެ. އަދި ބައެއް ސިޓީތަކުގައި ތަކުރާރުކޮށް ވެސް އެވޯޑް ހަފުލާ ބާއްވާފައިވެ އެވެ.