Roadha Mihaaru
ނިއުކްލިއާ މުއާހަދާއާ އިގްތިސާދާ ނުގުޅުވޭނެ: ރައީސީ

ނިއުކްލިއާ މުއާހަދާއާ އިގްތިސާދާ ނުގުޅުވޭނެ: ރައީސީ

06 ޑިސެމްބަރ 2021

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކުގައި ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމަށްޓަކައި، ނިއުކްލިއާ މުއާހަދާގެ މަޝްވަރާތަކާއި އެ ގައުމުގެ އިގްތިސާދާ ނުގުޅުވާނެ ކަމަށް، އީރާންގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކުގައި ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމަށްޓަކައި، ނިއުކްލިއާ މުއާހަދާގެ މަޝްވަރާތަކާއި އެ ގައުމުގެ އިގްތިސާދާ ނުގުޅުވާނެ ކަމަށް، އީރާންގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވެއްޖެ އެވެ.

ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުން އޮސްޓްރިއާގެ ވިއެނާގައި ބޭއްވި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، ރައީސް އިބްރާހީމް ރައީސީ ވިދާޅުވި ގޮތުގައި ނިއުކްލިއާ މުއާހަދާ އަށް އެމެރިކާ އަލުން އަމަލުކުރަން ފެށުމުގެ ކުރިން، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިނުލިޔަސް، ދަތިކުރުމުގެ ސިޔާސަތު ފެއިލްކޮށްލުމުގައި އީރާން ދެމިއޮންނާނެ އެވެ.

އީރާންގެ ރައީސް ވިދާޅުވި ގޮތުގައި އީރާނުން ނިއުކްލިއާ މަޝްވަރާތަކުގައި ބައިވެރިވީ، ވަރަށް ބޮޑަށް އެކަމަށް ބޭނުންވެގެންނެވެ. އަދި އެކަން އޮންނާނީ ވިއެނާގައި ސާބިތުކޮށްދީފަ އެވެ. ނަމަވެސް، އެމެރިކާ އެއްވެސް ވަރަކަށް ގޮތް ދޫކުރަން ބޭނުން ނުވަނީ އެވެ.

އީރާންގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ނިއުކްލިއާ މުއާހަދާ އަލުން ދިރުވޭނީ ވިލާތުގެ ގައުމުތަކުން ވެސް ކޮންމެވެސް ވަރަކަށް ދޫދީގެންނެވެ. އެހެން ނަމަވެސް، މަޝްވަރާތައް ނާކާމިޔާބުވުމަށް މެދުވެރިވި ހުރަހަކީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލަން އެމެރިކާ އެއްގޮތަކަށް ވެސް ބޭނުން ނުވުމެވެ.

އޭގެ އިތުރުން މަޝްވަރާތައް ނާކާމިޔާބުކޮށްލުމަށް އިޒްރޭލުން ވަރަށް ނުބައި ދައުރެއް އަދާކުރި ކަމަށާއި، މަޝްވަރާތަކުގެ ބައިވެރިންގެ މެދުގައި ނަފްސާނީ ބިރުވެރިކަމެއް އުފެއްދުމުގެ ގޮތުން، އީރާނާ މެދު ދޮގު ތުހުމަތުތައް ކޮށްފައިވާ ކަމަށް ވެސް އީރާންގެ ހާރިޖިއްޔާ އިން ބުންޏެވެ.

އީރާންގެ ރައީސް އޮފީހުގެ ޑިރެކްޓަރު ޣުލާމް ހުސައިން އިސްމާއީލް ވިދާޅުވި ގޮތުގައި އީރާނުން ނިއުކްލިއާ މަޝްވަރާތަކުގައި ބައިވެރިވީ ވަކި ލަނޑުދަނޑިއެއް ކަނޑައަޅައިގެންނެވެ. އެއީ މަޝްވަރާތައް ނިމި އެއްބަސްވުމަކަށް އާދެވޭ އިރު، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމެވެ.

ނިއުކްލިއާ މަޝްވަރާތައް ނާކާމިޔުބުވުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވި ގޮތުގައި ނިއުކްލިއާ މުއާހަދާއާ ޚިލާފުވުމުގެ އަގު އީރާނުން އަދާކުރަންޖެހޭނެ އެވެ. އެހެންކަމުން އީރާނަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް ހުޅަނގުގެ ގައުމުތަކަށް އޭނާ ގޮވައިލެއްވި އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށްޓަކައި ހަތިޔާރުގެ ބޭނުންކުރަން ޖެހިދާނެ ކަމަށް އިޒްރޭލުން އިންޒާރުކޮށްފައިވާ އިރު، އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި މަޝްވަރާ ކުރުމަށް، އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑްގެ ވެރިޔާ ޑޭވިޑް ބަރްނީއު އިއްޔެ ވޮޝިންޓަނަށް ވަނީ ވަޑައިގެންފަ އެވެ. އޭނާގެ މިދަތުރުގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންއާ ބައްދަލުކުރައްވާނެ އެވެ.

މި ބައްދަލުކުރެއްވުމުގައި، އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އިޒްރޭލުން އެންމެ ފަހުން އެއްކޮށްފައިވާ ޖާސޫސީ މައުލޫމާތުތައް އެމެރިކާގެ އިސް ވެރިންނާ ހިއްސާ ކުރައްވާނެ އެވެ. އޭނާ ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި މިހާރު ވެސް އަދި ފަހުން ވެސް، ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން އީރާނުން ހޯދިޔަކަ ނުދޭނެ އެވެ.