Roadha Mihaaru
އީރާންގެ ނިއުކްލިއާ މަޝްވަރާތައް ނަތީޖާއަކާ ހަމައަށް

އީރާންގެ ނިއުކްލިއާ މަޝްވަރާތައް ނަތީޖާއަކާ ހަމައަށް ފޯރައިފި

17 ފެބުރުއަރީ 2022

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދިޔަނުދިނުމަށް، 2015 ވަނަ އަހަރު އެ ގައުމާ އެކު އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އެކުލަވާލާފައިވާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، މިހާރު ކުރަމުން އަންނަ މަޝްވަރާތައް ނަތީޖާއަކާ ހަމައަށް ފޯރައިފި ކަމަށް އެމެރިކާ އާއި އީރާނުން ބުނެފި އެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދިޔަނުދިނުމަށް، 2015 ވަނަ އަހަރު އެ ގައުމާ އެކު އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އެކުލަވާލާފައިވާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، މިހާރު ކުރަމުން އަންނަ މަޝްވަރާތައް ނަތީޖާއަކާ ހަމައަށް ފޯރައިފި ކަމަށް އެމެރިކާ އާއި އީރާނުން ބުނެފި އެވެ.

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި މިހާރު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭ ގޮތުން، އީރާންގެ ނިއުކްލިއާ މަޝްވަރާތަކާ ބެހޭ ހާއްސަ މަންދޫބު އަލީ ބާގިރީ ކާނީ ވިދާޅުވީ، އެއްބަސްވުމަކާ ދާދި ގާތަށް މިހާރު ހުރިހާ ބައިވެރިންނަށް ވެސް އާދެވިފައިވާ ކަމަށެވެ. އެހެންކަމުން އީރާންގެ ނިއުކްލިއާ މުއާހަދާ އަލުން ތަންފީޒުކުރުން ވަރަށް އަވަހަށް ފެށޭނެ ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ، އީރާންގެ ނިއުކްލިއާ މަޝްރޫއު އަލުން ތަންފީޒު ކުރަން ފެށޭނެކަން ކުރިއަށް އޮތް ދުވަސްތަކުގައި ކަށަވަރުވެގެން ދާނެ ކަމަށެވެ. މަޝްވަރާގެ ބައިވެރިން މިހާރު ތިބީ ނަތީޖާ ހާސިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ މެދަކާ ހަމައިގައި ކަމަށާއި، މިހާރު ކުރިއަށް ދަނީ އެންމެ ހައްސާސީ ނުކުތާތަކާ މެދު ކުރެވޭ މަޝްވަރާތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަފުތާތަކެއް ވަންދެން ދެކެވުނު ވަރަށް ގިނަ ވާހަކަތަކަށް ފަހު، އެއްބަސްވުމަކާ ހަމައަށް މީގެ ކުރިން ނާދެވޭހާ ކައިރިއަށް، މިހާރު އަހަރެމެންނަށް މިތިބީ އާދެވިފައި. ހުރިހާ ކަމަކާ މެދު އެއްބަސްވެވިގެން ނޫނީ، އެންމެ ކަމަކާ މެދުގައިވެސް އެއްބަސްވެވުނީ ކަމަށް ނުބުނެވޭނެ،" ޕްރައިސް ވިދާޅުވި އެވެ.

ވިލާތުގެ ގައުމުތަކަށް އިޝާރާތް ކުރައްވައި އީރާންގެ މަންދޫބު ވިދާޅުވީ ހަރުކަށިކަމާއި ދެކޮޅުވެރިކަން ދޫކޮށްލައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ނިއުކްލިއާ މުއާހަދާ އިން އެމެރިކާ ވަކިވުމުން ކަން ހިނގައި ދިޔަ ގޮތުން ފިލާވަޅު ލިބިގަންނަންޖެހޭ ކަމަށެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން 2015 ވަނަ އަހަރު އީރާނާ އެކުގައި ގާއިމުކުރި ނިއުކްލިއާ މުއާހަދާގެ ދަށުން، އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއާ ކާރުހާނާތަކުގައި ޔޫރޭނިއަމް ފައްކާކުރާ މިންވަރު ދަށްކޮށްފަ އެވެ. އެއީ، އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ލުއިތައް ދިނުމުގެ ބަދަލެއްގެ ގޮތުންނެވެ.

ނަމަވެސް ކުރީގެ ރައީސް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެމެރިކާ ވަނީ ނިއުކްލިއާ މުއާހަދާ އިން ވަކިވެ، އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ބަދަލުގައި އީރާނުން ވަނީ އެ ގައުމުގައި ޔޫރޭނިއަމް ފައްކާކުރާ މިންވަރު މަތިކޮށްފަ އެވެ.