23 އޯގަސްޓް 2022
އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން ވިލާތުގެ ގައުމުތަކާއި އެމެރިކާ އިން އީރާނާ އެކުގައި ގާއިމުކުރާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމަށް މާ ގިނަ ދުވަސްތަކެއް ނެތް ކަމަށް، ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް އިއްޔެ ވިދާޅުވެއްޖެ އެވެ.
އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން ވިލާތުގެ ގައުމުތަކާއި އެމެރިކާ އިން އީރާނާ އެކުގައި ގާއިމުކުރާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމަށް މާ ގިނަ ދުވަސްތަކެއް ނެތް ކަމަށް، ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ނިއުކްލިއާ މުއާހަދާގެ އެންމެ ފަހު ދެލިކޮޕީ، މުއާހަދާގެ ބައިވެރިންނަށް ފޮނުވުމުން، އެ ހުރިހާ ބައިވެރިންގެ ފަރާތުން ވެސް އެކަށީގެންވާ ގޮތެއްގައި އިޖާބަ ދީފައިވާ ކަމަށެވެ. އީރާނުން ވެސް އެ ދެލިކޮޕީއާ މެދު ދެކޭ ގޮތް މިހާރު ވަރަށް ސާފުކޮށް އަންގާފައި އެބަ އޮތް ކަމަށާއި، ވިލާތުގެ ގައުމުތަކުން ވެސް އެކަށީގެންވާ ރައްދެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުގެ ދެލިކޮޕީއާ ގުޅޭ ގޮތުން، އީރާނުން ހުށަހަޅާފައިވާ ޚިޔާލުތަކާ މެދު އެމެރިކާގެ ވިސްނުން ހުރި ގޮތެއް ބެލުމަށް އެ ޚިޔާލުތައް މިހާރު ވަނީ އެމެރިކާގެ އިސް ވެރިންނަށް ފޮނުވައިފަ އެވެ. އެހެންކަމުން، އެމެރިކާ ސަރުކާރުގެ ޖަވާބެއް ލިބުމުން، މުއާހަދާގެ ބައިވެރިން ދީފައިވާ ޚިޔާލުތައް އެއްގޮތް ކުރުމުގެ ގޮތުން މި ހަފުތާގެ ތެރޭގައި ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ބޮރެލް ވިދާޅުވި އެވެ.
ނިއުކްލިއާ މުއާހަދާގެ އެންމެ ފަހު ދެލިކޮޕީއާ މެދު ބައިވެރިންގެ ޚިޔާލުތައް އެއްގޮތް ކުރުމުގެ ބައްދަލުވުމެއް މިދިޔަ ހަފުތާގައި، އޮސްޓްރިއާގެ ވިއެނާގައި ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް އީރާނުގެ ޚިޔާލުތައް ލިބުން ލަސްވުމާ އެކު، އެ ބައްދަލުވުން ނުބޭއްވުނީ އެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް އިއްޔެ ވިދާޅުވި ގޮތުގައި ނިއުކްލިއާ މުއާހަދާގެ ފަހު ދެލިކޮޕީއަށް އީރާނުން ހުށަހަޅާފައިވާ ޚިޔާލުތަކާއި އިސްލާހުތައް އެމެރިކާ ސަރުކާރުން މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ. އަދި އީރާންގެ އެ ހުށަހެޅުންތަކާ މެދު، ރަހްމަތްތެރި ގައުމުތަކާ އެކުގައި ވެސް އެމެރިކާ އިން މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމުގެ މައްސަލައިގައި، އެމެރިކާ އާއި އީރާނާ ދެމެދު އެންމެ ބޮޑަށް ދެބަސްވުން އުފެދިފައިވަނީ، 2018 ވަނަ އަހަރު އެމެރިކާ އެ މުއާހަދާ އިން ވަކިވެ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލައިގަ އެވެ. އީރާނުން ޝަރުތުކުރަމުން ދަނީ، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އެމެރިކާ އިން އެކުލަވާލާފައިވާ ޓެރަރިސްޓުންގެ ލިސްޓުން، އީރާންގެ އިންގިލާބީ ލަޝްކަރުގެ ނަން އުނިކުރުމަށެވެ.
މި ދެ ޝަރުތުތަކުގެ ތެރެއިން، އިންގިލާބީ ލަޝްކަރުގެ ނަން އުނިކުރުމުގެ ޝަރުތު އީރާނުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެހެންކަމުން، ނިއުކްލިއާ މުއާހަދާގެ އެންމެ ފަހު ދެލިކޮޕީއާ އެއްގޮތަށް ކުރިއަށް ދިއުން ފަސޭހަވާނެ އެވެ.
އީރާންގެ ނިއުކްލިއާ މުއާހަދާގެ މައިގަނޑު ބޭނުމަކީ، ނިއުކްލިއާ ހަތިޔާރު އުފެއްދޭ މިންވަރަށް އީރާނުގައި ޔޫރޭނިއަމް ފައްކާކޮށް ތަރައްގީކުރުން ހުއްޓުވުމެވެ. އޭގެ އިތުރުން، އީރާންގައި ހުރި ނިއުކްލިއާ ރިއެކްޓަރުތަކުގެ ހުރިހާ ހަރަކާތްތަކެއް، އެޓޮމިކް ހަކަތައާ ބެހޭ އދ.ގެ އިދާރާ އިން ބަލައި ފާރަލަމުން ގެންދިއުމެވެ.
ވިލާތުގެ ގައުމުތަކާއި އެމެރިކާ އިން އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާގައި ސޮއިކުރީ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރު، އެމެރިކާ އެ މުއާހަދާ އިން ވަކިވެ، އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅި އެވެ.
އެ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމަށް އެމެރިކާ އިން ނިންމީ، ޖެނުއަރީ 20، 2021 ގައި އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިހާރުގެ ރައީސް ޖޯ ބައިޑެން އެވެ.
އީރާނާއި އެމެރިކާ އިން ނިއުކްލިއާ މުއާހަދާ ދިރާސާކުރަނީ
އީރާންގެ ނިއުކްލިއާ މަޝްވަރާތައް ނަތީޖާއަކާ ހަމައަށް
އީރާންގެ ނިއުކްލިއާ ކާރުހާނާގައި ސީސީޓީވީ ހަރުކުރަނީ
އީރާނުގެ ނިއުކްލިއާ ނިންމުމާ މެދު ހުޅަނގު ނުރުހިފައި
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް އޮމާންގައި ބާއްވައިފި
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
21 ދުވަހުން އީރާން ނިއުކްލިއާ ބޮން އުފައްދާނެ
ނިއުކްލިއާ މުއާހަދާ އަށް އެމެރިކާ ދިން ޖަވާބު އީރާނަށް
އިޒްރޭލާއި އީރާން ވަރުގަދަ ބަހުގެ ހަމަލާތަކެއްގައި