Roadha Mihaaru
21 ދުވަހުން އީރާން ނިއުކްލިއާ ބޮން އުފައްދާނެ

21 ދުވަހުން އީރާން ނިއުކްލިއާ ބޮން އުފައްދާނެ: އައިއޭއީއޭ

08 ސެޕްޓެމްބަރ 2022

އެންމެ ތިން ހަފުތާގެ ތެރޭގައި ނިއުކްލިއާ ބޮން އުފެއްދުމުގެ ގާބިލުކަން މިހާރު އީރާނުގައި އެބަހުރި ކަމަށް، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން އިއްޔެ އިންޒާރުކޮށްފި އެވެ.

އެންމެ ތިން ހަފުތާގެ ތެރޭގައި ނިއުކްލިއާ ބޮން އުފެއްދުމުގެ ގާބިލުކަން މިހާރު އީރާނުގައި އެބަހުރި ކަމަށް، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން އިއްޔެ އިންޒާރުކޮށްފި އެވެ.

އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ އިން ބުނި ގޮތުގައި ނިއުކްލިއާ މުއާހަދާ އަށް އަމަލު ނުކުރެވި ދިޔަ އަހަރުތަކުގައި، އީރާނުން ވަނީ ޔޫރޭނިއަމް ފައްކާ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންގޮސްފަ އެވެ. އަދި މިހާރު އީރާނުގައި ޔޫރޭނިއަމް ފައްކާކޮށްފައި ހުރި މިންވަރަށް ބަލާއިރު، އެންމެ ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ނިއުކްލިއާ ބޮން އުފެއްދުމުގެ ގާބިލުކަން އީރާނުގައި މިހާރު ހުންނާނެ އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި އީރާންގައި ނިއުކްލިއާ ދިރާސާތައް ކުރަމުންދާ ތިން އެކުވެންޏެއްގެ ސަލާމަތީ ކަންތައް ކަށަވަރު ކުރުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތަށް، އެކަށީގެންވާ ގޮތެއްގައި އީރާނުން އެއްބާރުލުމެއް ނުދެ އެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް އެ އިދާރާ އިން ބުންޏެވެ.

އީރާނުގައި ސިއްރުން ނިއުކްލިއާ ދިރާސާތައް ހިންގާ ތިން އެކުވެންޏެއް މިހާރު ވެސް އެބަހުއްޓެވެ. އެ ތިން އެކުވެންޏަކީ މިހާތަނަށް އައިއޭއީއޭ އިން ބަލައި ފާސްކޮށްފައިވާ ތަނަކަށް ނުވެފައި، އެ ތަނުގައި އެ އިދާރާގެ ސީސީޓީވީ ކެމެރާތައް ވެސް ހަރުކޮށްފައި ނުހުންނާތީ، އެ ތަނުގެ އެތެރޭގައި އެއްވެސް ބާވަތެއްގެ ނިއުކްލިއާ މާއްދާއެއް ހުރިކަން ނުވަތަ ނެތްކަން ކަށަވަރުކޮށްދިނުމަށް، އެ އިދާރާ އިން ވަނީ އީރާނުގައި އެދިފަ އެވެ.

އެހެންކަމުން، އެ އިދާރާގެ އެ ސުވާލުތަކަށް އީރާނުން ޒިންމާދާރު ގޮތެއްގައި ޖަވާބުދާރީ ވުމަށް، އައިއޭއީގެ ޑިރެކްޓާ ޖެނެރަލް ރަފައެލް ގްރޮސީ އިއްޔެ ވަނީ އީރާނަށް ގޮވާލައްވައިފަ އެވެ.

އީރާންގެ ނިއުކްލިއާ ދިރާސާތައް ކުރާ އެކުވެނިތަކުގައި އައިއޭއީގެ ފަރާތުން ހަރުކޮށްފައިވާ 27 ސީސީޓީވީ ކެމެރާ ބޭނުން ނުކުރެވޭ ގޮތް އީރާނުން ހެދީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އެ އެކުވެނިތަކުގައި ކަންތައް ހިނގާ ގޮތް ބެލުމުގެ ފުރުސަތެއް އެ އިދާރާއަކަށް ނެތެވެ.

އައިއޭއީއޭ އިން ބުނި ގޮތުގައި 3940 ކިލޯގެ ފައްކާކޮށްފައިވާ ޔޫރޭނިއަމް އީރާނުގައި މިހާރު އެބަހުއްޓެވެ. އަދި އެ ޔޫރޭނިއަމް ހުރީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން 2015 ވަނަ އަހަރު އީރާނާ އެކުގައި ގާއިމުކުރި ނިއުކްލިއާ މުއާހަދާގައި ހުއްދަ ކޮށްފައިވާ މިންވަރަށް ވުރެ، 19 ގުނަ މަތީ މިންވަރަކަށް ފައްކާކޮށްފައި ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ހޯދާފައިވާ މައުލޫމާތުތަކަށް ބިނާ ކޮށް އައިއޭއީއޭ އިން ބުނި ގޮތުގައި 60 ޕަސެންޓަށް ފައްކާކޮށްފައި ހުރި 55.6 ކިލޯގެ ޔޫރޭނިއަމް އީރާނުގައި އެބަހުއްޓެވެ. ނިއުކްލިއާ ހަތިޔާރެއްގެ ގޮތުގައި ޔޫރޭނިއަމް ބޭނުންކުރެވެނީ އެންމެ ދަށްވެގެން 90 ޕަސެންޓަށް ފައްކާކޮށްގެން ކަމަށްވާތީ، 60 ޕަސެންޓަށް ފައްކާކޮށްފައި ހުރި ޔޫރޭނިއަމް ހުރުމަކީ، ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ނުރައްކާ އިތުރުވާ ކަމެކެވެ.

އެމެރިކާ، 2018 ވަނަ އަހަރު ނިއުކްލިއާ މުއާހަދާ އިން ވަކިވެ އެ މުއާހަދާ އަށް އަމަލުކުރުން މެދުކެނޑުމާއެކު އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއާ މަޝްރޫއުގެ މަސައްކަތްތައް ވަރަށް ބޮޑަށް ހަލުވިކޮށްފަ އެވެ. އަދި އީރާންގެ އެކުވެނިތަކުގައި ނިއުކްލިއާ މާއްދާތައް ނެތްކަން އީރާނުން ކަށަވަރު ކޮށްނުދޭތީ، އެ ތަންތަނުގެ ރައްކާތެރިކަމުގެ ކަށަވަރުކަން ދެވެން ނެތް ކަމަށް ވެސް އައިއޭއީއޭ އިން ބުންޏެވެ.