Roadha Mihaaru
އީރާންގެ އަމާޒަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން

އީރާންގެ އަމާޒަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން

27 ޑިސެމްބަރ 2021

އީރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު 2015 ވަނަ އަހަރު ސޮއިކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، ދެ ފަރާތުގެ ދެމެދުގައި ފަށާފައިވާ މަޝްވަރާތަކުގެ އަށް ވަނަ ބުރުގެ މަޝްވަރާތައް މިއަދު އޮސްޓްރިއާގެ ވިއެނާގައި ފަށާނެ އެވެ. އެއްވެސް ޝަރުތަކާ ނުލައި އެ މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމަށް ހުޅަނގުގެ ގައުމުތަކުން އީރާނަށް ބާރުއަޅާއިރު، އީރާނުން ބާރުއަޅަނީ، އެމެރިކާ އެ މުއާހަދާއިން 2018 ވަނަ އަހަރު ވަކިވުމަށް ފަހު އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށެވެ.

އީރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު 2015 ވަނަ އަހަރު ސޮއިކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، ދެ ފަރާތުގެ ދެމެދުގައި ފަށާފައިވާ މަޝްވަރާތަކުގެ އަށް ވަނަ ބުރުގެ މަޝްވަރާތައް މިއަދު އޮސްޓްރިއާގެ ވިއެނާގައި ފަށާނެ އެވެ. އެއްވެސް ޝަރުތަކާ ނުލައި އެ މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމަށް ހުޅަނގުގެ ގައުމުތަކުން އީރާނަށް ބާރުއަޅާއިރު، އީރާނުން ބާރުއަޅަނީ، އެމެރިކާ އެ މުއާހަދާއިން 2018 ވަނަ އަހަރު ވަކިވުމަށް ފަހު އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށެވެ.

މިއަދުގެ ވާހަކަތަކަށް ކުޑަތަންވެފައިވާ އިރު އީރާނުން ބުނަނީ، ނިއުކްލިއާ މުއާހަދާ އަށް އަމަލުކުރުމުގެ މައްސަލައިގައި ހުޅަނގުގެ ގައުމުތަކާ އެކުގައި ވަރަށް ރަނގަޅު އެއްބަސްވުމެއް ވަރަށް އަވަހަށް ޤާއިމުކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި އެކަމުގައި ކުރިއެރުން ހޯދައިދިނުމަށް ވެސް އީރާނުން ވަނީ ހުޅަނގުގެ ގައުމުތަކަށް ގޮވާލައިފަ އެވެ.

ނިއުކްލިއާ މަޝްވަރާތަކުގައި ބައިވެރިވާ އީރާންގެ ވަފްދުގެ މެންބަރުންނާ ހަވާލާދީ އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި، އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން ކުރާ މަޝްވަރާތަކުގައި އީރާންގެ ނިޔަތް ވަރަށް ސާފުކަން، މަޝްވަރާގެ އެންމެ ފަހުގެ ބައްދަލުވުންތަކުގައި ވާނީ ސާބިތުކޮށްދީފަ އެވެ. އެހެންކަމުން، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާ މެދު، މަޝްވަރާގެ އެހެން ބައިވެރިންގެ ކިބައިގައި ތެދުވެރި ނިޔަތެއް އޮތްކަން އެފަރާތުން ސާބިތުކޮށްދޭންޖެހޭނެ އެވެ.

އީރާނުން ބުނި ގޮތުގައި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެވޭނީ، ދެ ފަރާތުގެ ބައިވެރިންގެ މެދުގައި ރަނގަޅު ގުޅުމަކާއި އިތުބާރެއް އުފެދިފައި އޮވެގެންނެވެ. އަދި ވީ އެންމެ އަވަހަކަށް އެއްބަސްވުމަކާ ހަމައަށް ދިއުމަށް އީރާނުން ބޭނުންވާ ކަމަށް ވެސް އެ ގައުމުން ބުނެ އެވެ. އަދި އެކަމުގައި ފަރަންސޭސި ވިލާތުން ބިނާކުރަނިވި ދައުރެއް އަދާކުރާނެ ކަމުގެ އުންމީދު ބޮޑުކަމަށް ވެސް އީރާނުން ބުނެ އެވެ.

މި ހަފުތާގެ ކުރީކޮޅުގައި އީރާންގެ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާގެ ރައީސް މުހައްމަދު އިސްލާމީ ވިދާޅުވި ގޮތުގައި، ވިއެނާގައި ކުރިއަށް ދާ މަޝްވަރާތައް ނާކާމިޔާބު ވިޔަސް ވެސް، އީރާނުގެ ނިއުކްލިއާ ރިއެކްޓަރުތަކުގައި ޔޫރޭނިއަމް ފައްކާކުރާ ނިސްބަތް 60 ޕަސެންޓަށް ވުރެ މައްޗެއް ނުކުރާނެ އެވެ. އީރާނުން ޔޫރޭނިއަމް ފައްކާކުރަނީ، އެ ގައުމުގެ ސިނާއީ އުފެއްދުންތެރިކަމަށް ބޭނުންވާ މިންވަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިޒްރޭލުން އެމެރިކާ އަށް ފޯރުކޮށްދީފައިވާ ޖާސޫސީ މައުލޫމާތުތަކާ ހަވާލާދީ، ހުޅަނގުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އީރާނުން މަސައްކަތް ކުރަނީ 90 ޕަސެންޓަށް ޔޫރޭނިއަމް ފައްކާ ކުރުމަށެވެ. އެ މިންވަރަށް ޔޫރޭނިއަމް ފައްކާ ކުރެވިއްޖެ ނަމަ، ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އީރާނަށް ލިބޭނެ އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާއެއް އެކުލަވައިލީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މުއާހަދާގައިވާ ގޮތުން، އީރާނުގެ ނިއުކްލިއާ މަޝްރޫއު ކުރިއަށް ދާ ގޮތުގެ ހުރިހާ މައުލޫމާތެއް، އދ.ގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ އަށް އީރާނުން ދޭންޖެހޭނެ އެވެ. އަދި އީރާންގެ ނިއުކްލިއާ އިންޖީނުގޭގައި ސީސީޓީވީ ކެމެރާ ހަރުކޮށްގެން، އެ ތަންތަކުގެ ހަރަކާތްތައް ބެލުމުގެ ފުރުސަތު އެ އިދާރާ އަށް ދޭންޖެހޭނެ އެވެ.

މި މުއާހަދާ އިން އެމެރިކާ ވަކިވީ، އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މުއާހަދާ އިން ވަކިވުމަށް ފަހު އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ބަދަލުގައި އީރާނުން ވަނީ، ޔޫރޭނިއަމް ފައްކާކުރާ މިންވަރު މަތިކޮށްފަ އެވެ. އީރާންގެ ނިއުކްލިއާ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވާން ނިންމީ، މިއަހަރުގެ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޖޯ ބައިޑެން އެވެ.