Roadha Mihaaru
އެމެރިކާ އިން ދިން ލުއިތަކެއް ނުފުދޭ: އީރާން

އެމެރިކާ އިން ދިން ލުއިތަކެއް ނުފުދޭ: އީރާން

06 ފެބުރުއަރީ 2022

އީރާނާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދިން ލުއިތަކަކީ ރަނގަޅު ލުއިތަކެއް ކަމަށާއި ނަމަވެސް އެވަރުން ނުފުދޭ ކަމަށް އީރާނުން އިއްޔެ ބުނެފި އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދިން ލުއިތަކަކީ ރަނގަޅު ލުއިތަކެއް ކަމަށާއި ނަމަވެސް އެވަރުން ނުފުދޭ ކަމަށް އީރާނުން އިއްޔެ ބުނެފި އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކުގައި 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، އެމެރިކާ އާއި އީރާނާ ދެމެދު ނުސީދާ ވާހަކަތައް ފެށުމަށް މަގު ފަހިކުރުމުގެ ގޮތުން އެމެރިކާ އިން އީރާނަށް ލުއިތަކެއް މިދިނީ، އީރާނުން އެކަމަށް ވަރަށް ބޮޑަށް ބާރު އަޅަމުން އައި ދަނޑިވަޅެއްގަ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތައް ދިނުމުން، އީރާންގެ ނިއުކްލިއާ ކާރުހާނާތަކުގައި، ހަތިޔާރު އުފެއްދުމަށް ނުވާ ކަންކަމުގައި ބައިވެރިވެ އުޅުމުގެ ހުއްދަ ރަޝިޔާ އާއި ޗައިނާ އަދި ޔޫރަޕްގެ ކުންފުނިތަކަށް ލިބޭނެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރު ގާއިމުކުރި ނިއުކްލިއާ މުއާހަދާ އިން އެމެރިކާ ވަކިވީ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މުއާހަދާ އިން ވަކިވުމަށް ފަހު، ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރު އެމެރިކާ އިން ވަނީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމާ ގުޅިގެން، އީރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހްޔާން ވިދާޅުވި ގޮތުގައި، ލުއިތަކެއް ދިނުމުން އެމެރިކާގެ ނިޔަތް ކޮންމެވެސް ވަރަކަށް ސާފުވެއްޖެ ކަމަށެވެ. އެމެރިކާ އިން ދިން ލުއިތަކަކީ ރަނގަޅު ލުއިތަކެއް ނަމަވެސް، އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅިގެން އުފެދޭ އެންމެ ބޮޑު މައްސަލައަކީ، ނިއުކްލިއާ މުއާހަދާ އިން އެމެރިކާ ދެން ވަކިނުވަނެ ކަމުގެ ކަށަވަރުކަން ލިބުމެވެ.

"އަހަރެމެން ބޭނުންވަނީ އަދި ބާރުއަޅަމުން މިދަނީ، ސިޔާސީ، ގާނޫނީ އަދި އިގްތިސާދީ ދާއިރާ އިން އެމެރިކާގެ ޖާމިނުވުން ލިބުމަށް. ބައެއް ދާއިރާތަކުން މިހާރު ވަނީ އެއްބަސްވުމަކާ ހަމައަށް އާދެވިފައި،" އީރާންގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ.

މިދިޔަ 2021 ވަނަ އަހަރުގެ ކުރީކޮޅު ރައީސް ޖޯ ބައިޑެން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އީރާންގެ ނިއުކްލިއާ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވާން ނިންމުމަށް ފަހު، އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން މިހާތަނަށް އަށް ފަހަރެއްގެ މަތިން ބައްދަލުވުންތައް ބާއްވައިފައިވެ އެވެ.