Roadha Mihaaru
އީރާންގެ ނިއުކްލިއާ ވާހަކަތައް މި މަހުގެ 29 ގައި

އީރާންގެ ނިއުކްލިއާ މަޝްވަރާތައް މި މަހުގެ 29 ގައި ފަށަނީ

04 ނޮވެމްބަރ 2021

އީރާންގެ ނިއުކްލިއާ މަޝްރޫއަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، ކުރަމުން އައި މަޝްވަރާތައް މެދުކެނޑިފައި އޮންނަތާ މަސްތަކަކަށް ފަހު، މިމަހުގެ 29 ގައި އަލުން އެ މަޝްވަރާތައް ފަށާނެ ކަމަށް އީރާނުން އިއްޔެ ބުނެފި އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، ކުރަމުން އައި މަޝްވަރާތައް މެދުކެނޑިފައި އޮންނަތާ މަސްތަކަކަށް ފަހު، މިމަހުގެ 29 ގައި އަލުން އެ މަޝްވަރާތައް ފަށާނެ ކަމަށް އީރާނުން އިއްޔެ ބުނެފި އެވެ.

އީރާންގެ ނިއުކްލިއާ މަޝްވަރާތަކާ ބެހޭ އިސް މަންދޫބު އަދި އީރާންގެ ހާރިޖީ ވަޒީރުގެ ނައިބު އަލީ ބާގިރީ ކަނީ ވިދާޅުވި ގޮތުގައި، އެ ތާރީޚުގައި އަލުން މަޝްވަރާތައް ފަށަން އެއްބަސްވީ، ވިލާތުގެ އިއްތިހާދުގެ މެދުވެރިޔާ އެންރިކް މޯރާއާ އެކުގައި ފޯނުން އިއްޔެ ކުރެއްވި މަޝްވަރާތަކުގަ އެވެ.

"އީރާނާ ދެކޮޅަށް އަޅާފައިވާ ލާއިންސާނީ އަދި ޣައިރު ގާނޫނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާ ބެހޭ މަޝްވަރާތައް، ނޮވެމްބަރު 29 ގައި ވިއެނާގައި ފެށުމަށް އަހަރެމެން އެއްބަސްވެއްޖައިން،" އީރާންގެ ނިއުކްލިއާ މުއާހަދާ އިން 2018 ވަނަ އަހަރު އެމެރިކާ ވަކިވުމަށް ފަހު، އީރާނާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި، ކުރެއްވި ޓުވީޓެއްގައި ބާގިރީ ވިދާޅުވި އެވެ.

ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، މިއަހަރުގެ އެޕްރިލް މަހު ވިއެނާގައި ފެށި މަޝްވަރާތައް، މިދިޔަ ޖޫން މަހުގެ ފަހުކޮޅު އީރާނުން މެދުކަނޑައިލީ، އޭރު ބޯމަތިވެފައި އޮތް އީރާންގެ ރިއާސީ އިންތިހާބަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އެމެރިކާގެ ނުސީދާ ބައިވެރިވުމާއެކު، ޗައިނާ، ރަޝިޔާ، ޖަރުމަން ވިލާތް، ފަރަންސޭސި ވިލާތް އަދި އިނގިރޭސި ވިލާތުން ބައިވެރިވި މި މަޝްވަރާތައް، ހަ ބުރެއްގެ މަތިން ކުރިއަށް ގެންދިޔަ އެވެ.

ނޮވެމްބަރު 29 ގައި މަޝްވަރާތައް އަލުން ފަށާނެ ކަން، ވިލާތުގެ އިއްތިހާދުން ވެސް ކަށަވަރުކޮށްދެ އެވެ. އެ އިއްތިހާދުން ބުނި ގޮތުގައި، މަޝްވަރާތައް އަލުން ފަށާއިރު، ވިލާތުގެ އިއްތިހާދުގެ ވެރިޔާ ޖޯސެފް ބޮރެލްގެ ބަދަލުގައި ރިއާސަތު ބަލަހައްޓަވާނީ، ވިލާތުގެ އިއްތިހާދުގެ މެދުވެރިޔާ އެންރިކް މޯރާއާ އެވެ.

ވިލާތުގެ އިއްތިހާދުގެ ޔޫރަޕްގެ ހާރިޖީ ގުޅުންތަކާ ބެހޭ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާންގެ ނިއުކްލިއާގައި އެމެރިކާ އަލުން ބައިވެރިވުމާ ބެހޭ ގޮތުންނާއި، މުއާހަދާގެ ބައިވެރިން އެ މުއާހަދާ އަށް ފުރިހަމައަށް އަމަލުކޮށް ތަންފީޒުކުރުމާ ގުޅޭ ގޮތުން، މަޝްވަރާގެ ބައިވެރިން ވާހަކަ ދައްކަވާނެ ކަމަށެވެ.

އީރާންގެ ނިއުކްލިއާ މުއާހަދާގެ ނަމުން މަޝްހޫރުވެފައިވާ، "ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން" (ޖޭސީޕީއޯއޭ) ގައި އީރާނާ އެކު ޖުލައި 14މ 2015 ގައި ސޮއިކޮށްފައިވަނީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރުންގެ އިތުރުން، ޖަރުމަން ވިލާތާއި ވިލާތުގެ އިއްތިހާދެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، އެމެރިކާ ވަނީ 2018 ވަނަ އަހަރު އެމުއާހަދާ އިން އަމިއްލަ އަށް ވަކިވެފަ އެވެ. އެއަށް ފަހު، އެމެރިކާ އިން ވަނީ، އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.