Roadha Mihaaru

ރިލްވާންގެ މައްސަލާގައި އެޗްއާރުސީއެމް އިންސާފުވެރިއެއް ނޫން: އާއިލާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން "ގެއްލުވާލި" މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިންސާފުވެރިކަމާ އެކު މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭނާގެ އާއިލާ އިން އިއްޔެ ބުނެފި އެވެ.

"ރިލްވާން މައްސަލާގައި އެޗްއާރުސީއެމް އިންސާފުވެރިއެއް ނޫން"
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

11 ޑިސެމްބަރ 2016

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން "ގެއްލުވާލި" މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިންސާފުވެރިކަމާ އެކު މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭނާގެ އާއިލާ އިން އިއްޔެ ބުނެފި އެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ކަންބޮޑުނުވާ ކަމަށް އެޗްއާރުސީއެމުން ބުނެފައިވާތީ އެކަން ކުށްވެރިކޮށް ރިލްވާންގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ ރިލްވާން ގެއްލުވާލިތާ 855 ދުވަސްވެފައިވާއިރު ސަރުކާރުން އެކަން ތަހުގީގުކޮށް ކަން ހިނގި ގޮތުގެ މައުލޫމާތު އާއިލާ އަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އަދި އެ މައްސަލާގައި އެއްވެސް ބައެއްގެ މައްޗަށް މިހާތަނަށް ދައުވާ ވެސް އުފުލާފައި ނުވާއިރު، އިންސާނީ ހައްގުތަކުގެ ހާލަތާ މެދު އެޗްއާރުސީއެމްގެ ކަންބޮޑުވުމެއް ނެތުމުން ހިތާމަކުރާ ކަމަށް އާއިލާ އިން ބުންޏެވެ.

"އަޅުގަނޑުމެންގެ ދަރިފުޅު ގެއްލުވާލުމާ ގުޅިގެން ދައުލަތުގެ ޒިންމާދާރުކުޑަކަމުން އެކަމުގައި ޝާމިލްވާކަމަށް ބުނާ އެންމެން މިއަދު ދިވެހިރާއްޖެ އިން ފުރައިގެން ގޮސްފައިވާއިރު، މިއަދު އަޅުގަނޑުމެން އިންސާފު ހޯދަން ދާނެ ތަނެއް ނެތްއިރު އަޅުގަނޑުމެންގެ ދަރިފުޅަށް ވީގޮތެއް އެއްވެސް ފަރާތަކުން ހާމަކޮށްދީފައެއް ނެތެވެ،" ބަޔާނުގައިވެ އެވެ.

ރިލްވާންގެ އާއިލާ އިން ބުނީ އޭނާގެ މައްސަލާގައި މިހާތަނަށް ހައްލު ހޯދައި ނުދިނުމަކީ އެހެން މީހުންނަށް ވެސް އޭގެ ބިރުވެރިކަން އޮތް ކަމެއް ކަމަށެވެ. މި ހާލަތު ގައުމުގައި އޮތްއިރު އެޗްއާރުސީއެމުގެ ކަންބޮޑުވުމެއް ނެތުމަކީ އިންތިހާއަށް ނުރައްކާ އޮތް ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މަރުގެ އިންޒާރުތަކަކަށް ފަހު، މިނިވަން ނޫހުގެ ނޫސްވެރިޔާ "ގެއްލުނީ" ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. އެ ހާދިސާ އަށް ދެ އަހަރު ފުރިފައި ވާއިރު ތަހުގީގު ދަނީ ކޮޅެއްގައި ނުޖެހި އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މި އަހަރުގެ ކުރީކޮޅު ބުނެފައި ވަނީ ރިލްވާން ގެއްލުމުގެ ކުރިން ބަޔަކު އޭނާއަށް ފާރަލި ކަމަށެވެ. އަދި އޭނައަށް ބަޔަކު ފާރަލަމުން ދިޔަ ވީޑިއޯއެއް ފުލުހުން އާއްމު ވެސް ކުރި އެވެ.