Roadha Mihaaru
އެޗްއާރްސީއެމްގެ ޓީމެއް ރިހިވެއްޔަށް!

ރިހިވެލީގައި އިންސާނީ ހައްގުތަކާ ހިލާފު ކަމެއް ހިނގާތޯ ބަލަން އެޗްއާރްސީއެމުން އެ ރަށަށް

16 ސެޕްޓެމްބަރ 2021

ރިހިވެލި ރިސޯޓު ހިންގަން ކުރިން ހަވާލުކުރި ފްރާންސްގެ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އަތުން އެ ތަން އަތުލާފައި ވާއިރު، މިހާރު އެ ރިސޯޓުގައި ހުރި އެ ކުންފުނީގެ ހިއްސާދާރެއްގެ އަންހެނުން ކެތީ ކެލްބު އެ ރަށުން ފައިބަން ދެކޮޅު ހެދުމުން އުފެދިފައިވާ މައްސަލަގަނޑުގެ ތެރެއިން އިންސާނީ ހައްގުތަކާ ހިލާފު ކަމެއް ހިނގާތޯ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ޓީމެއް މިދިޔަ އަންގާރަ ދުވަހު ރިހިވެއްޔަށް ހިނގައްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރިހިވެލި ރިސޯޓު ހިންގަން ކުރިން ހަވާލުކުރި ފްރާންސްގެ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އަތުން އެ ތަން އަތުލާފައި ވާއިރު، މިހާރު އެ ރިސޯޓުގައި ހުރި އެ ކުންފުނީގެ ހިއްސާދާރެއްގެ އަންހެނުން ކެތީ ކެލްބު އެ ރަށުން ފައިބަން ދެކޮޅު ހެދުމުން އުފެދިފައިވާ މައްސަލަގަނޑުގެ ތެރެއިން އިންސާނީ ހައްގުތަކާ ހިލާފު ކަމެއް ހިނގާތޯ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ޓީމެއް މިދިޔަ އަންގާރަ ދުވަހު ރިހިވެއްޔަށް ހިނގައްޖެ އެވެ.

މާހަލް ޓުއާސް އަށް ދޫކޮށްފައިވާ ކ. މަހާނައެޅިހުރާގައި ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމް މޯލްޑިވްސްްއާ އެކު ހެދި އެއްބަސްވުން މީގެ އަހަރެއް ކުރިން މާހަލް އިން ބާތިލު ކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމް ކުރިޔަސް ރިސޯޓު ހިންގުމުގައި އިސްކޮށް އުޅުނު ކެތީ ދަނީ ރަށުން ފައިބަން ދެކޮޅު ހަދަމުންނެވެ. މާހަލް އިން ރަށާ ހަވާލުވިޔަސް، ކެތީ ބޭނުން ވަނީ މައްސަލައިގައި ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމެންދެން ރަށުގައި މަޑުކުރާށެވެ.

ރަށުގައި އޭނާ އެކަނި ހުރީ ބޮޑު ނުރައްކަލެއްގައި ކަމަށާއި ފުރާނަ އަށް ވެސް ނުރައްކާވާ ހާލަތުގައި ކަމަށް ބުނެ ކެތީ އާއި އޭނާގެ ގާތް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ހަފުތާގައި އެއް ދުވަސް ވަންދެން ކޮޓަރިން ނުނިކުމެ އެއްޗެއް ނުކައި ނުބޮއި ވެސް އޭނާ ހުއްޓެވެ. އޭނާގެ ގާތް ބައެއް މީހުން ބުނެފައިވާ ގޮތުގައި ކޮޓަރިން ނުނިކުމެ ކެތީ ހުރީ އެ ތަނުން ނުކުމެއްޖެ ނަމަ ކޮޓަރި ތަޅުލަފާނެތީ އެވެ. ކެތީ ވަނީ އޭނާ އަށް ކަރަންޓާއި ފެން ވެސް ނުލިބޭ ކަމުގެ ޝަކުވާ ކޮށްފަ އެވެ.

އެޗްއާރްސީއެމްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ރިހިވެލި ރިސޯޓުގައި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ބުނާ ދެ މައްސަލައެއް އެ ކޮމިޝަނަށް ލިބިފައި ވާތީ، އެ ދެ މައްސަލަ ބަލަން ކޮމިޝަންގެ ޓީމެއް މިދިޔަ ހޯމަ ދުވަހު އެ ރިސޯޓަށް ދިޔަ ކަމަށެވެ. އެ ދުވަހުގެ މެންދުރުފަހު 3:00 އިން ރޭގަނޑު 12:00 އަށް އެ ޓީމު އެ ރިސޯޓުގައި ހޭދަކުރިއިރު، އެޗްއާރުސީއެމްގެ ހާއްސަ ތަހުގީގު ޓީމާއެކު ކޮމިޝަނުގެ ދެ މެމްބަރަކު ވެސް ޓީމުގައި ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް އެ ކޮމިޝަނުން އަދި ނުދެ އެވެ. އޮފިޝަލު ވިދާޅުވި ގޮތުގައި އެއީ ތަހުގީގު ކުރަމުންދާ މައްސަލަައަކަށް ވާތީ އިތުރު މައުލޫމާތު ދޭނީ އެ ތަހުގީގު ނިމުމުންނެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި އެޗްއާރްސީއެމުން ރިހިވެއްޔަށް ދިޔައީ ކެތީ އަށް ލިބެން ޖެހޭ އިންސާނީ ހައްގުތަކުން މަހުރޫމު ކުރާ ކަމަށް އޭނާ ބުނާ މައްސަލަ އާއި އެ ރަށުގައި ތިބި ރިހިވެލީގެ ބިދޭސީ މުވައްޒަފުންތަކެއްގެ ޕާސްޕޯޓު ކެތީ ހިފަަހައްޓައިގެން އުޅޭ ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުުރުމަށެވެ.

ކެތީގެ ތުހުމަތުތަކާ ގުޅިގެން މާހަލް އިން ބުނެފައިވާ ވަނީ އޭނާ އަށް ރަށުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި އޭނާ ހައްގުތަކުން މަހުރޫމު ނުކުރާ ކަމަށެވެ. އަދި ކެންޓީނަށް ކާން ވެސް ދެވޭނެ ކަމަށް އޭނާ ގާތުގައި ބުނި ކަމަށް މާހަލްގެ އޮފިޝަލަކު ކުރިން ބުންޏެވެ.

އެޗްއާރްސީއެމުން އެ ރަށަށް ދިޔަ ދުވަހު ފުލުހުން ވެސް ރަށަށް ދިޔަ އެވެ. އެ ދުވަހު ފުލުހުންގެ އިސް ފަރާތަކާއެކު ކޮޓަރީގައި ވާހަކަ ދެއްކުމަށް ފަހު ކެތީ ކެންޓީނަށް ގޮސް ކެއެވެ. އަދި އެ ރޭ ކެންޓީނުން ކޮތަޅަކަށް ކާ އެއްޗެހި އަޅައިގެން ކޮޓަރިއަށް ގެންދިޔަ ކަމަށް އެ ރަށުގައި ތިބި މާހަލްގެ ފަރާތްތަކުން މައުލޫމާތު ދިނެވެ.

ރަށް ހިންގަން ހަވާލުކުރި ސަބްލީޒް އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މާހަލްގެ ރުހުމާ ނުލައި އެއްވެސް ފަރާތަކަށް ރިހިވެލީގައި ނުހުރެވޭނެ ކަމަށެވެ. އަދި އެ ރަށުން މަންފާ ވެސް ނުހޯދޭނެ ކަމަށް ހުކުމުގައި ވެ އެވެ.

އެހެންވެ، ކެތީ އެ ރަށުގައި މަޑުކުރާ ކުރުމަކީ ހުއްދަ ނެތި ތަނަކަށް ވަނުން ނުވަތަ "ޓްރެސްޕާސިން"ގެ މައްސަލައެއްގެ ގޮތުގައި ބަލައި އޭނާ ރަށުން ބޭރުކޮށްދިނުމަށް މާހަލް އިން ފުލުހުން ގާތުގައި އެދުނަސް، ފުލުހުން އެކަމުގައި އެއްބާރުލުމެއް ނުދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ހުކުމް ފްރާންސްގެ ހިއްސާދާރުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ. ނަމަވެސް، މިހާތަނަށް އެ ވަގުތީ އަމުރާ ބެހޭގޮތުން އަޑުއެހުމެއް ބާއްވާފައި ނުވާތީ އެ މީހުންގެ ފަރާތުން ކަންބޮޑުވުން ފާޅު ކުރެ އެވެ.

މާހަލް އިން އެ ރަށް ހިންގަން ސަބްލީޒް ހަވާލުކުރީ ފްރާންސްގެ ސޭވް ދަ ޑްރީމް ކިޔާ ކުންފުންޏާއި މާހަލްގެ ހިއްސާދާރެއްގެ 50 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ހެދި 50-50 ޖޮއިންޓް ވެންޗާ ކުންފުނި "ސޭވް ދަ ޑްރީމް މޯލްޑިވްސް" އާ އެވެ.

ކުންފުނީގެ ދިވެހި ހިއްސާދާރު ހުސެއިން ޝިހާމް އަށް ބޮޑެތު ތުހުމަތުތަކެއް ކެތީ އާއި ފްރާންސްގެ ހިއްސާދާރުން ކުރެ އެވެ. އެ މީހުން ބުނަނީ މާހަލް އަށް ވެސް ނިސްބަތްވާ ހުސެއިން ޝިހާމް ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އެކައުންޓަށް ޖަމާ ކުރި 550،000 ޑޮލަރު ވަގަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް، މީގެ ކުރިން ސިވިލް ކޯޓުން ނިންމާފައި ވަނީ އެ ފައިސާ ނެގުމުގައި ގޯހެއް ނެތް ކަމަށެވެ. އެ މައްސަލަ ވެސް މިހާރު ވަނީ އިސްތިއުނާފު ކޮށްފަ އެވެ.