Roadha Mihaaru
ހުޅުމާލެ ފެސިލިޓީ އެބަ ރަނގަޅުކުރޭ: އެޗްއާރުސީއެމް

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މައްސަލަތައް އެބަ ރަނގަޅުކުރޭ: އެޗްއާރުސީއެމް

10 ޖޫން 2021

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހަދާފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށް ހިއުމަން ރައިޓްސް ކޮމިޝަނުން ޒިޔާރަތްކޮށް ފާހަގަވި މައްސަލަތައް ރަނގަޅުކުރުމުގެ މަސައްކަތް އެތަނުން ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހަދާފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށް ހިއުމަން ރައިޓްސް ކޮމިޝަނުން ޒިޔާރަތްކޮށް ފާހަގަވި މައްސަލަތައް ރަނގަޅުކުރުމުގެ މަސައްކަތް އެތަނުން ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެޗްއާރްސީއެމުން މި މަހު 25 ގައި ފެސިލިޓީ އަށް ގޮސް ހާލަތު ބެލުމަށް ފަހު 28 ވަނަ ދުވަހު ނެރުނު ބަޔާނުގައި ގިނަ މައްސަލަތަކެއް ފާހަގަކުރި އެވެ.

އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އެ ދުވަހުގެ ޒިޔާރާތަށް ފަހު ހުށަހެޅި ކަންކަން ފުރިހަމަކޮށްފައިވާ ވަރު ބެލުމަށް މިއަދު އައިޖީއެމްއެޗާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަދި އިސްލާމިކް މިނިސްޓްރީއާ ވެސް ބައްދަލުކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގެ ތެރެއިން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ހިދުމަތްތަކަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އޭގެ ތެރޭގައި ހިދުމަތް ދިނުމަށްޓަކައި ފެސިލިޓީގައި ހަރަކާތްތެރިވާ ސްޓާފުންގެ އަދަދު އިތުރު ވުން ހިމެނޭ ކަމަށާއި އޭގެ ސަބަބުން ބަލި މީހުންގެ ހާލަތު ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ބަލި މީހުން ފެސިލިޓީ އަށް ގެންދިއުމުގެ ކުރިން ސިއްހީ ހިދުމަތް ދޭ އިތުރު މަރުކަޒުތަކުގައި ބަލި މީހުން ޓްރިއޭޖް ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ދިއުން ވެސް ހިމެނެ އެވެ.

"އަދި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަން ވެސް މި ބައްދަލުވުމުގެ ބައިވެރިން ހިއްސާކުރެއްވި މައުލޫމާތުން ފާހަގަކުރެވުނު،" އެޗްއާރުސީއެމުން ބުންޏެވެ.

އެޗްއާރުސީއެމުން ތަނުގެ ހާލަތު ބަލަން ކުރި ޒިޔާރާތަށް ފަހު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ފެސިލިޓީ އަކީ ސިއްހީ ފަރުވާދިނުމަށް ގާއިމްކޮށްފައިވާ ތަނަކަށް ވިޔަސް، ފަރުވާ ހޯދަމުން ގެންދާ މީހުންގެ އަދަދާއި އެ މީހުންގެ ހާލަތާ އަޅާބަލާއިރު، ފަރުވާ ދޭން ތިބި ނަރުހުންގެ އަދަދު ވެސް މަދުވުމުން، އެޑްމިޓުކޮށްގެން އެންމެ ރަނގަޅަށް ފަރުވާއެއް ނުދެވެ އެވެ.

އާއިލާ އިން ބަލި މީހުންނަށް ފޮނުވާ ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ބަލި މީހާއާ ހަމައަށް ދިއުމުގައި ލަސްވުމާއި ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފުސާނީ ގޮތުން އެތައް ކަމެއް ތަހައްމަލުކުރަމުން ދާއިރު، އެ މީހުންނަށް ނަފުސާނީ އެހީ ފޯރުކޮށްނުދެވުމުގެ މައްސަލަ ވެސް މެޑިކަލް ފެސިލިޓީން ފާހަގަކުރެވުނެވެ.

ފެސިލިޓީ ސާފުކުރަން ތިބޭ މުވައްޒަފުންނަށް އެއްވެސް ހުސްވަގުތެއް ނުދީ 12 ގަޑިއިރު މަސައްކަތް ކުރުވުމާއި މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަ ވެސް ފާހަގަކުރި އެވެ.