Roadha Mihaaru
އެންގުންތަކަށް ބޯލެނބުމަށް އެޗްއާރުސީއެމުން އެދިއްޖެ

ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އެޗްޕީއޭގެ އެންގުންތަކަށް ބޯލެނބުމަށް އެޗްއާރުސީއެމުން އެދިއްޖެ

07 މެއި 2021

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންްދާ މި ދަނޑިވަޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކަށް ބޯލެނބުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިރޭ އެދިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންްދާ މި ދަނޑިވަޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކަށް ބޯލެނބުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިރޭ އެދިއްޖެ އެވެ.

ރާއްޖެ އަށް ކޮވިޑްގެ ހަތަރު ވަނަ ރާޅު އަރައި ހަމަކޮށް، ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އުޅެނީ އެވްރެޖްކޮށް 700 އިން މަތީގަ އެވެ. ހޮސްޕިޓަލުތަކުގެ އެނދުތައް ވެސް ފުރެމުންދާއިރު އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް ވެސް ވަނީ އިތުރުވެފަ އެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ހާލަތު ގޯސްވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ހާލަތު ގޯސްވިޔަސް، ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރުސީއެމުން ބުނި ގޮތުގައި ހޮސްޕިޓަލުތަކުގެ އެނދުތައް ފުރެމުންދާ މި ނާޒުކް ވަގުތު މާބަނޑު މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އަދި ކުއްލި ހާލަތުގައި ހޮސްޕިޓަލުން ހިދުމަތް ހޯދަންޖެހޭ މީހުންނަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާ ބެހޭ ފަރާތްތަކުން ސަމާލުކަން ދޭން ޖެހެ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ މާލޭ ސަރަހައްދުގެ އިތުރުން ބަލީގެ ބިރުވެރިކަން ބޮޑުވެފައިވާ ރަށްރަށުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އަދި ހޮސްޕިޓަލުގެ އެނދުތައް ފުރެމުންދާތީ ވަސީލަތް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.