Roadha Mihaaru
އެޗްއާރުސީއެމުން ގާސިމާ ބައްދަލުކޮށްފި

އެޗްއާރުސީއެމުން ގާސިމާ ބައްދަލުކޮށްފި

28 އޯގަސްޓް 2017

ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން މިހާރު އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބައްދަލުކޮށްފި އެވެ.

ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން މިހާރު އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބައްދަލުކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއްގައި ދެއްކެެވި ވާހަކައަކާ ގުޅިގެން ރިޝްވަތުގެ ތުހުމަތުކޮށް، ތިން އަހަރުގެ ޖަލު ހުކުމެއް މިދިޔަ ބުރާސްފަތި ދުވަހު އައިސްފައިވާ ގާސިމްގެ ސިއްހީ ހާލަތާއި ކުރިމަތިވެފައިވާ ދަތިތައް އެޗްއާރުސީއެމްގެ ޓީމަކުން މިއަދު ބެލުމަށް ފަހު، ބައެއް ކަންކަން ރަނގަޅު ކޮށްދީފައިވާ ކަމަށް އޭނާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މިއަދު ވިދާޅުވި އެވެ.

"އޭގެ ތެރެއިން އެއް ކަމަކީ ގާސިމްގެ ކުދިންނަށް ގާސިމަށް އެކްސެސްވުމުގައި ހުރި އުނދަގޫތަކެއް ހައްލުކޮށް ދިނުން. އެޗްއާރުސީއެމުން ކުރި މަސައްކަތުން އެކަން ރަނގަޅު ކުރެވިއްޖެ. ދެން ވެސް، އައިޖީއެމްއެޗްގައި ގާސިމް އޮންނަވާއިރު، ހިފެހެއްޓިފައި ހުރި ބައެއް ކަންކަން އެބޭފުޅުންގެ މަސައްކަތުން ވަނީ ލުއިކޮށްދެއްވާފައި،" ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިވަގުތު އެންމެ ކަންބޮޑުވާ ކަމަކަށް އޮތީ، ގާސިމް ވީހާވެސް އަވަހަކަށް ހިތުގެ ފަރުވާ އާއި ޓެސްޓްތަކެއް ހެދުމަށް ރާއްޖެ އިން ބޭރަށް ފޮނުވައި ދިނުމަށް ޑޮކްޓަރުން އެދިފައިވާއިރު، އެކަމަށް ކުރިމަތިވެފައިވާ ހުރަސްތަކެވެ.

ސަމީރު ވިދާޅުވީ ގާސިމްގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުގައި އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށް އެޗްއާރުސީއެމުން ވެސް ގަބޫލުކުރާ ކަމަށެވެ. އަދި ގާސިމް ބޭރަށް ފުރުވާނުލެވި ލަސްވާ ސަބަބު ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެޗްއާރުސީއެމުން ބުނެފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

ގާސިމަށް އެކަށީގެންވާ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ނުދީ ލަސްކުރަމުންދާ ކަމަށް ބުނާ މައްސަލަ އެޗްއާރުސީއެމުން ބަލަމުން އަންނައިރު، އެކަމާ ގުޅޭ ގޮތުން އެ ކޮމިޝަނުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.

ގާސިމް ބޭސްފަރުވާ އަށް ފުރުން ލަސްވަމުންދާ މައްސަލާގައި ސަމީރު މިއަދު ވެސް ވަނީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާ ބައްދަލުކުރުމަށް އެ މިނިސްޓްރީ އަށް ވަޑައިގެންފަ އެވެ. އެކަމަކު މިއަދު ބައްދަލެއް ނުވި އެވެ. އޭގެ ބަދަލުގައި މިނިސްޓަރު އަޒްލީންގެ އެޕޮއިންޓްމަންޓް ލިބުނީ މާދަމާ އަށް ކަމަށް ސަމީރު ވިދާޅުވި އެވެ.

ނަމަވެސް ސަމީރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ގާނޫނީ ވަކީލުންނާ ބައްދަލުކުރައްވައި، ގާސިމް ބޭސްފަރުވާ އަށް ނުފޮނުވާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯޓުގެ ހުކުމުގައިވާ ގޮތުން [ވީހާވެސް އަވަހަކަށް] ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް އެ ވަކީލުން ވެސް ގަބޫލުކުރައްވާ. އެކަމަކު މައްސަލައަކީ މިނިސްޓަރު [އަޒްލީން] ގެ މޭޒުމަތީގައި މިކަން ހިފެހެއްޓިފައި އޮތުން. ކަރެކްޝަންސްގެ ވަކީލުންނަށް އަޅުގަނޑު ދެންނެވިން ސިޔާސީ ކަންކަމާ ހެދި ގާސިމަށް ބޭސްފަރުވާ ނުކުރެވި، ފުރާނައަށް ކަމެއް ދިމާވެއްޖެ ނަމަ ތިޔަބޭފުޅުން އޭގެ ޒިންމާ ނަންގަވަން ޖެހޭ ނަމަ އެކަމާ ވަރަށް ދެރަވާ ކަމަށް،" ސަމީރު ވިދާޅުވި އެވެ.

ގާސިމް އައިޖީއެމްއެޗުގައި އެޑްމިޓް ކުރީ، މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އިންނަވަނިކޮށް އަނބުރައި ގަނެގެން ވެއްޓުމުންނެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކޯޓުން ޖެހީ ޣައިރު ހާޒިރުގަ އެވެ. އޭރު ގާސިމް އޮންނެވީ އާލާސްކަންފުޅާ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފަ އެވެ.