Roadha Mihaaru
މަރީގެ އާއިލާއަށް ލަފާދިނީ ގެއްލުމުގެ ބަދަލު ހޯދަން

އެޗްއާރުސީއެމުން މަރީގެ އާއިލާއަށް ލަފާދިނީ ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމަށް

25 ޑިސެމްބަރ 2022

މަރިޔަމް ޒައީމާ މޫސާ (މަރީ) އަށް ފަރުވާދިނުމުގައި އައިޖީއެމްއެޗުން އިހުމާލުވެފައިވާކަން އެޗްއާރުސީއެމްގެ ތަހުގީގަށް ވެސް ސާބިތުވެފައި ވާތީ، ޝަރީއަތް މެދުވެރިކޮށް ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމަށް އެ ކޮމިޝަނުން އާއިލާ އަށް ލަފާދީފައިވާކަން އެނގިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަރިޔަމް ޒައީމާ މޫސާ (މަރީ) އަށް ފަރުވާދިނުމުގައި އައިޖީއެމްއެޗުން އިހުމާލުވެފައިވާކަން އެޗްއާރުސީއެމްގެ ތަހުގީގަށް ވެސް ސާބިތުވެފައި ވާތީ، ޝަރީއަތް މެދުވެރިކޮށް ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމަށް އެ ކޮމިޝަނުން އާއިލާ އަށް ލަފާދީފައިވާކަން އެނގިއްޖެ އެވެ.

މަރީގެ ހާލު ދެރަވީ ކްރީމް ޖެހި ބަނަހެއް ކެއި ފަހުން އެލާޖިކުވެގެން އައިޖީއެމްއެޗަށް ގެންދިއުމުން ނުބައިކޮށް އިންޖެކްޝަނެއް ޖެހުމުގެ ސަބަބުންނެވެ. އެ ވޭނުގައި ދެ އަހަރެއްހާ ދުވަހު އުޅުމަށް ފަހު މަރީ ނިޔާވީ މިއަދު ހެނދުނެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެޗްއާރުސީއެމުން މިދިޔަ ނޮވެމްބަރު މަހުގެ ހައެއްގައި އާއިލާއަށް ފޮނުވި ރިޕޯޓްގައިވާ ގޮތުން، އައިޖީއެމްއެޗުގެ އިމަޖެންސީގައި ފަރުވާދިނުމުން މަރީގެ ސިއްހީ ހާލަތަށް ދިމާވި މައްސަލަތަކަކީ އެ ޑިޕާޓްމަންޓުގައި މަސައްކަތްކުރި މީހުންގެ އިހުމާލުންކަން ޔަގީން ކުރެވިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުން އަމިއްލައަށް ކުރި ތަހުގީގުން ވެސް އެކަން ސާބިތުވެފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުންޏެވެ.

"މި ހާދިސާއާ ގުޅިގެން ގ. ރޯމްގެ، މަރިޔަމް ޒައީމާ (މަރީ) އަށް ސިއްހީ ގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް، ޝަރީއަތް މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުސަތު އޮތް ކަމަށް ދަންނަވައި މި ކޮމިޝަނުން ތަހުގީގުކުރަމުން އައި މައްސަލަ ނިމުނު ވާހަކަ ދަންނަވަމެވެ،" އެޗްއާރުސީއެމްގެ ރިޕޯޓުގައިވެ އެވެ.

އެޗްއާރުސީއެމް ރިޕޯޓްގެ ހުލާސާ

• އިމަޖެންސީ ރޫމުގައި ދެވުނު ފަރުވާގައި އައިވީއެޑްރެނަލިން ދިނުމުން މަރީގެ ހިތުގެ ހިނގުމަށް ބަދަލު އައިސް، ހާޓް އެޓޭކެއް ޖެހި ހާލަތު އިތުރަށް ގޯސްވެ، އިމަޖެންސީގައި ފަރުވާދީ އައިސީޔޫއަށް ޝިފްޓްކުރި.

• މަރީއަށް އައިވީއެޑްރެނަލިން ދީފައި ވަނީ އެ އިންޖެކްޝަން ދޭން އޮންނަ އުސޫލާ ހިލާފަށް ޑައިލިއުޓް ނުކޮށް، ސްލޯއިންފިއުޝަންއެއް ނޫން ގޮތަށް، އައިވީކޮށް ކަމަށް ލިޔެކިޔުންތަކުން އެނގޭ.

• ޑައިލިއުޓް ނުކޮށް އައިވީއެޑްރެނަލިން ދިނުމަކީ ހިތުގެ ހިނގުމަށް ބަދަލު އައިސް ހިތް ހުއްޓުމުގެ ފުރުސަތު އޮންނަ ކަމެއް.

• ޑޮކްޓަރު އެކަން ކޮށްފައި ވަނީ ގަސްދުގައި ނޫން ކަމަށް އެނގިފައި ވިޔަސް، އެފަދަ ބޮޑު އިހުމާލެއް ހިނގައިގެން ނުވާނެ ކަމަށް ބުނެފައިވޭ.

• ޕޭޝަންޓަށް ފަރުވާދިނުމުގައި އެންމެ އެދެވޭ ގޮތް ނޫން ގޮތަކަށް ކަމެއް ހިނގައިފި ނަމަ އާއިލާއަށް އެކަން އަންގަން ޖެހޭ ގޮތުގެ އުސޫލެއް ހެދިފައި ނެތް.

• މި މައްސަލާގައި އިހުމާލުވާ ޑޮކްޓަރު ބަލި މީހުން ބަލަން ނުޖެހޭ ޑިޕާޓްމަންޓަކަށް ބަދަލުކޮށް، ފަހުގެ އިންޒާރު ދީފައިވާ ކަމަށް އައިޖީއެމްއެޗުން އެޗުއާރުސީއެމްގެ ތަހުގީގަށް މައުލޫމާތު ދިން.

• މި މައްސަލާގައި އިހުމާލުވާ ނަރުހުންނަށް ލިޔުމުން ނަސޭހަތް ދީފައިވޭ.

ހޮސްޕިޓަލުގެ ކެންޓީނުން ގަތް ބަނަހެއް ކެއި ފަހުން މަރީ އެލާޖިކުވެ، އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހު އެވެ. އޭނާގެ ހާލު މާ ބޮޑަށް ދެރަވީ އިމަޖެންސީގައި ފަރުވާދިންއިރު، ނުބައިކޮށް އިންޖެކްޝަނެއް ޖެހި ފަހުންނެވެ.

މަރީގެ ހާލު ގޯސްވީ އިންޖެކްޝަނެއް ނުބައިކޮށް ދެވިފައި ވާތީ ކަމަށާއި އެކަން އެހެން ދިމާވުމުގައި އިހުމާލުވެފައިވާ ކަމަށް އެއްބަސްވެ، އައިޖީއެމްއެޗުން މާފަށް ވެސް އެދުނެވެ. އަދި އެ މައްސަލަ ތަހުގީގުކުރާނެ ކަމަށް ވެސް ބުންޏެވެ.

އެ އިންޖެކްޝަން ދިން ފަހުން މިދިޔަ ދެ އަހަރެއްހާ ދުވަހު މަރީ އޮތީ ރަނގަޅަށް ހޭ ނާރަ އެވެ. އާއިލާއިން އޭނާ އިންޑިއާއަށް ގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ވެސް ދިނެވެ. ދެވެނޭ އިތުރު ފަރުވާއެއް ނެތިގެން މަރީ ރާއްޖެ ގެނައީ މިދިޔަ މެއި މަހު އެވެ.

ނުވަ އަހަރުގެ ކުޑަކުއްޖެއް ވެސް ހުންނަ އެކަނިވެރި މައެއް ކަމަށްވާ މަރީ އަކީ ވަރަށް ގިނަ ކާ އެއްޗިއްސަށާއި ބޭސްތަކަށް ވެސް އެލާޖިކްވާ މީހެކެވެ. އެލާޖިކް ވެގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އޭނާ ވަނީ ފަރުވާ ހޯދައިފަ އެވެ.