Roadha Mihaaru
ކްރީމްޖެހި ބަނަހަކަށް އެލާޖިކުވެ، މަރާ ހަނގުރާމަކުރަނީ

ކްރީމްޖެހި ބަނަހަކަށް އެލާޖިކުވެ، މަރާ ހަނގުރާމަކުރަނީ!

18 އޮކްޓޯބަރ 2021

މަރިޔަމް ޒައީމާ މޫސާ (މަރީ) އިނީ އޭނާގެ މަންމަ ވަރަށް ބޮޑަށް ހާލު ދެރަވެ އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮތުމުން އެ ލޯބިވާ މަންމަގެ ކައިރީގަ އެވެ. އެތަނުގައި އިނދެފައި ބަނޑުހައިވެގެން ނުކުމެ، ހޮސްޕިޓަލުގެ ކެންޓީނުން ގަތީ ކްރީމްޖެހި ބަނަހެކެވެ. އެކަމަކު، އެ ބަނަސް ކެއިތާ މާ ގިނައިރުތަކެއް ނުވެ އޭނާގެ މުޅި ގައި ހިރުވައި، ނޭވާލާން އުނދަގޫވާން ފެށި އެވެ. ވަގުތުން އޭނާ އިމަޖެންސީ ރޫމަށް ގެންގޮސް ފަރުވާދެނިކޮށް، ހިތް ހުއްޓި އައިސީޔޫގައި ބާއްވަން ޖެހުނެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަރިޔަމް ޒައީމާ މޫސާ (މަރީ) އިނީ އޭނާގެ މަންމަ ވަރަށް ބޮޑަށް ހާލު ދެރަވެ އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮތުމުން އެ ލޯބިވާ މަންމަގެ ކައިރީގަ އެވެ. އެތަނުގައި އިނދެފައި ބަނޑުހައިވެގެން ނުކުމެ، ހޮސްޕިޓަލުގެ ކެންޓީނުން ގަތީ ކްރީމްޖެހި ބަނަހެކެވެ. އެކަމަކު، އެ ބަނަސް ކެއިތާ މާ ގިނައިރުތަކެއް ނުވެ އޭނާގެ މުޅި ގައި ހިރުވައި، ނޭވާލާން އުނދަގޫވާން ފެށި އެވެ. ވަގުތުން އޭނާ އިމަޖެންސީ ރޫމަށް ގެންގޮސް ފަރުވާދެނިކޮށް، ހިތް ހުއްޓި އައިސީޔޫގައި ބާއްވަން ޖެހުނެވެ.

އޭގެ ފަހުން މިހާތަނަށް ހަތަރު މަސްވީއިރު ވެސް އުމުރުން 30 އަހަރުގެ އެ ޒުވާނާ ރަނގަޅަށް ހެއެއް ނާރަ އެވެ.

މާލެ އަށް އުފަން މަރީ އަކީ ވަރަށް ގިނަ ކާ އެއްޗިއްސަށާއި ބޭސްތަކަށް ވެސް އެލާޖިކްވާ މީހެކެވެ. އެލާޖިކް ވެގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އޭނާ ވަނީ ފަރުވާ ހޯދައިފަ އެވެ. އެކަމަކު މިހާ ބޮޑަށް ހާލު ގޯސްވީ މި ފަހަރު އެކަންޏެވެ.

އައިޖީއެމްއެޗުގައި މަހެއް ވަންދެން ބޭއްވުމަށް ފަހު، އިތުރު ފަރުވާ އަށް އާއިލާ އިން އޭނާ ގެންދިޔައީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށެވެ.

މަރީ ގާތުގައި އެހީތެރިޔަކަށް ހުރި، އޭނާގެ ކޮއްކޮ އައިޝަތު ޒައީމާ (އައިޝާ) "މިހާރު" އަށް ކިޔައިދިން ގޮތުގައި މަރީގެ ހިތް ހުއްޓުނީ އައިޖީއެމްޗެއްގެ އިމަޖެންސީ ރޫމުގައި ފަރުވާދިން އިރު އިންޖެކްޝަނެއް ޖެހި ފަހުންނެވެ.

"ހިތް ހުއްޓުނުތާ ގާތްގަނޑަކަށް 30 މިނެޓު ފަހުން އަލުން ރަނގަޅަށް ވިންދު ޖަހަން ފެށީ. އެ ދިޔަ ވަގުތުކޮޅުގެ ތެރޭގައި ވެސް ބުނި ދެ ފަހަރަކު ހިތް ހުއްޓުނު ވާހަކަ،" އައިޝާ ބުންޏެވެ.

"އީއާރުން ނެރުނީ ވެންޓިލޭޓަރުގައި ބާއްވައިގެން. ވަގުތުން އައިސީޔޫގައި ފަރުވާދޭން ފެށި."

އައިސީޔޫގައި ބޭއްވިތާ ފަސް ދުވަސް ފަހުން، ހަށިގަނޑު ކުޑަކޮށް "ސްޓޭބަލް" ވުމުން ސީޓީ ސްކޭނެއް ހެދި އެވެ. އެ ސްކޭނުން އެނގުނީ މަރީގެ ސިކުނޑި ވަރަށް ބޮޑަށް ދުޅަވެފައި ހުރި ކަމެވެ. އޭގެ ފަހުން ހެދި އިތުރު ދެ ސީޓީ ސްކޭނާއި އެމްއާރްއައި ޓެސްޓުތަކުން ދުޅަ ތިރިވާ ކަމަށް ދެއްކިޔަސް، ސިކުނޑި އަށް ލިބިފައި ހުރި ގެއްލުން ބޮޑު ކަމަށް ޑޮކްޓަރުން ބުންޏެވެ.

އޭގެ ތިން ހަފުތާ ފަހުން އައިސީޔޫ އިން ނެރެ، ރޫމުގައި ބޭއްވި އެވެ. އިންޑިއާ އަށް ގެންދިޔައީ މަރީ އަށް ރާއްޖެ އިން ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ޑޮކްޓަރުން ބުނުމުން އޭގެ ހަފުތާއެއް ފަހުންނެވެ.

"އަމްރިތާ އަށް ގެނައި ގޮތަށް އަދިވެސް އޮތީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި،" އައިޝާ ބުންޏެވެ.

ކްރީމްޖެހި ބަނަހަކަށް އެލާޖިކުވެ ހާލު ދެރަވި މަރިޔަމް ޒައީމާ މޫސާ (މަރީ).--

ކްރީމްޖެހި ބަނަހަކަށް އެލާޖިކުވެ ހާލު ދެރަވި މަރިޔަމް ޒައީމާ މޫސާ (މަރީ).--

ހޭ އެރިޔަސް ހަރަކާތެއް ނުކުރެވޭ

އަމްރިތާގައި މަރީ ފަރުވާ ހޯދަމުން އަންނަތާ މިހާރު ތިން މަސް ވެއްޖެ އެވެ.

"ލޯ ހުޅުވާ. އެކަމަކު އެއްވެސް ވަރަކަށް ވާހަކައެއް ނުދެއްކޭ، މާބޮޑަށް ހަރަކާތެއް ވެސް ނުކުރެވޭ،" މަރީގެ މިހާރުގެ ހާލަތު ކިޔައިދެމުން އައިޝާ ބުންޏެވެ.

އަމްރިތާ އަށް ގެންދިޔަ ފަހުން މިހާރު ތިން ސާޖަރީއެއް ވެސް ކޮށްފި އެވެ. އެ ތިން އޮޕަރޭޝަން ކުރަން ޖެހުނީ އެކޮޅަށް ގެންދިޔަ ފަހުން ހެދި ޓެސްޓުތަކުން އޭނާގެ ސިކުނޑީގައި ފެން ހެދިފައި ހުރިކަން އެނގުމުން، އެ އެއްޗެހި ބޭރު ކުރުމަށްޓަކަ އެވެ. ގިނަ ބޭސްތަކަށް މަރީ އެލާޖިކުވާތީ މި އޮޕަރޭޝަންތައް ކުރަން ވެސް ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިވި އެވެ.

އައިޝާ ބުނި ގޮތުގައި މަރީ ކޮވިޑް ވެކްސިނަށް ވެސް މަރީ އެލާޖިކުވި އެވެ. އެހެންވެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު އޭނާ ފަހުން ވެކްސިން ފުރިހަމައެއް ވެސް ނުކުރެ އެވެ.

އަމްރިތާގައި މަރީ އަންނަނީ ފިޒިއޯ ތެރަޕީ އާއި އޮކްސިޖަން ތެރަޕީ ވެސް ނަގަމުންނެވެ. އޮކްސިޖަން ތެރަޕީގައި 40 ސެޝަން އިނދެ އެވެ. އޭގެ ބަކީ 10 ސެޝަން އޮތްއިރު، ރޯގާ ނުވަތަ އިންފެކްޝަނެއް ޖެހުނަސް މަރީ ރަނގަޅުވާން ވަރަށް ގިނަ ދުވަސް ނަގާތީ އާއި ގިނަ އެންޓިބަޔޮޓިކަށް ވެސް އެލާޖިކު ވާތީ މިކަހަލަ އިތުރު ފަރުވާތައް ދޭން އުނދަގޫވެ އެެވެ.

"އެކަމަކު މަޑުމަޑުން މިހާރު އެބަ ފެނޭ ކުދިކުދި ތަފާތުތައް. ގައި އަތްލުމުން ސިއްސައިގެން ގޮސް އެ ކަހަލަ ހަރަކާތްތައް ކޮންމެސް ވަރަކަށް ކުރޭ،" އައިޝާ ބުންޏެވެ.

"ޑޮކްޓަރުން ބުނީ އަހަރެމެން ދައްކާ ވާހަކަ އޭނާ އަށް އިނގޭނެއޭ، އެއަށް ރެސްޕޮންޑް ނުކުރެވުނަސް. ލިބިފައި ހުރި ގެއްލުމުގެ ސަބަބުން އޭނާ އަށް އަދިވެސް ރެސްޕޮންޑު ނުކުރެވެނިއްޔޭ."

މިދިޔަ ހަފުތާގައި މަރީ ވަރަށް ބޮޑަށް ހާލު ދެރަވެ، އައިސީޔޫ އަށް ވެސް އަލުން ލާން ޖެހުނެވެ. އެއީ ލެޔާއި ކުޑަކަމުދާ ތަކެތީގެ އިންފެކްޝަނެއް ހުރެގެންނެވެ. އަދި އޭނާ ނޭވާލާން އަނގަޔަށް ލައްވާފައި އިން ހޮޅީގެ ސަބަބުން ކަރުގައި އިންފެކްޝަނެއް ވެސް ހުއްޓެވެ. ކާންދެނީ ވެސް ނޭފަތަށް ހޮޅިއެއް ލައްވައިގެންނެވެ.

"ޑޮކްޓަރުން ބުނެފައި އޮތީ ގިނަ ދުވަސް ވާ ނަމަ އެ ހޮޅި [ކާންދޭ ހޮޅި] ބަނޑަށް ބަދަލުކުރަން ޖެހޭނެއޭ. އަނެއްކާ އެވެސް ސާޖަރީއެއް ކުރިއަށް އޮތް،" އައިޝާ ބުންޏެވެ.

ފިޒިއޯ އާއި އޮކްސިޖަން ތެރަޕީ ނިމުމުން މަރީ ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކުރަން ވެސް ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ. އެއީ ބޮޑު ހޮސްޕިޓަލެއްގައި އޮތުމުން އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑުވާތީ، އެ ފުރުސަތު ކުޑަކުރުމަށް ޓަކަ އެވެ. އެކަމަށް ވެސް އިތުރު ހަރަދުތަކެއް ހިނގާނެތީ އާއިލާ ތިބީ އެހީތެރިކަމަށް ބޭނުންވެފަ އެވެ. މިހާރު ނަގާ ތެރަޕީތަކުގެ 40 ސެޝަން ހަމަވުމުން އާސަންދަ ލިބުން ވެސް ހުއްޓޭނެ ކަމަށް އައިޝާ ބުންޏެވެ.

މަރީ އަށް އެހީވާން ބޭނުންވާ މައުލޫމާތު މި ލިންކުން ލިބޭ.

އެކަނިވެރި މައެއް

މަރީގެ ނުވަ އަހަރުގެ އަންހެން ކުއްޖަކު ވެސް ހުރެ އެވެ. އައިޝާ ބުނީ މަރީ އަކީ އެކަނިވެރި މައެއް ކަމަށާއި ބައްޕައަކާ ނުލައި އޭނާ އެކަނިމާ އެކަނި، އަމިއްލަ މަސައްކަތުން ދަރިފުޅު ބަލައިބޮޑުކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.

"ކުއްޖާ އަށް ވެސް ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައި ހުރީ. ވަރަށް ބޮޑަށް ބިހޭވިޔާ ޗޭންޖުވެއްޖެ މި ކަމެއްވީ ފަހުން،" އައިޝާ ބުންޏެވެ.

"މިހާރު ކުއްޖާ އަށް މަންމަ ނުފެންނަތާ ވެސް ހަތަރަށް މަހަށް ވުރެ ގިނަ ދުވަސްވީ."

މަރީ ބަލިވި ފަހުން އެ ކުއްޖާ ބަލަނީ އޭނާގެ އާއިލާއިންނެވެ.