Roadha Mihaaru

ލޯބިން ކިޑްނީއެއް ހަދިޔާކުރަން ކެރިދާނެ؟

ލޯބިން ހިތް ހަދިޔާ ކޮށްފީމޭ ބުންޏަސް އެއީ ދިރިހުއްޓައި މީހަކަށް ކޮށްދެވޭނެ އަދި ވާނެ ކަމެއް ނޫނެވެ. އެކަމަކު، ލޯބިވާ މީހަކަށް ހަދިޔާކުރެވޭނެ ބައެއް ގުނަވަންތައް އެބަހުއްޓެވެ.

ލޯބިން ކިޑްނީއެއް ހަދިޔާކުރަން ކެރިދާނެ؟
އާސިމާ ނިޒާރު
އާސިމާ ނިޒާރު

22 ޖޫން 2025

ލޯބިން ހިތް ހަދިޔާ ކޮށްފީމޭ ބުންޏަސް އެއީ ދިރިހުއްޓައި މީހަކަށް ކޮށްދެވޭނެ އަދި ވާނެ ކަމެއް ނޫނެވެ. އެކަމަކު، ލޯބިވާ މީހަކަށް ހަދިޔާކުރެވޭނެ ބައެއް ގުނަވަންތައް އެބަހުއްޓެވެ.

އޭގެ ތެރެއިން އެންމެ މުހިއްމު އެއް ގުނަވަނަކީ ކިޑްނީ އެވެ.

ރާއްޖޭގެ ފުރަތަމަ ކިޑްނީ ބަލީގެ ސްޕެޝަލިސްޓު، ޑރ. އިބްރާހިމް ޝިހާމް ވިދާޅުވީ ކިޑްނީ ހަދިޔާކުރުމުން މީހެއްގެ މުޅި ދިރިއުޅުން އާރާސްތުކޮށް، އާ ދިރިއުޅުމެއް ލިބިގެންދާ ކަމަށެވެ. އެހެންވެ، އެއީ ލޯބިވާ މީހަކަށް ކޮށްދެވިދާނެ އެންމެ ބޮޑު އެއް ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޯބިވާ މީހުންނަށް ދެވޭނެ އެއްޗަކީ ކިޑްނީ،" އައިޖީއެމްއެޗްގައި ފާހަގަކުރި ކިޑްނީ ހަފުތާއާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯގައި އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް ކިޑްނީ ބަލީގެ މީހުން ނިސްބަތުން ގިނަ އެވެ.

ކިޑްނީ ފެއިލްވެއްޖެ ނަމަ އެކަމަށް އޮތް ވަގުތީ ފަރުވާއަކީ ޑައިލިސިސް ހެދުމެވެ. ނަމަވެސް، ދާއިމީ ހައްލެއް ބޭނުންވާ ނަމަ ޖެހެނީ ޓްރާންސްޕްލާންޓް ހަދާށެވެ. އެކަމަކު، ބައެއް ފަހަރު ގުނަވަން ހަދިޔާކުރަން ފަސްޖެހޭތީ ބަލި މީހާއަށް އެ ފަރުވާ ނުލިބި ލަސްވެގެންދެ އެވެ.

ޝިހާމް ވިދާޅުވީ ރަނގަޅަށް ބަލައި އެކަމަށް ބޭނުންވާ ޓެސްޓްތައް ހަދައިގެން ކިޑްނީ ހަދިޔާކުރެވިދާނެ ކަމަށެވެ. އެ ސަބަބާ ހެދި އެއީ ރައްކާތެރިކަމެއް ކަމަށާއި ކިޑްނީ ހަދިޔާކޮށް ކުޑަ ވަގުތުކޮޅެއްގެ ރިކަވަރީއަށް ފަހު މީހާ އާއްމު ހާލަތަށް ބަދަލުވެގެންދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އެއް ކިޑްނީ، މުޅި ދިރިއުޅުން ސިއްހަތު ރަނގަޅުކޮށް ހުރުމަށް ފުދޭނެ. ކިޑްނީ ހަދިޔާކުރަން ތި ބޭފުޅުން އެއްވެސް ވަރަކަށް ޖެހިލުންވާނެ ކަމެއް ނެތް އަދި ކިޑްނީ ހަދިޔާކުރެވޭތޯ ހުރިހާ ވަގުތެއްގައި ވެސް ބައްލަވަން ވާނެ،" ތަޖުރިބާކާރު ޑޮކްޓަރު ވިދާޅުވި އެވެ.

"ލޯބިވާ މީހަކަށް ކިޑްނީ ހަދިޔާކުރަން ލިބޭ ފުރުސަތަކީ ވަރަށް ވެސް ބޮޑު އޮޕޮޗިއުނިޓީއެއް ގޮތަށް ދެކިލައްވައިގެން އިސްނެގުމަކީ ވަރަށް މުހިއްމު ކަމެއް."

އައިޖީއެމްއެޗުން ވަނީ ކުލަގަދަކޮށް ކިޑްނީ ހަފުތާ ފާހަގަކޮށް، އެ ގުނަވަން ހަދިޔާކުރި މީހުންގެ އަގުވަޒަންކުރަން އެވޯޑު ވެސް ދީފަ އެވެ.

ކިޑްނީ ބަލީގެ ރިސްކު އޮތް މީހުންގެ ތެރޭގައި ލޭ މައްޗަށް ދިއުމާއި ހަކުރު ބަލި ހުންނަ ނުވަތަ އާއިލާގައި ކިޑްނީގެ ބަލި ހުންނަ މީހުން، ޒުވާން އުމުރުގައި ކޮލެސްޓްރޯލް މައްޗަށްދާ މީހުން ނުވަތަ ކިޑްނީގައި ހިލަ އުފެދޭ މީހުން ހިމެނެ އެވެ. އެ ކެޓަގަރީގައި ހިމެނޭ މީހުންނަށް، ޑޮކްޓަރެއްގެ ލަފާގެ މަތިން ސްކްރީނިން ހެދުމަކީ ރައްކާތެރި ގޮތެކެވެ.