28 އޮކްޓޯބަރ 2017
ބެންކޮކުގައި ފަރުވާ ދިނުމަށް ފަހު، ރާއްޖެ އަންނަނިކޮށް ހާލު ސީރިއަސް ވެގެން، އިބްރާހިމް ޒާހިލް އައިޖީއެމްއެޗުގައި އެޑްމިޓް ކުރި ހަބަރު ލިބުމުން އޭނާއާ ބައްދަލުކުރަން ހޮސްޕިޓަލަށް ދިޔައީމެވެ. ޒާހިލް އޮތް އައިސީޔޫގެ ކުރިމައްޗަށް އެރި އިރު، އޭނާގެ މަންމަ، ރަމްޒިއްޔާ ހާރޫން ހުއްޓެވެ.
ބެންކޮކުގައި ފަރުވާ ދިނުމަށް ފަހު، ރާއްޖެ އަންނަނިކޮށް ހާލު ސީރިއަސް ވެގެން، އިބްރާހިމް ޒާހިލް އައިޖީއެމްއެޗުގައި އެޑްމިޓް ކުރި ހަބަރު ލިބުމުން އޭނާއާ ބައްދަލުކުރަން ހޮސްޕިޓަލަށް ދިޔައީމެވެ. ޒާހިލް އޮތް އައިސީޔޫގެ ކުރިމައްޗަށް އެރި އިރު، އޭނާގެ މަންމަ، ރަމްޒިއްޔާ ހާރޫން ހުއްޓެވެ.
ޒާހިލްގެ ބޭސްފަރުވާއާ ގުޅޭ ކަރުދާސްތައް ހިމެނޭ ފައިލެއް އޭނާގެ އަތުގައި އޮތެވެ. ފާރުގައި ލެނގިލައިގެން ރަމްޒިއްޔާ އެވަގުތު ހުރީ އެކަނިމާއެކަންޏެވެ. އޭނާ ކައިރިއަށް ހުއްޓި، ޒާހިލްގެ ހާލާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވަރަށް ދެރަވެފައި، ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.
މިއީ ވޭތުވެ ދިޔަ 18 އަހަރު ރަމްޒިއްޔާ އުޅުނު ހާލެވެ.
ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ތިނެއް ޖަހާކަންހާއިރު ޒާހިލް ވަނީ މަރުވެފަ އެވެ. އޭނާގެ އެންމެ ފަހު ނޭވާއާ ހަމައަށް ވެސް އެންމެ ގާތުގައި ދެގޮތެއް ނުވެ ހުރީ މަންމަ ރަމްޒިއްޔާ އެވެ.
ބެންކޮކްގެ ހޮސްޕިޓަލުގައި ރަމްޒިއްޔާ އޭނާގެ ދަރިފުޅު ޒާހިލްއަށް އެހީވަނީ
އެންމެ ތުއްތު އިރުއްސުރެ ޒާހިލް ތަހައްމަލު ކުރަމުން އައި ބައްޔަށް ޝިފާއެއް ހޯދަން، އިންޑިއާ އާއި ބެންކޮކް ފަދަ ގައުމުތަކަށް ރަމްޒިއްޔާ އެކަނި ދަތުރުކުރި އެވެ. ދަރިންނާއި އާއިލާއާ ދުރުގައި، ހޮސްޕިޓަލްތަކުގައި އެކަނި ދިރިއުޅުނެވެ.
ޒާހިލްގެ ފަހު ނޭވާއާ ޖެހެންދެން ވެސް ރަމްޒިއްޔާ އުއްމީދު ކަނޑައެއް ނުލަ އެވެ.
"ދޮންދައްތަ އަބަދުވެސް ގަބޫލުކުރީ ޒާހިލް ރަނގަޅު ވާނެ ކަމަށް. އުއްމީދު ކަނޑައެއް ނުލާ. ޑޮކްޓަރުން ޒާހިލާ މެދު އުއްމީދު ކަނޑާލި އިރު ވެސް ދޮންދައްތަ ބުނި އޭނާ އުއްމީދު ކަނޑާ ނުލާނެ ކަމަށް،" ޒާހިލްގެ ބޭސްފަރުވާގެ ކަންކަން މި ފަހުން އައިސް ބަލަހައްޓަމުން އައި އޭނާގެ ދެބެންގެދެދަރި ބޭބެ އަރީފް މުހައްމަދު ބުންޏެވެ.
ކުޑައިރުއްސުރެ ބަލިވެ އުޅޭތީ ޒާހިލް ވަރަށް ކުޑައިރު، ރަމްޒިއްޔާ އޭނާގެ އާއިލާއާ އެކު ހދ. ނެއްލައިދޫ ދޫކޮށް މާލެ ބަދަލުވި އެވެ. އަދި ދަރިފުޅަށް އިތުރަށް ފަރުވާ ދޭން، އާއިލާއާ އެކު ގިނަ އަހަރުތަކެއް ވާންދެން އިންޑިއާގައި ވެސް އުޅުނެވެ.
ބެންކޮކް ހޮސްޕިޓަލުގައި ޒާހިލް އޭނާގެ މަންމަ އަދި ދައްތައާ އެކު ޑޮކްޓަރާ ބައްދަލުކުރަނީ
އެކަމަކު ފަހުން، ޒާހިލްގެ ބަލިހާލު ބޮޑުވުމުން، ހުރި ހަމައެކަނި ފިރިހެން ދަރި ގޮވައިގެން ބޭރު ގައުމުތަކުގައި އުޅެން ޖެހުމުން، އެހެން ދަރިން ބެލުމުގެ ޒިންމާ އޭނާއަށް ޖެހުނީ ދޫކޮށްލާށެވެ.
އާއިލާއަށް ބޭނުންވާ އާމްދަނީ ހޯދަން ފިރިމީހާ ވަޒީފާގައި އުޅޭތީ، ބޭސްފަރުވާގެ ދަތުރުތައް ގިނައިން ކުރަން ޖެހުނީ ރަމްޒިއްޔާއަށެވެ. އެއީ އޭނާއަށް ހިތުން ފިލުވާލަން ފަސޭހަ ދުވަސްތަކެއް ނޫނެވެ. ޒާހިލްއަށް އެންމެ ހަތް އަހަރުގައި، އިންޑިއާއަށް ކުރި ދަތުރުގެ ވާހަކަ އޭނާ ވަނީ ކުރިން "މިހާރު"އަށް ކިޔައިދީފަ އެވެ.
ރަމްޒިއްޔާ ބުނިގޮތުގައި ޒާހިލް އޭރު އޮތީ "ހަން ނޮޅާލާފައި އޮތް ކުކުޅެއްގެ" ގޮތަށެވެ. އެ މީހުން ދިޔައީ، އިންޑިއާގައި ތިބި ދިވެހި ބައެއް ގާތަށް ނަމަވެސް، ޒާހިލް ފެނުމުން އެމީހުން ގަތީ ބިރެވެ. ދެމައިން ތިބޭނެ ރަނގަޅު ތަނެއް ވެސް އަދި ކާއެއްޗެއް ވެސް ނުދިނެވެ.
ދަރިފުޅު ކޮނޑަށް ލައިގެން އިންޑިއާގެ މަގުމަތީގައި ރަމްޒިއްޔާ ސަލާން ވެސް ޖެހި އެވެ. ކާއެއްޗެއް ދިނުމަށް އެދި މީހުން ކައިރީ އާދޭސްކުރި އެވެ.
އެ ނިކަމެތި ދުވަސްތަކަށް ފަހު ވެސް، ޒާހިލް މަރުވަންދެން އެންމެ ގާތުގައި ހުރީ އެ މަންމަ އެވެ.
އިންޑިއާގައި ދިވެހި އާއިލާއެއްގެ ފަރާތުން ރަހުމެއް ނެތް އަމަލްތަކެއް ތަޖުރިބާކުރަން ޖެހުނަސް ރަމްޒިއްޔާ އާއި ޒާހިލަށް އެހެން ދިވެހިން ދިނީ ލޯތްބެވެ. އަވަށްޓެރި ގައުމަކުން އެކަށީގެންވާ ފަރުވާ ލިބެން ނެތުމުން ބެންކޮކަށް ގެންދަން ފައިސާ ހޯދަން ހިންގި ހަރަކާތަށް ދިވެހިންގެ ފަރާތުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
ބެންކޮކުގައި ފަސް މަހެއްހާ ދުވަސް ހޭދަކުރި އެވެ. އެކަމަކު އޭނާއަށް ބޭނުންވާ އޮޕަރޭޝަން ކުރެވޭ ވަރަށް ހަށިގަނޑު ބަރުނުވުމުން އެނބުރި އަންނަން ޖެހުނީ އެވެ. ކުރިންސުރެ ވެސް ޒާހިލަކަށް ނުކެވެ އެވެ. އޭނާގެ ހަށިގަނޑަށް ބޭނުންވާ ކާނާ އެތެރެކުރަނީ ބަނޑަށް ގުޅާފައި އޮންނަ ހޮޅިއަކުންނެވެ. ބެންކޮކްގެ ޑޮކްޓަރުންނަށް ވެސް ނުކުރެވުނު ކަމަކީ ހޮޅީގެ ބަދަލުގައި އަނގައިން ކާން ދޭނެ ގޮތެއް ހޯދުމެވެ.
ޒާހިލް އެނބުރި ރާއްޖެ ގެނަ އެވެ. އޭނާގެ ހާލު އަނެއްކާވެސް ސީރިއަސްވެ، އައިޖީއެމްއެޗުގައި އެޑްމިޓްކުރަން ޖެހުނީ އެވެ.
"އައިސީޔޫގައި ބޭއްވި ފަހުން އަބަދުވެސް ގޮސް އިންނާނީ އެތަނުގެ ކުރިމަތީގައި. ބޭރަކަށް ނުދާނެ. ރަނގަޅު ކާއެއްޗެއް ކާކަށް ނުދާނެ. ބުނާނެ ޒާހިލް އެހެން ބަނޑުހައިކަން މަތީ ބާއްވާފައި ކާކަށް ނުކެރޭނޭ،" ރަމްޒިއްޔާއާ ބެހޭ ގޮތުން އަރީފް ބުންޏެވެ.
އައިޖީއެމްއެޗުން އޭނާ ގެންދިޔައީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށެވެ. ވޭތުވެ ދިޔަ ތިން މަސް ދުވަހު ރަމްޒިއްޔާ އާއި ޒާހިލްގެ ބައްޕަ އުޅުނީ ވަރަށް އުނދަގުލުގަ އެވެ. ހޮސްޕިޓަލް ދޫކޮށް ބޭރަށް ދިޔައީ ވަރަށް މަދުންނެވެ.
އަރީފް ބުނީ ޒާހިލްގެ ހާލަތު ދަށްވާ ކަމަށް ޑޮކްޓަރުން ބުނާ ކޮންމެ ފަހަރަކު، ދައްތަ ވަރަށް ދެރަވިޔަސް އުއްމީދު ގެއްލުވާ ނުލާކަމަށެވެ. އައިސީޔޫގައި ޒާހިލް އޮތް އިރު، އެތަނަށް ވަދެވޭ ކޮންމެ ފަހަރަކު ވެސް ދަރިފުޅާ ވާހަކަ ދެއްކީ ވަރަށް ހިތްވަރާ އެކީގައި ކަމަށް އަރީފް ބުންޏެވެ.
ޒާހިލް އޭނާ އާއިލާއާ އެކު ބެންކޮކަށް ދިޔަ މަގުމަތީގައި މަތިންދާބޯޓުގައި
"ދޮންދައްތަ ވަންނައިރަށް ޒާހިލް އަތުގެ އިޝާރާތުން ބުނާނެ ކޮން އިރަކުންހޭ އޮޕަރޭޝަން ކުރެވެނީ. އަވަހަށް އޮޕަރޭޝަން ކުރެވެން ނެތްކަން އެނގޭއިރު ވެސް ދައްތަ އޭނާގެ ބޮލުގައި ފިރުމާލާފައި ބުނާނެ ވަރަށް އަވަހަށް ކުރެވޭނޭ، ވަރަށް އަވަހަށް ކެވޭނެއޭ. ޒާހިލް ދުއާކުރާށޭ، މަންމަ ވެސް ދުއާ ކުރާނަމޭ. ވަންނަ ކޮންމެ ފަހަރަކު ޝަހާދަތް ލައިދޭނެ. ގުރުއާން ކިޔަވައިދޭނެ. އެހެން އޭނާގެ ބޮލުގައި ފިރުމާލަދީ އިންނާނެ ނިކުންނަ ގަޑި ޖެހެންދެން،" އަރީފް ކިޔައިދިނެވެ.
މަންމައަކާއި ބަލި ދަރިފުޅުގެ އެ ބައްދަލުވުންތަކުގެ މަންޒަރު ބަލަން ކެތްނުކުރެވިގެން ގިނަ ފަހަރު އަރީފަށް ހުރެވެނީ އަނެއް ފަރާތަށް އެނބުރިގެންނެވެ.
"އަޅުގަނޑު ހިތަށްއަރާ ދައްތަ ހާދަ ހިތްވަރު ގަދައޭ. އެ މަންޒަރުތައް ބަލަން ހުންނައިރު އަޅުގަނޑަށް ރޮވޭ،" އަރީފް ބުންޏެވެ.
ޒާހިލް ކައިރީ ކިތަންމެ ހިތްވަރު ކުރިއަސް، އަރީފް ބުނި ގޮތުގައި، އައިސީޔޫން ނިކުންނަ ކޮންމެ ފަހަރަކު ރަމްޒިއްޔާ ރޮއެވެ.
އުމުރުން 18 އަހަރުގައި ޒާހިލް މަރުވި އިރު އޭނާގެ ގައިގައި ހުރީ 15 ވަރަކަށް ކިލޯ އެވެ. ޒާހިލް ދުނިޔެ ދޫކުރީ ދިރި އޮންނާނެ ކަމުގެ އުއްމީދު ޑޮކްޓަރުން ކަނޑާލިތާ މަހެއް ފަހުންނެވެ. އެންމެ ފަހު ނޭވާ ދޫކޮށްލި އިރު މަންމަ އާއި ބައްޕަ ކައިރީގައި ތިއްބެވެ.
"އަޅުގަނޑު ބުނާނީ ދަރިއަކަށް ނުލިބޭނެއޭ އެވަރުގެ މައެއް. ދަރިއަކަށްޓަކައި މަޔަކަށް ވެވޭނީ އެވަރުގެ ގުރުބާނީއެއް،" އަރީފް ބުންޏެވެ.
ޒާހިލްގެ ބަނޑަށް ހޮޅިލައްވައި، ވެންޓިލޭޓަރުން ނަގައިފި
ކްރީމްޖެހި ބަނަހަކަށް އެލާޖިކުވެ، މަރާ ހަނގުރާމަކުރަނީ
ޒާޙިލްގެ ސިކުނޑި މަރުވެ، އުންމީދު ކަނޑާލައިފި
ކާންދޭ ހޮޅި ނެއްޓިގެން ޒާހިލް އިންޑިއާ އަށް
މަންމަގެ އާދޭސް: ޒާހިލަށް ހެޔޮ ދުއާކޮށްދީ!
ހާލު ސީރިއަސްވެ، ޒާހިލް އައިޖީއެމްއެޗުގެ އައިސީޔޫގައި
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
އައިޖީއެމްއެޗްގައި އަހަރަކު 2 މިލިއަން ލެބް ޓެސްޓް
އައިޖީއެމްއެޗް ކިއު ކުޑަކުރަން ޖީޕީ ކްލިނިކްތައް ހަދަނީ
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ