15 އޯގަސްޓް 2023
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި އާޓިފިޝަލް އިންޓަލެޖިންސް ބޭނުންކޮށްގެން، ޒަމާނީ ފެންވަރުގެ ސިއްހީ ނިޒާމެއް ގާއިމުކުރަން މެނިފެސްޓޯގައި ހިމަނައިފި އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި އާޓިފިޝަލް އިންޓަލެޖިންސް ބޭނުންކޮށްގެން، ޒަމާނީ ފެންވަރުގެ ސިއްހީ ނިޒާމެއް ގާއިމުކުރަން މެނިފެސްޓޯގައި ހިމަނައިފި އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ނުކުންނަވާފައިވާ ގާސިމްގެ މެނިފެސްޓޯގައި ހިމެނޭ "އޯގާތެރި ޒަމާނީ ސިއްހީ ފަރުވާ" ސިޔާސަތުގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތަށް އިންގިލާބީ ބަދަލެއް ގެންނަން ގެންގުޅޭ ތަސައްވަރުގެ މައުލޫމާތު ހިއްސާކުރަން ރޭ ބޭއްވި ފޯރަމެއްގައި ކުރީގެ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، އެ ސިޔާސަތުގެ އެންމެ މުހިންމު އެއް ބަޔަކީ އާސަންދައިގެ ހިދުމަތް ހަމައަކަށް އެޅުވުން ކަމަށެވެ.
އާސަންދައިގެ ތެރެއިން މިހާރު ހަމަހަމަކަށް ނެތުމާއި ކޮރަޕްޝަނާއި އިސްރާފު އިތުރުވެފައިވާކަން ފާހަގަކުރައްވައި އިރުތިޝާމް ވިދާޅުވީ، ގާސިމްގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދެއްވާނީ ހަމަހަމަ އުސޫލަކުން އާސަންދަ ފޯރުކޮށްދިނުން ކަމަށެވެ.
އޭގެ ތެރޭގައި ހޮސްޕިޓަލުތަކުގެ ފެންވަރާ އެކު ބޭހުގެ ކޮލިޓީ އާއި ސިއްހީ ފަރުވާ ދިނުމުގެ ނިޒާމަކީ ރައްޔިތުން ބޭނުންވާ، އެކަށީގެންވާ ހިދުމަތަކަށް ވާންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ސިއްހީ ނިޒާމަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ފަދަ ހިދުމަތަކަށް ވެސް ވާން ޖެހޭ،" އިރުތިޝާމް ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާ ޑރ. ޝާހް މާހިރު އެ ފޯރަމުގައި ވިދާޅުވީ، އާސަންދަ އާއި މުޅި ސިއްހީ ނިޒާމުގެ ތެރެއިން ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ސިއްހީ މައުލޫމާތު ޑިޖިޓަލްކޮށް، ބެލެހެއްޓޭނެ ގޮތެއް ނެތުން ކަމަށެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް. --
ރާއްޖޭން ބޭރުން ފަރުވާ ހޯދަންޖެހޭ މީހުންގެ އެހީތެރިންގެ ހަރަދުތައް އާސަންދައިގެ ތެރެއިން އެހީ ނުލިބޭ މައްސަލަ އަށް ވެސް ހައްލު ލިބޭނެ ކަމަށް ޝާހް ވިދާޅުވި އެވެ.
"ވީހާވެސް ފަސޭހަކޮށް، ތަކުލީފަކާ ނުލައި ހިދުމަތް ދެވޭނެ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.
އާސަންދަ އަށް ގެންނަ ބަދަލުގެ އިތުރުން މުޅި ސިއްހީ ނިޒާމު ބައްޓަން ކުރާނީ ޖޭޕީގެ މެނިފެސްޓޯ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހިންނަ ޚާލިދު ވިދާޅުވި ގޮތުގައި ސިއްހީ ފަރުވާ ހޯދަން ބޭރަށް ދާންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ކުރެވޭ ގޮތަށެވެ.
އެ ކަމަށްޓަކައި ގާސިމްގެ ވެރިކަމެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ޒަމާނީ ފެންވަރުގެ ދެ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓާޝަރީ ހޮސްޕިޓަލަކާ އެކު ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ގިނަ ކަންކަން އެބަހުރި. ނަމަކަށް ނޫން ހަމައެކަނި. ވިސްނުމަކީ މައުލޫމާތު އެއްކުރެވިގެން ޓާޝަރީ ލެވެލްގެ ހިދުމަތް ފޯރުކޮށްދިނުން،" ހިންނަ ވިދާޅުވި އެވެ.
ހިންނަ ވިދާޅުވި ގޮތުގައި މުޅި ނިޒާމު އެއްވިއުގައެއްގެ ތެރެއިން ގުޅުވާލާނީ ގައުމީ ޑައިގްނޮސްޓިކް ނިޒާމެއް ގާއިމުކޮށްގެންނެވެ.
"އޭރަށް ފޯނުން ވެސް ސިއްހީ ހާލަތު ބަލައިލެވޭނެ،" ހިންނަ ވިދާޅުވި އެވެ.
ޝާހް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެފަދަ ނިޒާމެއް ގާއިމުކުރުމުން ސިއްހީ ހިދުމަށް ދިނުމަށް މިހާރު ދައުލަތުން ކުރާ ހޭދަ ވެސް އެތައް ގުނައެއް ކުޑަކުރެވޭނެ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ޝާހް ވިދާޅުވީ ރަށެއްގައި އެކްސްރޭ މެޝިނެއް ބަހައްޓައިފި ނަމަ އެ ކަމަށް ހާއްސަ ރޭޑިއޯގްރާފަރަކާއި ޓެކްނީޝަނެއް ފޮނުވަންޖެހޭ ކަމަށެވެ. އެކަމަކު، އެކްސްރޭއެއް ނެގުމުން އޭގައި އެބްނޯމަލް ކަމެއް ހުރި ނަމަ އޮޓަމެޓިކުން ސިސްޓަމްގެ ތެރެއަށް ފިލްޓަރު ވާނެ ފަދަ ޓެކްނޮލޮޖީ އެބަހުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި، ރާއްޖޭގެ ސިއްހީ ނިޒާމަށް އެންމެ މުހިންމު އެއް ކަންތައް،" ޝާހް ވިދާޅުވި އެވެ.
- ހަތް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް.
- ހުރިހާ އުމުރުފުރައަކަށް ފެތޭ "ގައުމީ މެންޓަލް ހެލްތު ޕްރޮގްރާމް".
- އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އަހަރަކު އެއް ފަހަރު ހެލްތު ސްކްރީނިން.
- އުމުރުން 40 އަހަރުން މަތީގެ އަންހެނުންނަށް އަހަރަކު އެއް ފަހަރު ސާވިކަލް އަދި އުރަމަތީގެ ސްކްރީނިން.
- ޕެރެމެޑިކްސް އަދި އެމްބިއުލަންސްގެ ގައުމީ ވިއުގައެއް.
- ކްރޫޒިން ހޮސްޕިޓަލެއް.
- ތެލެސީމިއާ ކުދިންނަށް ލޭ އެޅުން ފަސޭހަކޮށް ހާއްސަ އިނާޔަތެއް ދިނުން.
އެ ފޯރަމްގައި ޝާހް ވިދާޅުވީ ސިއްހީ ނިޒާމުގައި ރައްޔިތުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހޭ އެއް ކަމަކީ ސްޕެޝަލިސްޓު ޑޮކްޓަރަކަށް ދައްކަން ކުރަންޖެހޭ ދިގު އިންތިޒާރު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކިއު ދިގުކަމުން، ބަލި މީހާ ނިޔާވާ ފަހުން ޑޮކްޓަރަށް ދައްކަން ނަގާ ނަންބަރު ޖެހޭ ހާލަތްތައް ވެސް ދިމާވެ އެވެ.
އެކަމަށް ޖޭޕީން ގާއިމުކުރާ ނިޒާމުގެ ތެރެއިން ހައްލު ލިބޭނެ ކަމަށާއި ސްޕެޝަލިސްޓު ޑޮކްޓަރުން ވަކި އަދަދަކަށް ކަނޑައަޅާފައި ސިއްހީ ވިއުގައިގެ ތެރެއިން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފަހަރުގެ ރިޔާސީ އިންތިޚާބަށް ގާސިމް އިއުލާން ކުރައްވާފައިވަނީ ރާއްޖޭގެ ދަރަނީ ނިސްބަތާ އެކު ހިންގުމުގެ ހަރަދު ކުޑަކޮށް، އުފެއްދުތެރިކަން އިތުރުކުރުމާ އެކު ގައުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބޭ މެނިފެސްޓޯ އެކެވެ.
މައިގަނޑު 15 ދާއިރާއަކަށް ބަހާލާފައިވާ މެނިފެސްޓޯ އަކީ ރާއްޖެ ތަހުޒީބުގެ އާ މަންޒިލަކަށް ގެންގޮސްދޭނެ މަގު ކަމަށް ޖޭޕީން ބުންޏެވެ. އެ މަގަށް ގެންގޮސްދިނުމުގެ ގާބިލުކަމާއި ތަޖުރިބާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ހޯއްދަވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރަން ގާސިމްގެ އިރުޝާދެއް
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް
ރައީސާއި ގާސިމްގެ މަޝްވަރާތައް އަދިވެސް ކުރިއަށް
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ކޯލިޝަނާ މެދު ޖޭޕީން ގޮތް ނިންމުން ފަސްކޮށްފި
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް
ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ޕީޕީއެމުން ގާސިމް ގާތަށް