Roadha Mihaaru
ކޯލިޝަނާ މެދު ޖޭޕީން ގޮތް ނިންމުން ފަސްކޮށްފި

ދެވަނަ ބުރުގެ ކޯލިޝަނާ މެދު ގޮތް ނިންމުން ޖޭޕީން ފަސްކޮށްފި

13 ސެޕްޓެމްބަރ 2023

މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ގޮތް ނިންމުމަށް މިއަދު ބާއްވަން ހަމަޖެހިފައި އޮތް ކައުންސިލު ބައްދަލުވުން ފަސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ގޮތް ނިންމުމަށް މިއަދު ބާއްވަން ހަމަޖެހިފައި އޮތް ކައުންސިލު ބައްދަލުވުން ފަސްކޮށްފި އެވެ.

އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު ވިދާޅުވީ އެ ބައްދަލުވުން ފަސްކޮށްފައިވާ ކަމަށާއި އެކަމުގެ އިތުރު ތަފްސީލް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ބެލެވޭ ގޮތުގައި ކައުންސިލްގެ މިއަދުގެ ބައްދަލުވުން ކެންސަލްކޮށްފައިވަނީ ކޯލިޝަނާ ގުޅޭ މަޝްވަރާތައް އަދިވެސް ކުރިއަށް ދާތީ އެވެ. ކޯލިޝަންގެ މަޝްވަރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގާސިމްއާ މިއަދު ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މި ސަރުކާރާއެކު މިހާރު ވެސް ކޯލިޝަނެއްގައި އޮތް ގާސިމަކީ މި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސާއި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ކެންޑިޑޭޓެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 5،460 ވޯޓު ހޯއްދެވި ޖުމްހޫރީ ޕާޓީއަށް ކޯލިޝަންގެ ދައުވަތު ދިނުމަށް އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ވަފުދެއް ވެސް ވަނީ އިއްޔެ ގާސިމް އަރިހަށް ވަޑައިގެންފަ އެވެ.

މިފަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް އުއްމީދުކުރިވަރާ ގާތަށް ވެސް ވޯޓު ލިބިފައިނުވާއިރު އެހެން ރިޔާސީ އިންތިހާބުތަކުގައި އެ ޕާޓީއަކީ މުހިންމު ދައުރެއް އަދާކުރާ ޕާޓީއެކެވެ. އެގޮތުން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދީ ޖުމްހޫރީ ޕާޓީން ތާއިދުކުރި ކެންޑިޑޭޓުންނެވެ.