Roadha Mihaaru

ކަންބޮޑުވުމެއް ނެތް ކަމަށް ބުނެ ފެތުރި ހަބަރު އެޗްއާރުސީއެމުން ދޮގުކޮށްފި

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސް އައިމިނަތު އީނާސް ދެއްކެވި ވާހަކަ ބަދަލުކޮށް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތައް މީޑިއާތަކުން ފެތުރި ކަމަށް ބުނެ އެ ކޮމިޝަނުން އެކަން މިއަދު ކުށްވެރިކޮށްފި އެވެ.

ނޫސްތަކުން ފެތުރި ހަބަރެއް އެޗްއާރުސީއެމުން ދޮގުކޮށްފި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

13 ޑިސެމްބަރ 2016

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސް އައިމިނަތު އީނާސް ދެއްކެވި ވާހަކަ ބަދަލުކޮށް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތައް މީޑިއާތަކުން ފެތުރި ކަމަށް ބުނެ އެ ކޮމިޝަނުން އެކަން މިއަދު ކުށްވެރިކޮށްފި އެވެ.

އެޗްސީއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތް" ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށާއި އޭގެ ސަބަބުން އެ ކޮމިޝަނަށް ފާޑުކިއުންތައް އަމާޒުވެ، އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅޭގޮތް މެދުވެރިވުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ކަމަށް ތުހުމަތު ކުރެވޭ ގިނަ އަމަލުތަކެއް ހިންގަމުން ގެންދާ ކަމަށް ތުހުމަތު ކުރެވޭއިރު، ބައެއް މީޑިއާތަކުން އެ ވާހަކަ އެގޮތަށް ޝާއިއުކުރުމުން އީނާސް އަށް ވަނީ ވަރަށް ގިނަ ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ. އެހެން ނަމަވެސް، އެއީ އޭނާ ވިދާޅުވި ވާހަކަތަކެއް ނޫނެވެ. އެގޮތަށް އެ ޚަބަރު ޝާއިއުކުރި މީޑިއާގެ ތެރޭގައި "މިހާރު" ވެސް ހިމެނެ އެވެ.

ކޮމިޝަނުން ނެރުނު ބަޔާނުން ބުނި ގޮތުގައި ޒިންމާދާރުކަން ކުޑަ ގޮތަކަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމުގެ ސަބަބުން އެޗްއާރުސީއެމްގެ ކަރާމާތަށް އުނިކަން ލިބި، ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުން އިންސާނީ ހައްގުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުނެވެ.

"ނޫސްވެރިކަމާއި ހިޔާލުފާލުކުރުމުގެ މިނިވަންކަން ޒިންމާދާރުކަމާ އެކު ބޭނުން ކުރުމަށް އެންމެހާ ފަރާތްތަކަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި އީނާސް ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ކޮމިޝަނާއި ހުރިހާ ފަރާތްތަކުން ކުރާ މަސައްކަތުގައި ބޮޑު ބަދަލުތަކެއް ފެންނަމުންދާ ކަމަށެވެ. އަދި އެ ބަދަލުތައް އިތުރަށް ގެންނަން އެންމެން މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.