Roadha Mihaaru
އެޗްއާރުސީއެމްގެ ރައީސް އީނާސް އިސްތިއުފާ ދެއްވައިފި

އެޗްއާރުސީއެމްގެ ރައީސް އީނާސް އިސްތިއުފާ ދެއްވައިފި

12 ޖުލައި 2020

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި މެމްބަރު އައިޝަތު އަފްރީން މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި މެމްބަރު އައިޝަތު އަފްރީން މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ކޮމިޝަންގެ ރައީސާއި މެމްބަރަކު މި އިސްތިއުފާ ދެއްވީ އެ ކޮމިޝަންގެ މެމްބަރުން ވަކިކުރަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައި އެ މަސައްކަތް ކުރިއަށް ގެންދަނިކޮށެވެ. އެއާއެކު، ކޮމިޝަންގެ ހަތަރު މެމްބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ވެސް ރައީސް އޮފީހުން ވަނީ ހުޅުވާލައިފަ އެވެ.

ދައުރު ހަމަވަނީ، އީނާސް އާއި މެމްބަރުންގެ ގޮތުގައި ތިއްބެވި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އަފްރީން މުހައްމަދުގެ އެވެ. އެޗްއާރުސީއެމްގައި ދެން ހުންނަވާނީ ނައިބު ރައީސް މުހައްމަދު ޒާހިދު އެކަންޏެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖޫން 15، 2017 ގަ އެވެ. އެހެންވެ، ޒާހިދުގެ މަގާމުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލިއިރު، އެ ކޮމިޝަންގައި މިވަގުތު ތިއްބެވި މެމްބަރުން ޒިންމާ އަދާނުކުރާކަމުގެ ތުހުމަތުތަކާއެކު، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ނިންމީ ބޮޑެތި ތުހުމަތުތަކަކާ އެކުގަ އެވެ.

ކުރީގެ ސަރުކާރުގައި ކޮމިޝަނަށް އައްޔަންކުރި މެމްބަރުން ގާނޫނީ ޒިންމާއަދާކުރާ މިންވަރު ބަލާ މައްސަލައެއް ދިރާސާކޮށް، މަގާމުން ވަކިކުރަން ނިންމައި މަޖިލީހުގެ ކޮމިޓީން މިދިޔަ މެއި މަހު ފޮނުވި މައްސަލައިގައި އެ މެމްބަރުން މަގާމުގައި ބައިތިއްބައިގެން ނުވާނެ ގިނަ ސަބަބުތަކެއް ފާހަގަކޮށްފައިވެ އެވެ.

ޒިންމާ އަދާނުކުރުމާ އެކު ޖެންޑާ ކޮމިޓީން ފުރަތަމަ ކަމަކަށް ފާހަގަކޮށްފައި ވަނީ އެ ކޮމިޓީން ބެލި އެޗްއާރުސީއެމާ ގުޅުން ހުރި މައްސަލަތަކެއްގައި ކޮމިޝަނުން ކަނޑައެޅިގެން ދޮގު މައުލޫމާތުދީފައި ވުމެވެ. ކޮމިޓީގެ އަނެއް ކަންބޮޑުވުމަކީ އަނިޔާގެ މައްސަލަތައް ކޮމިޝަނުން އެކަށީގެންވާ ގޮތެއްގައި ނުބެލުމެވެ.