Roadha Mihaaru
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

06 ޖުލައި 2020

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ހަތަރު މެމްބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ހަތަރު މެމްބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ބޭނުންވާ މީހުން އަންނަ އާދިއްތަ އާއި ހޯމަ ދުވަހު ހެނދުނު 9 ން 12:30 ގެ ކުރިން އެ ކަމަށް އެދި ހުށަހަޅަން ޖެހެ އެވެ.

ދައުރު ހަމަވަނީ، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އައިމިނަތު އީނާސް އަދި މެމްބަރުންގެ ގޮތުގައި ތިއްބެވި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އަފްރީން މުހައްމަދުގެ އެވެ. އެޗްއާރުސީއެމްގައި ދެން ހުންނަވާނީ ނައިބު ރައީސް މުހައްމަދު ޒާހިދު އެކަންޏެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖޫން 15، 2017 ގަ އެވެ. އެހެންވެ، ޒާހިދުގެ މަގާމުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލިއިރު، އެ ކޮމިޝަންގައި މިވަގުތު ތިއްބެވި މެމްބަރުން ޒިންމާ އަދާނުކުރާކަމުގެ ތުހުމަތުތަކާއެކު، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެކަމަށް ޖަވާބުދާރީވުމަށް މިހާރު ވަނީ ފުރުސަތު ވެސް ދީފަ އެވެ.

ކުރީގެ ސަރުކާރުގައި ކޮމިޝަނަށް އައްޔަންކުރި މެމްބަރުން ގާނޫނީ ޒިންމާއަދާކުރާ މިންވަރު ބަލާ މައްސަލައެއް ދިރާސާކޮށް، މަގާމުން ވަކިކުރަން ނިންމައި މަޖިލީހުގެ ކޮމިޓީން މިދިޔަ މެއި މަހު ފޮނުވި މައްސަލައިގައި އެ މެމްބަރުން މަގާމުގައި ބައިތިއްބައިގެން ނުވާނެ ގިނަ ސަބަބުތަކެއް ފާހަގަކޮށްފައިވެ އެވެ.

ޒިންމާ އަދާނުކުރުމާ އެކު ޖެންޑާ ކޮމިޓީން ފުރަތަމަ ކަމަކަށް ފާހަގަކޮށްފައި ވަނީ އެ ކޮމިޓީން ބެލި އެޗްއާރުސީއެމާ ގުޅުން ހުރި މައްސަލަތަކެއްގައި ކޮމިޝަނުން ކަނޑައެޅިގެން ދޮގު މައުލޫމާތުދީފައި ވުމެވެ. ކޮމިޓީގެ އަނެއް ކަންބޮޑުވުމަކީ އަނިޔާގެ މައްސަލަތައް ކޮމިޝަނުން އެކަށީގެންވާ ގޮތެއްގައި ނުބެލުމެވެ.