Roadha Mihaaru

ގެވެށި އަނިޔާގެ ތުހުމަތާ އެކު ފާރިސް އެޗްއާރުސީއެމަށް އައްޔަންކުރަން ފާހެއް ނުވި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވި މުހައްމަދު ފާރިސް ތޯހާ އަށް ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން އޭނާގެ ނަން އެ ފާސްނުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ރޭ ނިންމައިފި އެވެ.

އަނިޔާގެތުހުމަތާއެކު ފާރިސް އެޗްއާރުސީއެމަށް ފާހެއް ނުވި
ނާޒިމް ހަސަން
ނާޒިމް ހަސަން

17 އޯގަސްޓް 2025

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވި މުހައްމަދު ފާރިސް ތޯހާ އަށް ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން އޭނާގެ ނަން އެ ފާސްނުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ރޭ ނިންމައިފި އެވެ.

އިންސާނީ ހައްގުތަކާ ގުޅޭ އެޗްއާރުސީއެމްގެ ދެ މަގާމެއް ހުސްވާތީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް ފޮނުއްވީ ފާރިސްގެ އިތުރުން މުހައްމަދު ޝަފީގު މަހްމޫދުގެ ނަމެވެ. އެ ދެ ބޭފުޅުންނާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ރޭ ވަނީ އިންޓަވިއު ކޮށްފަ އެވެ.

އެ އިންޓަވިއުގައި، ބައެއް މެންބަރުން ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންސީއޭގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމް ފުރުއްވި ފާރިސްއާ ގުޅޭ ގޮތުން އާއްމުން ފޮނުވި ޝަކުވާތަކަށް ރިއާޔަތްކޮށް ސުވާލު ކޮށްފަ އެވެ. އެންމެ ބޮޑު ތުހުމަތެއްގެ ގޮތުގައި އޮތީ، އޭނާގެ ކުރީގެ އަނބިމީހާއަށް ގެވެށި އަނިޔާ ކުރި ކަމަށެވެ. އެ ކައިވެނި ރޫޅުނީ ވެސް އެކަމުގެ ސަބަބުން ކަމަށް އެ ޝަކުވާގައިވެ އެވެ.

ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް އެކަމާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ، އޭނާ އަށް އެފަދަ ތުހުމަތެއް އޮތްކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެފަދަ ކަމެއްގައި އެއްވެސް އިދާރާއަކަށް ވެސް ހާޒިރުކޮށްފައި ނުވާ ކަމަށެވެ.

ހަމަ އެ ތުހުމަތާ ގުޅިގެން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ސުވާލު ކުރެއްވުމުން ފާރިސް ވިދާޅުވީ އެ ކައިވެނި ރޫޅުނީ ގެވެށި އަނިޔާއާ ހެދި ކަމަށް ބުނާ އަޑުތަކެއް މީގެ އަހަރުތަކެއް ކުރިން އޭނާއަށް ވެސް އިވިވަޑައިގެންނެވި ކަމަށާއި ނަމަވެސް، އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. އެ އާއިލާއާ މިހާރު ވެސް ގުޅުން ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

"...އެއީ، ގެވެށި އަނިޔާގެ އެއްވެސް ކަމެއް އެކަހަލަ ގޮތަކަށް ދިމާލެއް ނުވޭ އިނގޭތޯ،" ފާރިސް ވިދާޅުވި އެވެ.

ގެވެށި އަނިޔާގެ ތުހުމަތުގެ އިތުރުން ލާއިންސާނީ އަމަލެއް ހިންގި ކަމުގެ ތުހުމަތު ވެސް ފާރިސްގެ މައްޗަށްކޮށް ޝަކުވާ ހުށަހަޅާފައިވެ އެވެ. އެއީ، އޭނާ ސިފައިން ގޭގައި އުޅުއްވި ދުވަސްވަރު ކޮށްފައިވާ ކަމެއް ކަމާއި ސިފައިންގެ އިން ވަކިވެވަޑައިގަތީ ވެސް އެކަމާ ގުޅިގެން ކަމަށް އެ ޝަކުވާގައި އޮތެވެ. އާންމުންގެ މީހަކު ފޮނުވި އެ ޝަކުވާއާ ގުޅޭ ގޮތުން މެންބަރު ރިފާއު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެމުން ވެސް ފާރިސް ވިދާޅުވީ ސިފައިންގެ އިން ވަކިވެވަޑައިގަތީ އެއްވެސް ކަމެއް ދިމާވެގެން ނޫން ކަމަށެވެ. އެ ފިޔަވަޅު އެޅުއްވީ އަމިއްލަ ކުންފުންޏަކުން ލިބުނު ރަނގަޅު ފުރުސަތަކާ ގުޅިގެން ކަމަށާއި އެމްއެންޑީއެފްގައި އެއްވެސް ގޯހެއް ހިނގައިގެން ނޫން ކަމަށް ފާރިސް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ގާނޫނުތަކުގައި ހުރި އެކިއެކި ކަންކަމާ ގުޅޭ ގޮތުން ފާރިސްއާ ކުރި ސުވާލުތަކަށް ވެސް އޭނާއަށް އެކަށީގެންވާ ޖަވާބެއް ނުދެއްވުނެވެ. އެ ކަންކަން ރަނގަޅަށް ބެލިފައި ނުވާ ކަމަށް ފާރިސްގެ ޖަވާބުތަކުގައި ވިދާޅުވި އެވެ.

އިންޓަވިއުއަށް ފަހު ދެ ނަމަށް ލިބުނު މާކްސް ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން އާންމު ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ މަތި ކަމަށްވާ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގަތީ ޝަފީގަށް އެކަންޏެވެ. ތޯހާއަށް މާކްސް ލިބިފައިވަނީ އެއަށް ވުރެ ދަށުންނެވެ.

އެހެންވެ ކޮމިޝަނަށް އައްޔަން ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކުރީ ޝަފީގުގެ ނަން އެކަންޏެވެ. ޝަފީގު އެލްޖީއޭގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފަ އެވެ.