ރައްޔިތުންގެ މަޖިލިހަކީ މީހެއްގެ އަބުރު ދުއްވާލަން ބޭނުން ނަމަ އެންމެ ފަސޭހައިން އެކަން ކުރެވިދާނެ އެއް މާލަމެވެ. ރައްދުވާ މީހެއް ނެތި އެ ވާހަކަ ދައްކަވާ ބޭފުޅަކު ލައިވް ޖަލްސާއެއް ނުވަތަ ލައިވް ބައްދަލުވުމެއްގައި ބޭނުން އެއްޗެއް ވިދާޅުވާންވީ އެވެ. އެ ވާހަކައެއްގެ އަނެއްކޮޅުގައި ރައްދު ދެވޭނެ ގޮތެއް ނެތި ހުރި މީހާ ހަވަރަށް ދޭންވީ އެވެ. ދާދި ފަހުން މަޖިލިހުގެ ކޮމިޓީއެއްގައި ހިނގި މި ޒާތުގެ ކަމެކެވެ.
21 އޯގަސްޓް 2025
ރައްޔިތުންގެ މަޖިލިހަކީ މީހެއްގެ އަބުރު ދުއްވާލަން ބޭނުން ނަމަ އެންމެ ފަސޭހައިން އެކަން ކުރެވިދާނެ އެއް މާލަމެވެ. ރައްދުވާ މީހެއް ނެތި އެ ވާހަކަ ދައްކަވާ ބޭފުޅަކު ލައިވް ޖަލްސާއެއް ނުވަތަ ލައިވް ބައްދަލުވުމެއްގައި ބޭނުން އެއްޗެއް ވިދާޅުވާންވީ އެވެ. އެ ވާހަކައެއްގެ އަނެއްކޮޅުގައި ރައްދު ދެވޭނެ ގޮތެއް ނެތި ހުރި މީހާ ހަވަރަށް ދޭންވީ އެވެ. ދާދި ފަހުން މަޖިލިހުގެ ކޮމިޓީއެއްގައި ހިނގި މި ޒާތުގެ ކަމެކެވެ.
މީހެއްގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ދިވެހި މުޖުތަމައު އިންތިހާ އަށް އެކަމާ ދެކޮޅަށް އަޑުއުފުލައި ވަކާލާތުކުރާ ކަމެކެވެ. ގެވެށި އަނިޔާގެ "ލޭބަލް" އެޅިއްޖެ ނަމަ އެއީ ފަސޭހައިން ނެއްޓޭ ލޭބަލެއް ނޫނެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި މުހައްމަދު ފާރިސް ތޯހާގެ ނަން މަދު ވަގުތުކޮޅެއްގެ ތެރޭގައި ކިލަނބު ކޮށްލީ މަޖިލިހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި ލައިވްކޮށް ގެނެސްދިން އިންޓަވިއު ބައްދަލުވުމުގަ އެވެ. އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ ގުޅޭ ގޮތުން ޝަކުވާ ނުވަތަ މައްސަލައެއް އޮތް ނަމަ ހުށަހަޅަން ހުޅުވައިލި ފުރުސަތުގައި ގެވެށި އަނިޔާގެ ތުހުމަތުގެ އިނގިލި ފާރިސް އަށް ދިއްކުރި އެވެ.
އެހެންވެ، މަޖިލިހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ފާރިސް ހާޒިރުކޮށް ބޭއްވި އިންޓަވިއު ސެޝަންގައި އެ ސުވާލުތައް ބައެއް މެމްބަރުން ކުރެއްވި އެވެ. އެއީ ކުރައްވަން ޖެހޭނެ ސުވާލުތަކެކެވެ. އެކަމަކު މައްސަލައަކަށް ވީ، ލައިވް ބައްދަލުވުމެއްގައި މީހެއްގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކާ ގުޅޭ ސުވާލުތައް ކުރެއްވުމެވެ. އެންމެ ބޮޑު ތުހުމަތެއްގެ ގޮތުގައި އޮތީ، ފާރިސްގެ ކުރީގެ އަނބިމީހާ އައިމިނަތު ހުސައިން ޝަރީފަށް (އައިންތު) އަނިޔާ ކުރި ކަމަށެވެ. އެ ކައިވެނި ރޫޅުނީ ވެސް އެކަމުގެ ސަބަބުން ކަމަށް އެ ޝަކުވާގައި ވެ އެވެ.
އާންމުކޮށް ހުޅުވާލައިގެން ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ ހުރިހާ ތުހުމަތުތައް ފާރިސް ދޮގުކުރެއްވި ނަމަވެސް އޭރު އޭނާ ފަލީހަތްވެ ނިމިއްޖެ އެވެ. ކޮމިޓީ އޮތީ ލައިވްކޮށްފަ އެވެ. މީޑިއާތަކުގެ ހެޑްލައިނަށް އައީ ފާރިސްގެ ކުރީގެ އަނބިމީހާ އަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގެ ވާހަކަތަކެވެ. އިންޓަވިއު އިން ފެއިލްވި މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ދޭހަވާ ގޮތަށް ހެޑްލައިން އަޅައި ނިމިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބައްދަލުވުމެއްގައި އެޗްއާރުސީއެމަށް ކުރިމަތިލެއްވި ދެ ބޭފުޅުންނާ އިންޓަވިއު ކުރެއްވުން.
އެއީ ދޮގަކަށް ވިޔަސް މަޖިލިހުގެ ކޮމިޓީން ކުރި ކަމަކުން ފާރިސްގެ އަބުރަށް "ކިސަޑު" ބުރައިފި އެވެ. ފާރިސްގެ ކުރީގެ އަންހެނުންގެ އެއްވެސް ވާހަކައެއް އަދި ރައްދު ދިނުމެއް އެ ވަގުތަކު ނެތެވެ.
ފާރިސްގެ ކުރީގެ އަންހެނުން އައިންތު ނުކުމެވަޑައިގެން، ފާރިސް އަށް ކުރި ގެވެށި އަނިޔާގެ ހުރިހާ ތުހުމަތުތައް ދޮގުކުރެއްވިއިރު ކަން އޮތީ ނިމިފަ އެވެ. މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުމުން ފާރިސް ނުކުމެވަޑައިގަތީ "ގެވެށި އަނިޔާގެ ޓެގް" ޖަހައިގެންނެވެ.
އެކަމަކު، ފާރިސް ވިދާޅުވީ އޭނާ އަށް އެފަދަ ތުހުމަތެއް އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެފަދަ ކަމެއްގައި އެއްވެސް އިދާރާއަކަށް ހާޒިރުނުކުރާ ކަމަށެވެ.
"އަޅުގަނޑެއް ނުކުރަން އަނިޔާއެއް. ރިލޭޝަންޝިޕެއްގައި ދެ މީހެއްގެ ދޭތެރޭގައި ހިނގާ ބައެއް ކަހަލަ ކަންކަން. މި ދެންނެވީ ދެ މީހުންގެ ބޭރުން ހިނގާ ކަންކަމުން އެ ދެ މީހުން އެކީގައި އުޅެން ބޭނުން ނުވާ ކަމުގައި ވަނީ ނަމަ ވަރިވުން އެއީ އެކަށީގެންވާ ކަމެއް ދެއްތޯ،" މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެކަމާ ގުޅިގެން ސުވާލު ކުރެއްވުމުން ފާރިސް ވިދާޅުވެފައި ވެ އެވެ.
"ވަރިވިތާ މިހާރު 8 އަހަރު. އެކަމަކު އޭގެ ހަތަރު އަހަރު ފަހުން އަޅުގަނޑަށް ވެސް އިވުނު ގެވެށި އަނިޔާއޭ. އެކަމަކު ދުވަހަކު ވެސް އެކަހަލަ އެއްވެސް ކަމެއް ދިމާނުވޭ."
ފާރިސްގެ ކުރީގެ އަންހެނުން އައިންތު ވެސް ކޮމިޓީގެ ބައްދަލުވުމަށް ފަހު މީޑިއާ އަށް ނުކުމެވަޑައިގަތީ ފާރިސްގެ ދިފާއުގަ އެވެ. އޭނާ ވިދާޅުވީ، ފާރިސްގެ ފަރާތުން ދުވަހަކު ވެސް އަނިޔާއެއް ކުރިމަތި ނުވާ ކަމަށާއި ވަރިވީ ވެސް އެފަދަ ކަމަކާ ގުޅިގެން ނޫން ކަމަށް އައިންތު މީޑީއާތަކުގައި ފަހުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބައްދަލުވުމުގައި މެމްބަރުން ވާހަކަ ދައްކަވަނީ.
ފާރިސް ވަރިވިއިރު އޭރުގެ އަންހެނުން އައިންތު ހުންނެވީ ޖެންޑާ މިނިސްޓްރީގެ ގެވެެށި އަނިޔާއާ ބެހޭ ކޭސް ބަލަހައްޓާ އިސްބޭފުޅެއްގެ ގޮތުގަ އެވެ. އެހެންވެ، ދިފާއުގައި އައިންތު ވިދާޅުވީ، ފާރިސް އަނިޔާކުރި ނަމަ އެ މަގާމުގައި ހުންނަވައިގެން ރިޕޯޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވާނީ އޭނާ ކަމަށެވެ.
ވަރިވިތާ ނުވަ އަހަރު ފަހުން އަނިޔާގެ ވާހަކަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގަައި ލައިވްކޮށް ދައްކަން ޖެހުނު ސަބަބާ މެދު އައިންތު ވެސް ސުވާލު އުފައްދަަވަ އެވެ. އެއްވެސް އިދާރާއެއްގައި މައްސަލައެއް ނެތެވެ.
އާއިލީ މައްސަލަތަކާއި އާއިލާ ވާހަކަތައް ސިއްރު ކުރަނީ އެ މައްސަލަތަކުގައި މީހުންގެ ޒާތީ އެތައް ކަމެއް ހިމެނޭތީ އެވެ. ގިނަ އިދާރާތަކުން އެ ކަމަށް ބާރު އަޅަނީ ވެސް އެހެންވެ އެވެ. ދެއްކޭ ވާހަކައަކުން އަމިއްލަ ދިރިއުޅުން އެއްކޮށް ހަލާކުވެދާނެތީ އެވެ.
ވަރިވިތާ މިހާރު 8 އަހަރު. އެކަމަކު އޭގެ ހަތަރު އަހަރު ފަހުން އަޅުގަނޑަށް ވެސް އިވުނު ގެވެށި އަނިޔާއޭ. އެކަމަކު ދުވަހަކު ވެސް އެކަހަލަ އެއްވެސް ކަމެއް ދިމާނުވޭ."--- ފާރިސް
ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުގައި ކަން ހިނގާ ގޮތަށް ބަލާއިރު މުޅި ގައުމުގެ މަސްލަހަތު ހިމެނޭ އެތައް މައްސަލައެއް ވަނީ ސިއްރު ކޮށްފަ އެވެ. ދައުލަތުން މިލިއަނުން ފައިސާ ގެއްލޭ މައްސަލަތަކާއި ދައުލަތުގެ އިދާރާތަކުގައި ހިންގާ ބޮޑެތި ކޮރަޕްޝަންގެ ވާހަކަތައް ދައްކަން ޖެހުމުން ވެސް އެތައް ބައްދަލުވުމެއް ރައްޔިތުންގެ މަޖިލިހުން ސިއްރު ކޮށްފައި އެބަހުއްޓެވެ. ގައުމުގެ މާލީ ކަންކަމާ ގުޅޭ އެތައް ވާހަކަތަކެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ކުރިއަށް ގެންދިޔަ އިންޓަވިއު.
ނަމަވެސް ދައުލަތުގެ އިދާރާއަކަށް ވެސް ހުށަހަޅާފައި ނެތް، ބައެއްގެ އަމިއްލަ ދިރިއުޅުމުގެ އެއްވެސް އަސާސެއް ނެތް ވާހަކަތައް ދައްކަން ވުމުން އެ އުސޫލު މި ފަހަރު ނުފެތެ އެވެ.
ގެވެށި އަނިޔާގެ ތުހުމަތުތައް ވެސް ހިމެނޭ ގޮތަށް އެކި ސަބަބުތަކާ ހެދި ހިއުމަން ރައިޓްސް ކޮމިޝަނަށް ފާރިސް އައްޔަން ކުރަން އެކަށީގެންވާ ވަރަށް މާކްސް ނުދެއްވިއިރު އެ ތުހުމަތުތަކުގެ ހަގީގަތެއް ހޯދަން ވެސް ކޮމިޓީން މަސައްކަތެއް ނުކުރެ އެވެ. ކަމާ ގުޅޭ އިދާރާތަކުން މައުލޫމާތު ސާފުކުރެވެން އޮތް ނަމަވެސް ކަން ނިންމީ ހަމައެކަނި އާންމުން ހުށަހެޅި ޝަކުވާތަކަކަށް ބަލައިފަ އެވެ. ހާއްސަކޮށް ފާރިސްގެ އަންހެނުން އެ ތުހުމަތުތައް ދޮގު ކުރެއްވުމުން އެ އަށް ވެސް ކޮމިޓީން ފަހުން ރިއާޔަތް ކުރުމެއް ނެތެވެ.
އެހެންވީމާ އެ މީހާ އެ އޮތީ އެކަމުން ބަރީއަ ވެފައި. އެހެންވީމާ އެ އަށް ބަލާފައި އަޅުގަނޑުމެން އެ މީހެއްގެ އަޑި ކޮނެގެން އިންވެސްޓިގޭޓް ކުރަނީއެއް ނޫން.--- މެމްބަރު ރިފާއު
އެ ކޮމިޓީގައި އިންނަވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އަށް އެކަމާ ގުޅިގެން ސުވާލުކުރުމުން ވިދާޅުވީ އާންމުކޮށް ކޮމިޓީން ކުރިއަށް ގެންދާ އިންޓަވިއުތަކަކީ އާންމުކޮށް ލައިވްކޮށް ބާއްވާ އިންޓަވިއުތަކެއް ކަމަށެވެ.
އިންޓަވިއުގައި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު އޮންނަ ކަމަށާއި ފާރިސް އަށް ތުހުމަތުތަކެއް އޮތް ކަމަށް އެނގިފައި އޮތުމުން ސުވާލުކުރީ އެހެންވެ ކަމަށް ރިފާއު ވިދާޅުވި އެވެ. އަދި އިންޓަވިއުގައި ރައްދު ދެއްވަން ލިބިވަޑައިގަތުމުން އެކަން ދޮގު ކުރެއްވި ކަމަށާއި އެ ހިސާބުން އެކަން ނިމުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީހެއްގެ މައްސަލައެއް ބަލާކަށް ނޫން ގެނައީ. އިންޓަވިއުގައި ކޮންމެ މެމްބަރަކަށް ވެސް އޮވޭ އިހުތިޔާރު އައިސްފައި ހުންނަ މީހަކަށް ސުވާލުކުރަން. އެގޮތުން ކުރެވުނު، މިސާލަކަށް އަޅުގަނޑު ސުވާލުކުރީ އަޅުގަނޑަށް މީހެއްގެ ފަރާތުން މިގޮތަށް މި ކަހަލަ ކަމެއް އުޅެޔޭ، އަހާބަލާށޭ ބުނީމަ،" ރިފާއު ވިދާޅުވި އެވެ.
"ދެން އެ ބޭފުޅަކުތާ އެކަމުގެ ރައްދުގައި އެ ވިދާޅުވީތާ ތިމަންނަ ނުހުންނާނެއޭ އެ ކަހަލަ އެއްވެސް ކަމެއް. ދެން އެ ހިސާބުން އެކަން އެ ނިމުނީތާ."
ފާރިސް ތޯހާ: ގެވެށި އަނިޔާގެ ތުހުމަތުތައް ދޮގުކުރެއްވި،
ރިފާއު ވިދާޅުވި ގޮތުގައި އެފަދަ ސުވާލުތައް ކުރަން ޖެހެނީ ކޮމިޓީން ނިންމައި ނަން މަޖިލިހުގެ ތަޅުމަށް ފޮނުވާ ފަހުން އެ މީހެއްގެ އެފަދަ ކަމެއް އޮތްކަން އެނގުމުން މީހުންގެ ފާޑުކިޔުން ކުރިމަތިވާނެތީ އެވެ.
"އެހެންވީމާ އެ މީހާ އެ އޮތީ އެކަމުން ބަރީއަ ވެފައި. އެހެންވީމާ އެ އަށް ބަލާފައި އަޅުގަނޑުމެން އެ މީހެއްގެ އަޑި ކޮނެގެން އިންވެސްޓް ކުރަނީއެއް ނޫން. އެހެން ނަމަވެސް ފެންމަތިވީމާ މީޑިއާތަކާއި ކޮމިޓީގެ ސަމާލުކަމަށް ގެނައުމަކީ އަޅުގަނޑުމެންގެ ޒިންމާއަކަށް ވާތީ އެ ސުވާލު އަސްލުގައި ކުރެވިފައި ވަނީ،" ދިފާއުގައި ރިފާއު ވިދާޅުވި އެވެ.
ރިފާއު ވެސް ފާހަގަކުރެއްވި ގޮތުގައި ފާރިސް އަށް ކުރި ތުހުމަތުތައް ފާރިސް ވެސް ދޮގު ކުރައްވާފައިވާ ކަމަށާއި އަދި ފަހުން ކުރީގެ އަންހެނުން ވެސް އެފަދަ ކަމެއް ނުހިނގާކަން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
އެކަމަކު، މައްސަލައަކަށް ވަނީ ރިފާއު އެ ވިދާޅުވި ހިސާބުންނެވެ. ފާރިސް އާއި ކުރީގެ އަންހެނުން ވެސް ގެވެށި އަނިޔާގެ ތުހުމަތު ދޮގު ކުރެއްވުމުން ދެން އެ ގެއްލުނު އަބުރެވެ. އެ ދެބޭފުޅުން ވެސް ތުހުމަތުތައް ދޮގުކުރައްވައި، ބަރީއަ ވުމުން ވެސް އަދަބު ލިބުމެވެ. ދޮގުކުރެއްވި ކުރެއްވުމަށް ކޮމިޓީން ރިއާޔަތް ނުކުރުމެވެ.
ކޮމިޓީގެ މެމްބަރަކު ވިދާޅުވިގޮތުގައި، ފާރިސް އަށް ރަނގަޅަށް ޖަވާބު ނުދެއްވެވުން ފަދަ ކަންކަން ފާހަގަވި އެވެ. އޭނާ އަށް މާކްސް ދަށްވުމުގެ އެއް ސަބަބަކަށް ޖަވާބު ނުދެއްވެވުން ވެސް ހިމެނެ އެވެ. އެކަމަކު، އެންމެން "ހައިލައިޓް" ކުރީ އެއްވެސް ހަގީގަތެއް ނެތް ގެވެށި އަނިޔާގެ މައްސަލައެވެ. ކޮމިޓީއަކަށް ވެސް މައްސަލައަކަށް ނުވެ، މީހެއްގެ އަބުރު ދުއްވާލީ އެވެ. ޒާތީ ވާހަކަތަކެއް ހާމަކޮށްލީ އެވެ.
ފާރިސް އަނިޔާ ނުކުރާކަމަށް ކުރީގެ އަނބިމީހާ ބުނެފި
އަނިޔާގެތުހުމަތާއެކު ފާރިސް އެޗްއާރުސީއެމަށް ފާހެއް ނުވި
އެޗްއާރުސީއެމް މެމްބަރުކަމުން މޫސަ އިސްތިއުފާ ދެއްވައިފި
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ މިއަދު ވެސް ސިއްރުކޮށްފި
މީޑިއާ ބިލް ދިރާސާކުރުން ސިއްރުކުރުމުން މުޒާހަރާކުރަނީ
ބަދަލުތަކާއެކު، ރިފަރެންޑަމް ބިލް ކޮމެޓީން ފާސްކޮށްފި
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި
ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ކޮމިޓީން ބަލަނީ
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު
މީޑީއާތަކުން ގޮވާލީ އިސްލާހުނުކޮށް، ބިލް ބޭރުކުރަން