Roadha Mihaaru

ފާރިސް އަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތު ކުރީގެ އަނބިމީހާ ދޮގުކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި މުހައްމަދު ފާރިސް ތޯހާ އަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތު އޭނާގެ ކުރީގެ އަނބިމީހާ މިއަދު ދޮގުކޮށްފި އެވެ.

ފާރިސް އަނިޔާ ނުކުރާކަމަށް ކުރީގެ އަނބިމީހާ ބުނެފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި މުހައްމަދު ފާރިސް ތޯހާ އަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތު އޭނާގެ ކުރީގެ އަނބިމީހާ މިއަދު ދޮގުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންސީއޭގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި ފާރިސްއާ ގުޅޭ ގޮތުން އާއްމުން ފޮނުވި ޝަކުވާތަކަށް ރިއާޔަތްކޮށް، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ރޭ ކުރި އިންޓަވިއުގެ ތެރެއިން ފާރިސްގެ ކުރީގެ އަނބިމީހާ އަށް ގެވެށި އަނިޔާ ކުރުމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ އެވެ.

ކޮމިޓީގެ އެ އިންޓަވިއުގައި ފާރިސް ވެސް އެކަން ދޮގު ކުރައްވާފައި ވަނިކޮށް، އޭނާގެ ކުރީގެ އަނބިމީހާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފު ވެސް ވަނީ އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

"ތޯހާގެ ފަރާތުން އަޅުގަނޑަށް އަނިޔާއެއް ކުރިމައްޗެއް ނުވޭ،" އައިމިނަތު ވިދާޅުވި އެވެ.

އަދި އޭނާގެ ބަހެއް ނުހޯދައި، ގެވެށި އަނިޔާކުރި ކަމަށް މީޑިއާތަކުން ވެސް ރިޕޯޓް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށް އައިންތު ވިދާޅުވި އެވެ.

އައިންތު ވިދާޅުވިގޮތުގައި ފާރިސްއާ ގުޅޭ އެއްވެސް މައްސަލައެއް ސަރުކާރުގެ ކަމާ ބެހޭ އެއްވެސް އިދާރާއަކަށް ވެސް ހުށަހަޅުއްވައިފައެއް ނުވާނެ އެވެ.

ގެވެށި އަނިޔާގެ ތުހުމަތުގެ އިތުރުން ލާއިންސާނީ އަމަލެއް ހިންގި ކަމުގެ ތުހުމަތު ވެސް ފާރިސްގެ މައްޗަށް ކޮށް ޝަކުވާ ހުށަހަޅާފައިވެ އެވެ. އެއީ، އޭނާ ސިފައިން ގޭގައި އުޅުއްވި ދުވަސްވަރު ކޮށްފައިވާ ކަމެއް ކަމާއި ސިފައިންގެ އިން ވަކިވެވަޑައިގަތީ ވެސް އެކަމާ ގުޅިގެން ކަމަށް އެ ޝަކުވާގައި އޮތެވެ. އާންމުންގެ މީހަކު ފޮނުވި އެ ޝަކުވާއާ ގުޅޭ ގޮތުން ރޭގެ އިންޓަވިއުގައި މެމްބަރަކު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވެސް ފާރިސް ވިދާޅުވީ އޭނާ ސިފައިންގެ އިން ވަކިވެވަޑައިގަތީ އެއްވެސް ކަމެއް ދިމާވެގެން ނޫން ކަމަށެވެ. އެ ފިޔަވަޅު އެޅުއްވީ އަމިއްލަ ކުންފުންޏަކުން ލިބިވަޑައިގެންނެވި ރަނގަޅު ފުރުސަތަކާ ގުޅިގެން ކަމަށާއި އެމްއެންޑީއެފްގައި އެއްވެސް ގޯހެއް ހިނގައިގެން ނޫން ކަމަށް ފާރިސް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ގާނޫނުތަކުގައި ހުރި އެކިއެކި ކަންކަމާ ގުޅޭ ގޮތުން ފާރިސްއާ ކުރި ސުވާލުތަކަށް ވެސް އޭނާ އަށް އެކަށީގެންވާ ޖަވާބެއް ނުދެއްވުނެވެ. އެ ކަންކަން ރަނގަޅަށް ބެލިފައި ނުވާ ކަމަށް ފާރިސްގެ ޖަވާބުތަކުގައި ވިދާޅުވި އެވެ.

އިންޓަވިއުއަށް ފަހު ދެ ނަމަށް ލިބުނު މާކްސް ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން އާންމު ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ މަތި ކަމަށްވާ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގަތީ އެލްޖީއޭގެ ކުރީގެ ސީއީއޯ މަހުމޫދު ޝަފީގަށް އެކަންޏެވެ.