18 ޑިސެމްބަރ 2024
މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަން އޮތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި 12 މީހުންގެ ލިސްޓުގެ 10 ވަނައިގަ އެވެ. އެ ކޮމިޝަނަށް މި ވަގުތު ބޭނުންވަނީ ދެ މެމްބަރުން ކަމަށް ވާއިރު ރައީސްގެ ލިސްޓުގެ ތަރުތީބު ކުރެއްވުމުން ޝިފްޒާ ކަހަލަ ތަޖުރިބާކާރު އަދި އެ ދާއިރާގައި މެދުނުކެނޑި 17 އަހަރުވީ މީހަކަށް ޖާގަ ލިބުނީ އެންމެ ފުލުންނެވެ. އެކަމަކު، ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ޕޯސްޓެއްގައި ޝިފްޒާ ވަރަށް މުހިންމު ވާހަކަތަކެއް ފާހަގަކުރި އެވެ.
މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަން އޮތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި 12 މީހުންގެ ލިސްޓުގެ 10 ވަނައިގަ އެވެ. އެ ކޮމިޝަނަށް މި ވަގުތު ބޭނުންވަނީ ދެ މެމްބަރުން ކަމަށް ވާއިރު ރައީސްގެ ލިސްޓުގެ ތަރުތީބު ކުރެއްވުމުން ޝިފްޒާ ކަހަލަ ތަޖުރިބާކާރު އަދި އެ ދާއިރާގައި މެދުނުކެނޑި 17 އަހަރުވީ މީހަކަށް ޖާގަ ލިބުނީ އެންމެ ފުލުންނެވެ. އެކަމަކު، ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ޕޯސްޓެއްގައި ޝިފްޒާ ވަރަށް މުހިންމު ވާހަކަތަކެއް ފާހަގަކުރި އެވެ.
މޯލްޑިވްސް މީޑީއާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރި އަދި މުޅި އުމުރު ކަހަލަ ގޮތަކަށް މީޑިއާ އަށް ދޫކޮށްލައިގެން ހުރި ޝިފްޒާ ދެކޭ ގޮތުން ނަމަ ރައީސް ބައްލަވާ މިންގަނޑަކުން ބެއްލެވިޔަސް، ރަނގަޅު، ގާބިލް މީހުން ބްރޯޑްކޮމަށް ކަނޑައެޅުމުގެ ފުރިހަމަ ބާރު އޮތީ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. އެއީ ރައީސް ފޮނުއްވި ލިސްޓުގައި ހިމެނޭ މީހުންނާ އިންޓަވިއުކޮށް، ދިރާސާކުރާ ކޮމިޓީ އެވެ. ލިޔެފައި އޮތް އުސޫލަކަށް ބަލައިގެން މާކްސް ދޭނީ އެ ކޮމިޓީންނެވެ.
"ވީމާ، ގާނޫނާއި ގަވާއިދުތަކުގައި އެކަށައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ ގޮތަށް، މިކަން ކުރެއްވުމަކީ އެގޮތަށް ކަން ކުރައްވާނެ ކަމަށް ރައްޔިތުންނަށް ވައުދުވެވަޑައިގެން އިންތިހާބުވެފައި ތިއްބެވި މެންބަރުންގެ ޒިންމާއެކެވެ،" ގާނޫނީ ދާއިރާއިން ދާދި ފަހުން މަތީ ތައުލީމް ހާސިލް ކޮށްފައިވާ ޝިފްޒާ ބުންޏެވެ.
"ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ މިނިވަންކަމާއި ނަޒާހަތްތެރިކަމުގެ ފޭރާން ކިލަނބު ނުވާނެހެން މިކަން ކުރެއްވުމަކީ ހާއްސަކޮށް މިނިވަން މުއައްސަސާތަކުގެ ކޮމޓީގެ މެންބަރުންގެ ޒިންމާއެކެވެ. އެހެންކަމުން އަދުލުވެރިކަން ދައްކަވައި، އިންސާފުވެރިކަމާ އެކު މިކަމުގައި ގޮތް ނިންމަވައި ދެއްވުމަށް ކޮމިޓީގެ އެންމެހާ މެންބަރުންނަށް ނުހަނު އިހުލާސްތެރިކަމާ އެކު އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަޅުގަނޑުގެ ނަމުގައި އެކަންޏެއް ނޫނެވެ. ލިސްޓުގެ 1 ވަނަ ނަންބަރުން ފެށިގެން 12 އާ ހަމައަށް އޮތް ކޮންމެ ބޭފުޅެއްގެ ނަމުގަ އެވެ."
މީގެ ކުރީގެ ސަރުކާރުތަކުގައި ބައެއް ފަހަރު އަމަކުރި ފަދައިން މި ފަހަރު ވެސް ބްރޯޑްކޮމަށް ދެ ބޭފުޅަކު އައްޔަން ކުރުމުގެ ކަންތައްތަކުގައި ސުވާލު އުފެދުނީ ރައީސްގެ ލިސްޓުގެ ތަރުތީބުން އެއްވަނަ އާއި ދެވަނައިގައި ޖެއްސެވި ދެ ނަމުގެ ސަބަބުންނެވެ،
ބްރޯޑްކޮމަށް ގާބިލް އަދި ދާއިރާގެ ތަޖުރިބާ ހުރި މީހުންނަށް އިސްކަންދޭން ބްރޯޑްކާސްޓިން ގާނޫނު ވެސް ބުނެ އެވެ. އެ އިން ކޮންމެ މެމްބަރަކީ ވެސް ބްރޯޑްކާސްޓިންގެ ދާއިރާ އިން ހާއްސަކޮށް، ސިޔާސަތު އެކުލަވައިލުމާއި ގާނޫނާއި އާ އީޖާދުތަކާއި ނޫސްވެރިކަން ނުވަތަ ވިޔަފާރީގެ ރޮނގުން ތައުލީމު ނުވަތަ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭ ކަމަށް ގާނޫނުގައި ވެ އެވެ.
ލިސްޓުގެ ތަރުތީބުގެ އެންމެ ކުރީގައި އޮތީ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީގެ ނަމެވެ. މުއާޒް އެކިއެކި ޓީވީ ސްޓޭޝަންތަކުގައި މަސައްކަތް ކުރެއްވި އެވެ. އެކަމަކު، މުހަންމާގެ ތަޖުރިބާ އާއި ގާބިލް ކަމާ މެދު މާ ބޮޑަށް ވެސް ސުވާލު އުފެދެ އެވެ. ބްރޯޑްކާސްޓިން ދާއިރާގައި ދުވަހަކު އުޅުއްވި ބޭފުޅެއް ނޫނެވެ. އޭނާގެ ހުރީ މުނިފޫހިފިލުވުމާއި ސިޔާސީ ދާއިރާގެ ތަޖުރިބާ އެވެ.
އެ ދެ ބޭފުޅުންނަކީ އިހަށް ދުވަހާ ހަމައަށް ވެސް ސިޔާސީ ޕޯޑިއަމްތަކުގައި ތިއްބެވި ސިޔާސީ އެކްޓިވިސްޓުންނެވެ. ދެ ބޭފުޅުން ލިސްޓްގެ ކުރި ހޯއްދެވިއިރު، ލިސްޓުގެ ފަހަތަށް ސޮއްސާލި ނަންތަކުގެ ތެރޭގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ބްރޯޑްކާސްޓިން ދާއިރާގެ ތަޖުރިބާ ހުރި، ކިޔަވައިގެން ތިބި މީހުންނާއި މީޑިއާގައި މަސައްކަތާއި މީޑިއާ ކައުންސިލްގެ ތަޖުރިބާ ހުރި މީހުން ވެސް އެބަ ތިއްބެވެ.
ރައީސް މަޖިލިހަށް ފޮނުއްވި ލިސްޓުގެ ތަރުތީބު:
- މުހައްމަދު އަބްދުﷲ (މުހަންމާ) ހުސްއަކުރުގެ ހއ. އިހަވަންދޫ
- އިބްރާހިމް މުއާޒު އަލީ، ހަޒާރުމާގެ ނ. ފޮއްދޫ
- އިބްރާހިމް އަޝްރަފު، ވ. މަށިވެލި
- ލެފްޓިނެންޓް ކާނަލް ރިޓަޔާޑް ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
- އަބްދުﷲ ހުމައިދު، ފަޒާ ޅ. ހިންނަވަރު - އައިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ
- އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި - ޝިމްލާ އަމްހަދު، އާސްޓްރަލްގެ، ސ. ހިތަދޫ
- އިސްމާއިލް ޝަފީގް، މ. ސްލީޓް
- ޝިފްޒާ މުސްތަފާ، މާދަޑު، އާސާން، ފުވައްމުލައް
- އަލީ ނިޝާން، ގ. ކޫލްގްރާސް
- މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ
މިނިވަން މުއައްސަސާތަކުގެ މެންބަރުން އައްޔަން ކުރަން ރައީސްގެ ލިސްޓް ތަރުތީބު ކުރައްވާ ގޮތާ މެދު މެދު ސުވާލު އުފެދޭ އެންމެ ބޮޑު އެއް ސަބަބަކީ ބްރޯޑްކާސްޓިން ކޮމިޝަން ފަދަ މިނިވަން، ޓެކްނިކަލް މަސައްކަތްތަކެއް ކުރާ ކޮމިޝަނަކަށް އައްޔަން ކުރަން އިސްކަން ދެއްވި އުސޫލެވެ.
ރައީސް ނަން ފޮނުއްވުމުގައި ބަލާ އުސޫލު ސާފު ނުވިޔަސް މިކަމުގައި ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަން ޖެހޭ އުސޫލު ޝިފްޒާގެ ޕޯސްޓުގައި ފާހަގަކުރި ގޮތަށް މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ލިޔެފައިވެ އެވެ. އޭގައިވާ ގޮތުން އިންޓަވިއު ކުރުމަށް ފަހު، އެންމެ މަތިން މާކްސް ލިބޭ މީހުންގެ ނަންތައް ތަރުތީބުކޮށް، ކޮމިޓީ ރިޕޯޓްގައި ހިމަނަން ޖެހެ އެވެ. މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނީ އެ ތަރުތީބަށެވެ.
1. ހާސިލް ކޮށްފައިވާ ތައުލީމާއި މަގާމުގެ މަސްއޫލިއްޔަތާ ހުރި ގުޅުން ސާބިތުކޮށްދެވޭ ވަރު (20 މާކްސް)
2. ލިބިފައިވާ ތަޖުރިބާ އާއި މަގާމުގެ މަސައްކަތާ ހުރި ގުޅުމަށް (15 މާކްސް)
3. ނަތީޖާ ހާސިލް ކުރުމާއި އުފެއްދުންތެރިކަން ދައްކުވައިދިން މިންވަރަށް (10 މާކްސް)
4. އިސްނެގުމާއި ކަންކަން ނިންމުމުގައި ހެޔޮވިސްނުން ގެންގުޅޭ ގޮތަށް (10 މާކްސް)
5. ދުރު މުސްތަގުބަލްގެ ތަސައްވުރާއި އަމާޒު ހުރި ގޮތަށް (15 މާކްސް)
6. ވާހަކަ ދެއްކުމުގެ ހުނަރަށް (10 މާކްސް)
7. ޝައުގުވެރިކަން ހުރި ވަރަށް (5 މާކްސް)
8. ތެދުވެރިކަމާއި އިހުލާސްތެރިކަމަށް (15 މާކްސް)
ގަވާއިދު އޮތް ގޮތުން ރައީސް ނަންތައް ފޮނުއްވާ ލިސްޓުގެ ތަރުތީބަކީ މަޖިލީހުން ރިއާޔަތް ކުރަން ޖެހޭ ކަމެއް ނޫނެވެ. ރިއާޔަތްކޮށް ވަޒަންކުރަން ޖެހޭ ކަމަކީ މުއައްސަސާއެއްގެ މެންބަރު ކަމަށް އެ ބޭފޫޅެއްގެ ގާބިލްކަމެވެ. މިދިޔަ ޖުލައި މަހު އާންމު ކޮމިޓީން ވަނީ އިންޓަވިއުތަކުގައި މާކްސް ދޭނެ މިންގަނޑު ވެސް އެކުލަވާލައިފަ އެވެ. އެހެންވެ، ބްރޯޑްކޮމަށް މެމްބަރުން އައްޔަން ކުރުމުގައި ވެސް ބަލަން ޖެހެނީ އެ މިންގަނޑަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރަން ނަން ފޮނުވި ލިސްޓްގެ ކުރީގައި އޮތް މުހަންމާ ސިޔާސީ އެއްވުމެއްގައި
ސިޔާސީ ފިކުރުން އެއްކިބާވެ، އެ މިންގަނޑަށް ފައްތައިގެން މެމްބަރުން އަމަލު ކުރައްވައިފި ނަމަ ގާބިލް މީހުންނަށް ޖާގަ ލިބޭނެ ކަމާ މެދު ސުވާލެއް ނެތެވެ. ބްރޯޑްކޮމަށް ކުރިމަތިލައްވާފައިވާ 12 ބޭފުޅުންނާ އިންޓިވިއު ކުރުން އަންނަ އާދިއްތަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށާއިރު، މިއީ މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ފުރަތަމަ ޓެސްޓެވެ. ބްރޯޑްކޮމަށް މެމްބަރުން އައްޔަން ކުރެއްވުމުގެ ފުރަތަމަ ޓެސްޓެވެ.
އެހެން ބުނަން ޖެހެނީ ރައްޔިތުންގެ މަޖިލިހުގެ މިދިޔަ ދައުރުގައި ކަންކަން ކުރި ގޮތަށް ބަލާއިރު އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ވެސް އެ މަނިކުފާނު އިސްކަން ދެއްވާ ލިސްޓު މިފަދަ ގޮތްގޮތަށް ގާބިލް ނޫން ކަމަށް ގަބޫލު ކުރެވޭ މީހުންނަށް އިސްކަން ދެއްވައިގެން ހެއްދެވުމުން ފާޑުކިޔުން އަމާޒުވި އެވެ. އަދި ކޮމިޓީން ދިރާސާކޮށް، މަޖިލިހަށް ހުށަހަޅާ ނަންތައް ފިޔަވައި އެހެން ނަންތައް ސިޔާސީ ވިސްނުމުގެ ތެރެއިން ފާސްކޮށްފައި ވެސް އެބަހުއްޓެވެ.
މިހާރުގެ ރައްޔިތުންގެ މަޖިލީހަށް މި ފަހަރު ޓެސްޓަކަށް ވަނީ އެހެންވެ އެވެ؛
ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަކީ، މީގެ ކުރީގެ ފަހަރުތަކުގައި ވެސް އެހާ އޮމާންކޮށް ހިނގާފައިވާ ކަމެއް ނޫނެވެ. މަޖިލީހުގެ ޔައުމިއްޔާތަކާއި ކޮމިޓީ ރިޕޯޓްތައް ބަލާއިރު، ފެންނަން އޮތީ އެ މަންޒަރެވެ.
އޭގެ އެއް މިސާލަކީ ބްރޯޑްކާސްޓިން ދާއިރާގައި މަޝްހޫރު ޕްރެޒެންޓަރު ޝިފްލާ އިބްރާހިމްގެ ނަން 2019 ވަނަ އަހަރު ފާސްނުކޮށް ދޫކޮށްލި ވޯޓެވެ. އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ލިސްޓްގެ އެންމެ ކުރީގައި އޮތީ ޝިފްލާގެ ނަމެވެ. ކޮމިޓީގެ އިންޓިވިއު އަށް ފަހު ވެސް އެންމެ ކުރި ހޯދީ ޝިފްލާ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ނެގި ވޯޓުގައި ޝިފްލާގެ ނަން ފާސްނުކޮށް، އޭރު ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ބޮޑު އަޣުލިބިއްޔަތަކުން ފާސްކުރީ ގދ. ތިނަދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އަހުމަދު ގައިސްގެ ނަމެވެ. އޭނާގެ ނަން ކޮމިޓީގެ ލިސްޓްގައި ވެސް އޮތީ ދެވަނައަށެވެ. ގައިސްއަކީ ބްރޯޑްކާސްޓިން ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެކެވެ. ފާޅުކޮށް އެންމެންނަށް އެނގޭ ސިޔާސީ އެކްޓިވިސްޓެކެވެ.
ގައިސް ބްރޯޑްކޮމަށް އައްޔަންކުރަން އެމްޑީޕީގެ މެމްބަރުން އޭރު ފާސްކުރުމުން އިދިކޮޅުގައި އޮތް ޕީޕީއެމް މެންބަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ. އެއީ މިހާރު ސަރުކާރު ހިންގާ ފިކުރުގެ ޕާޓީ އެވެ.
ބްރޯޑްކޮމްގެ ބައްދަލުވުމެއްގެ ތެރެއިން --
ދެން އޮތީ ކޮމިޝަންގެ މިހާރުގެ ނައިބު ރައީސް މުހައްމަދު ފަޒީން އެ މަގާމަށް އައްޔަން ކުރުމުގެ މަރުހަލާގައި ކަން ހިނގައިދިޔަ ގޮތެވެ. ލިސްޓްގެ އެންމެ ކުރިއަށް ފަޒީންގެ ނަން ގެނެސް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ނުވަ ބޭފުޅެއްގެ ނަން ފޮނުއްވި އެވެ. އެ ހުރިހާ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ނަން ފާސްކުރަން ކޮމިޓީގައި ވޯޓަށް އެހި އެވެ.
އެކަމަކު، ކޮމިޓީގެ ވޯޓުގައި އެންމެ ގިނަ މެމްބަރުން ވޯޓު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލިސްޓުގެ ދެވަނަގައި އޮތް ނޫސްވެރިޔާ ޝިފްޒާ އަށެވެ. ކޮމިޓީގެ މެމްބަރުންގެ ވޯޓުގެ އަދަދުން ފަޒީން އަށް ލިބުނީ ދެވަނަ އެވެ. ނަމަވެސް، ކޮމިޓީ ރިޕޯޓުގައި، މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެ ގޮތުގެ ތަރުތީބުގައި ފަޒީންގެ ނަން ހިމެނީ ޝިފްޒާ އަށް ވުރެ ކުރިއަށެވެ.
އެ ފަހަރު ނަންތައް ދިރާސާކޮށް، އިންޓަވިއު ކުރުމަށް ފަހު، ކޮމިޓީގެ ގިނަ މެމްބަރުންގެ ވޯޓު ޝިފްޒާ އަށް ލިބުނަސް، މަޖިލީހުގެ ތަޅުމުން އެމްޑީޕީގެ ފުރިހަމަ ބާރާ އެކު ފާސްކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވި ގޮތަށް ފަޒީންގެ ނަމެވެ.
ފަޒީންއަކީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި އޭރުގެ އެންމެ ނުފޫޒު ގަދަ އެއް މެމްބަރު އަދި ގާނޫނީ ވަކީލް ހިސާން ހުސައިންއާ ވާދަކުރެއްވި ބޭފުޅެކެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމީ ކޮމިޓީގެ މާކްސް އިން އެއްވަނަ ހޯދި ޝިފްޒާ ކަޓުވާލާފައި ފަޒީން އަށް ވޯޓު ދޭށެވެ. ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން އެ ގޮތަށް ފާސްކުރުމުން އޭރު އެމްޑީޕީގެ އެތެރެ ވެސް ހޫނުވި އެވެ.
"...ކޮމިޓީއެއްގައި ތިބެގެން ހެސްކިޔާފައި ބުރަކޮށް މަސައްކަތްކޮށް، ގިނަ އަދަދެއްގެ މެންބަރުން ވޯޓުލައިގެން ފޮނުއްވާފައި އޮންނަ ތަރުތީބަކުން ނަން ފޮނުއްވާފައި، ކޮމިޓީގެ ބޭފުޅުން އަދި މިވެނި ބޭފުޅެކޭ އިންޓަވިއުގައި ރަނގަޅީ، އެ ބޭފުޅުން އެހެން ވިދާޅުވީމާ، އުހޫނ! އޭނާގެ އާއިލާ މަށަށް ވޯޓުލީ. މީނަގެ އާއިލާ މަށަށް ވޯޓުލީ. އެގޮތަށް ފާސްކޮށްގެން އައިސް މި ތަނުގައި ވޯޓު ނަގާފައި ތަންތަނަށް ބޭފުޅުން އަޅުގަނޑުމެން އައްޔަންކޮށްފައި ދެން ކިޔާނެ ކަމެއް ނެތް،" ރައްޔިތުންގެ މަޖިލިހުގެ އެ ދުވަހުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން) ވިދާޅުވެފައިވެ އެވެ.
"މިނިވަން މުއައްސަސާތަކަށް ލާންޖެހޭ ބޭފުޅުންނާއި ކަންކަން ނިންމާނީ މިނިވަން މުއައްސަސާ ކޮމިޓީގެ މެންބަރުން ނިންމާ ރިޕޯޓާ އެއްގޮތަށް ވޯޓުލައިގެން."
މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
އޭގެ ފަހުން ވެސް ބްރޯޑްކޮމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ މައްސަލާގައި ހިޔާލު ތަފާތުވި އެވެ. އެ ކޮމިޝަންގެ އެހެން މެންބަރެއްގެ މަގާމު ހުސްވެގެން އާ މެންބަރަކު ހޮވަން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ތިން ބޭފުޅުންގެ ނަމުގެ ތެރެއިން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކުރެއްވީ ފާތިމަތު ސައުސަންގެ ނަމެވެ. ދެ ވަނަ އަށް އޮތީ ޝިފްލާ ނަމެވެ.
ތިން ބޭފުޅުންނާ ކޮމިޓީން އިންޓަވިއު ކުރުމަށް ފަހު ނިންމީ، އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ޝިފްލާ ކަމެވެ. ރައީސް ފޮނުއްވި ލިސްޓުގެ ތަރުތީބަށް ބަދަލު ގެނެސް، މަޖިލިހުގެ ތަޅުމުގެ ވޯޓަށް ފޮނުވީ ވެސް ޝިފްލާގެ ނަން އެކަންޏެވެ. އެކަން އޭރު ނިމުނީ ކޮމިޓީން ބޭނުންވި ގޮތަށެވެ.
ބްރޯޑްކޮމަށް ގާބިލް އަދި ދާއިރާގެ ތަޖުރިބާ ހުރި މީހުންނަށް އިސްކަންދޭން ބްރޯޑްކާސްޓިން ގާނޫނު ވެސް ބުނެ އެވެ. އެ އިން ކޮންމެ މެމްބަރަކީ ވެސް ބްރޯޑްކާސްޓިންގެ ދާއިރާ އިން ހާއްސަކޮށް، ސިޔާސަތު އެކުލަވައިލުމާއި ގާނޫނާއި އާ އީޖާދުތަކާއި ނޫސްވެރިކަން ނުވަތަ ވިޔަފާރީގެ ރޮނގުން ތައުލީމު ނުވަތަ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭ ކަމަށް ގާނޫނުގައި ވެ އެވެ. ހާއްސަކޮށް މުޖުތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަހުލާގު ރަނގަޅު އަދި ވަކިަފަރާތަކަށް ނުޖެހޭ ގާބިލް މީހަކަށް މެމްބަރުން ވުމަށް ގާނޫނު ބާރު އަޅަ އެވެ.
ހުރިހާ ކަމެއް މިހާ ސާފުކޮށް ލިޔެފައި ހުއްޓަސް މި ފަހަރު ވެސް ތިބެން މި ޖެހެނީ މަޖިލިހުގެ މި "ޑްރާމާ" ބަލާށެވެ. ގާބިލް މީހުންނާއި ގާބިލް އަދި ތަޖުރިބާ ނެތް މީހުން ހޮވާ ގޮތް ބަލާށެވެ. އަނެއްކާވެސް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ މަރުހަލާ މަޖިލީހުގައި އޮތްއިރު، ކުރިމަތިވާނީ މަތީގައިވާ ތިން ހާލަތުގައި ކުރެން އެއް ހާލަތެކެވެ. މި މަޖިލީހަށް މިކަން ބޮޑު ޓެސްޓަކަށް ވަނީ ވެސް އެހެންވެ އެވެ. ޕީއެންސީގެ ބޮޑު ސުޕަ މެޖޯރިޓީ އޮތަސް، މެންބަރުން ވިދާޅުވާ ގޮތުގައި މިއީ ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާ މަޖިލީހެކެވެ.
ރައީސް މުއިއްޒު ފޮނުއްވި ލިސްޓެއްގެ ތަރުތީބަށް ބަދަލު ގެނެސް، އިންޓަވިއު އަށް ބަރޯސާ ވެގެން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ ހިތްވަރު މަޖިލީހުގައި ހުންނާނެތޯ ނޫނީ ސަރުކާރުން ބޭނުންވާ ގޮތަށް މިނިވަން ކޮމިޝަނަކަށް ސިޔާސީ އެކްޓިވިސްޓުންތަކެއް އައްޔަން ކުރަން މަޖިލީހުގެ ރުހުން ދޭނީތޯ އެއީ އުފެދޭ ސުވާލެވެ.
މި ސުވާލަށް އޮތީ ފަސޭހަ އަދި އުނދަގޫ ޖަވާބެކެވެ. ގާނޫނުއަސާސީން ދައުލަތުގެ ބާރެއްގެ ގޮތުގައި ބޮޑެތި ބާރުތަކާއި މަސްއޫލިއްޔަތުތައް ހަވާލު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ކޮންމެ ނިންމުމެއްގައި "ރަބަރު ސްޓޭމްޕް" ޖަހާ ތަނެއްގެ ގޮތުގައި އޮވެގެން ނުވާނެ އެވެ. ބްރޯޑްކޮމަށް މެމްބަރުން އައްޔަން ކުރަން ނިންމާ ގޮތުން އެކަން ފެންނާނެ އެވެ.
ބްރޯޑްކޮމްގެ މެމްބަރު ޒީނާ އިސްތިއުފާ ދެއްވައިފި
ޒީނާ ވަކިކުރަން ކޮމެޓީން ފާސްކޮށްފި
ގޯހެއް ހެއްދެވުނު ކަމަކަށް މަރީ ގަބޫލެއް ނުކުރެއްވި
ބްރޯޑްކޮމް އިން ޒައިނާ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ޝަހީބާއި ޒައިނާ ވަކިކުރުމުގެ މައްސަލަ އަލުން ކޮމިޓީއަށް
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރަން ފާސްކޮށްފި
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ
ބްރޯޑްކޮމަށް ނުޒުހާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި