Roadha Mihaaru
ޒީނާ ވަކިކުރަން ކޮމެޓީން ފާސްކޮށްފި

ޒީނާ ވަކިކުރަން ކޮމެޓީން ފާސްކޮށްފި

13 އޮކްޓޯބަރ 2020

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު ގާނޫނީ ވާޖިބު އަދާ ނުކުރުމާއި ވަކި މީޑިއާތަކާ މެދު ތަފާތުކޮށް، ފިޔަވަޅު އެޅުމުގެ މައްސަލާގައި ޒީނާ މަގާމުން ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ކުރިން އޮތީ ފަށައިފަ އެވެ.

އެ މައްސަލާގައި ޒީނާ ވަކިކުރަން ނިންމީ އިއްޔެ ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި ނުވަ މެެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓުންނެވެ. އޭނާ މަގާމުން ވަކިވާނީ މަޖިލީހުގެ ޖަލްސާގައި ފާސް ކުރުމުންނެވެ.

ޒީނާ ވަކިކުރަން ނިންމިއިރު، އޭނާގެ މަގާމުގެ ދައުރު ހަމަވާން މިހާރު ބާކީ އޮތީ ފަސް މަސް ދުވަހެވެ.

އެ މައްސަލާގައި ޒީނާގެ އިތުރުން އެ ކޮމިޝަންގެ އެހެން ބައެއް މެމްބަރުންގެ މައްސަލަތައް ބަލައި، އެ ބޭފުޅުން ވަކިކުރަން ވެސް ކޮމެޓީން މިދިޔަ އަހަރު ނިންމި އެވެ. އެކަމަކު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން އޭގެ ތެރެއިން ގިނަ މެމްބަރުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.