19 އޮކްޓޯބަރ 2017
އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން އެކަން ފާހަގަކުރީ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކުގައި އެޗްއާރުސީއެމްގެ ގާނޫނީ ޒިންމާ އަދާކުރާ ތަން ނުފެންނަ ކަމަށް "މިހާރު" އިން މިދިޔަ އަންގާރަ ދުވަހު ރިޕޯޓް ކުރުމުން އެކަމަށް ރައްދު ދީ ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެޗްއާރުސީއެމާ ގުޅޭގޮތުން "މިހާރު" ގައި ޝާއިއުކުރި ރިޕޯޓުގައި ހިމަނާފައި ވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ރަޝީދުގެ މަރާއި އެ ނޫން ވެސް އެފަދަ ސީރިއަސް މައްސަލަތަކުގައި އެ ކޮމިޝަނުން ހައްގުތަކަށް ރައްކާތެރިކޮށްދޭން ފިޔަވަޅު އަޅާ މަންޒަރު ނުފެންނަ ކަމުގެ ކަންބޮޑުވުމެވެ. ގާނޫނީ ފުރިހަމާ ބާރު ދީފައިވާ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެ މިނިވަންކަމާ އެކު މައްސަލަ ނުބަލާ ކަމުގެ ޝަކުވާތަކެވެ.
އެ ރިޕޯޓާ ގުޅިގެން ދިފާއެއްގެ ގޮތުގައި އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ދިރިއުޅޭ އެއްވެސް މީހެއްގެ އިންސާނީ ހައްގެއް ގެއްލިއްޖެ ކަމަށް އެ ކޮމިޝަނަށް ހުށަހަޅައިފި ނަމަ ނުވަތަ ހައްގެއް ގެއްލިއްޖެ ކަމަށް ކޮމިޝަނަށް ފެނިއްޖެ ނަމަ މައްސަލަ ބަލަނީ ގާނޫނީ ހުރިހާ ބާރުތަކާއި އިހުތިޔާރުތައް ބޭނުންކޮށްގެން ކަމަށެވެ. މިގޮތަށް ކުރާ ތަހުގީގުތަކުގައި އެއްވެސް މީހަކާ މެދު ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެކަން ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.
"އަދި ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައިވެ އެވެ.
އެޗްއާރުސީއެމުން މިހެން ބުނި ނަމަވެސް އިންސާނީ ހައްގުތަކާ ގުޅޭގޮތުން މިހާތަނަށް ހުށަހެޅި ސީރިއަސް މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅު އަޅާފައި ވަނީ ނުވަތަ ހައްގުތައް ރައްކާތެރިކޮށްދީފައި ވަނީ ކޮން މައްސަލަތަކެއްގައި ކަމެއް ބަޔާނުގައި ހިމަނާފައެއް ނުވެ އެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ގެއްލިގެންނާއި ބޭސްފަރުވާ ކުރުމުގައި އިހުމާލުވެގެންނާއި ދައުލަތުން ބަލަހައްޓާ މީހުންނަށް ވަމުންދާ އިހުމާލުގެ މައްސަލަތަކާއި އިންސާފުން ބޭރުން ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ ގިނަ މައްސަަލަތަކެއް މި އަހަރު ވެސް އެ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ.
އެޗްއާރުސީއެމުން ބުނިގޮތުގައި އެ ކޮމިޝަނުން މައްސަލަ ބެލުމުގައި ގެންގުޅެނީ ތަފާތު ދެ ގޮތެކެވެ. އެއީ ކޮމިޝަނުން އަމިއްލަ އަށް އިސް ނަގައިގެންނާއި ރަސްމީ އިދާރާއަކުން ނުވަތަ ބަޔަކު އެހެން ނޫން ނަމަ، އަމިއްލަ ފަރުދަކު ހުށަހަޅައިގެން ބެލުމެވެ.
"ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވެއްޖެ ނަމަ ކޮމިޝަނުން އިސްނަގައިގެން ވަރަށް ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުން ގެންދަމެވެ. އަދި ބަލަމުންދާ މައްސަލައެއްގެ ތަހުގީގުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވާކަން ތަހުގީގަށް ސާބިތުވެއްޖެ ނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމެވެ،" ބަޔާނުގައިވެ އެވެ.
ކޮމިޝަނުން ބުނީ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދޭން އެޅެން ހުރި ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ. މިގޮތަށް އެޗްއާރުސީއެމުން އަމަލުކުރަމުން އަންނަނިކޮށް، މައުލޫމާތު ކަށަވަރުނުކޮށް ބައެއް މީޑިއާތަކުން ފަތުރާ ވާހަކަތަކުގެ ސަބަބުން ތަހުގީގަށް ހުރަސްއެޅޭ ކަމަށް ބަޔާނުގައިވެ އެވެ. އޭގެ ސަބަބުން މަރުވި މީހާގެ އާއިލާ އަށް ވެސް އިތުރު ހިތްދަތިކަމެއް ލިބޭނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
އެޗްއާރުސީއެމްގެ ބަޔާން ނިންމާލީ، އިންސާނީ ހައްގުތަކުގެ ރޫހު ރާއްޖޭގައި އާލާކުރުމާއި އެ ހައްގުތައް ރައްކާތެރިކޮށް ދެމެެހެއްޓުމަށްޓަކައި އެ ކޮމިޝަނުން ކުރާ މަސައްކަތަށް ހުރިހާ ފަރާތްތަކަކުން ވެސް އެއްބާރުލުން ދޭން އިލްތިމާސްކުރަމުންނެވެ.
އަނިޔާ ލިބޭ މީހުން ކަރުނާގައި، އެޗްއާރުސީއެމް ފިލާ!
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރަނީ
އެޗްއާރުސީއެމުން އަމަލުކުރި ގޮތުން މުނާޒް ނުރުހުންވެއްޖެ
ޖަލުތަކުގެ މަރު: އިހުމާލުގެ ބޮޑެތި ތުހުމަތުތަކެއް!
ޖަލު މުވައްޒަފުން އޮރިޔާން ކުރާތީ އެޗްއާރުސީއެމަށް
ގައިދީންގެ ބޯ ބޭލުން މަޖުބޫރު ނުކުރަން ހުށަހަޅައިފި
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން