Roadha Mihaaru
ޖަލު މުވައްޒަފުން އޮރިޔާން ކުރާތީ އެޗްއާރުސީއެމަށް

ޖަލުގެ މުވައްޒަފުން އޮރިޔާންކޮށްގެން ފާސްކުރާ މައްސަލަ އަނެއްކާ ވެސް އެޗްއާރުސީއެމަށް

25 ޖުލައި 2016

މާފުށީ ޖަލުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އޮރިޔާންކޮށްގެން ބަލައި ފާސްކުރާ ކަމަށް ބުނެ އެ މައްސަލަ ބަލައި ހުއްޓުވައިދޭން އެދި އަނެއްކާ ވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މިއަދު ހުށަހަޅައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މާފުށީ ޖަލުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އޮރިޔާންކޮށްގެން ބަލައި ފާސްކުރާ ކަމަށް ބުނެ އެ މައްސަލަ ބަލައި ހުއްޓުވައިދޭން އެދި އަނެއްކާ ވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މިއަދު ހުށަހަޅައިފި އެވެ.

ޖަލުގެ މުވައްޒަފެއްގެ ފަރާތުން އޭނާގެ ވަކީލު އެޗްއާރުސީއެމަށް ފޮނުއްވި ސިޓީގައި ބުނި ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީން މާޗު 26 އަށް އޭނާ ޑިއުޓީ އަށް ޖަލަށް ވަތް ކޮންމެ ފަހަރަކު އޮރިޔާންކޮށްގެން ބަލައި ފާސްކޮށްފައިވެ އެވެ. އަދި ބުނީ މިހާރު ވެސް ބައެއް މުވައްޒަފުން އޮރިޔާންކޮށްގެން ބަލައި ފާސްކުރަމުން ދާ ކަމަށެވެ.

ސިޓީގައި ބުނި ގޮތުގައި އެކަން ކުރަނީ ކަރެކްޝަނަލް ސާވިސްގެ ވެރިންނަށް އެނގިގެން ކަމަށް ވާތީ، ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް އެ މައްސަލަތައް ހުށަހަޅާފައި ނުވަނީ އެވެ.

"މާފުށީ ޖަލުގައި ހިންގަމުން ގެންދާ މި ނޭއްގާނީ އަމަލު ހުއްޓުވައި ދެއްވުން އެދި އަޅުގަނޑުގެ މުވައްކިލުގެ ފަރާތުން ދަންނަވަމެވެ،" ސިޓީގައިވެ އެވެ.

އޮރިޔާންކޮށްގެން ބަލައި ފާސްކުރާ މައްސަލަ މިދިޔަ އަހަރުގެ މާޗު މަހު އެންމެ ފުރަތަމަ އެޗްއާރުސީއެމް އަށް ހުށަހެޅީ ކަރެކްޝަންސްގެ ސަމާލުކަމަށް ގެނެސްގެން ވެސް ހައްލެއް ނުލިބުމުންނެވެ. ކަރެކްޝަންސުން އޭރު ދިން ޖަވާބަކީ އެކަން ކުރަނީ ޖަލުތަކާ ބެހޭ ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެ މާއްދާގައި ބުނަނީ ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމަށް ޑައިރެކްޓަރު އޮފް ޕްރިޒަންސް އަށް ފެނިއްޖެ ނަމަ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަލު އޮފިސަރުން ނުވަތަ އެ ނޫން ވެސް މުވައްޒަފުންނާއި އެ މީހުންގެ ތަކެތި ބަލައި ފާސްކުރެވިދާނެ ކަމަށެވެ. އެކަމަކު، އެ މާއްދާގައި އެ ބުނާ ގަވާއިދު އަދި ހަދާފައެއް ނުވެ އެވެ.

ސިޓީގައި ބުނި ގޮތުގައި އެޗްއާރުސީއެމް އަށް ލާފައިވާ މައްސަލައިގައި އެ ކޮމިޝަނުން އެދުނު މައުލޫމާތު ކަރެކްޝަންސުން ދީފައެއް ނުވެ އެވެ. އެއީ އެޗްއާރުސީއެމްގެ ގާނޫނުގެ ދަށުން ކުށަކަށް ވިޔަސް، އެކަމާ މެދު އެ ކޮމިޝަނުން އަދި ފިޔަވަޅު އަޅާފައި ނުވާކަން ވެސް ފާހަގަކުރި އެވެ.

"އަޅުގަނޑުގެ މުވައްކިލު ހުށަހަޅާފައިވާ މަތީގައި ބަޔާން ކުރެވުނު މައްސަލަ ބައްލަވައި އެ މައްސަލައިގައި ނިންމަވާ ގޮތެއް އަންގަވައި ދެއްވުން އެދެމެވެ. އަދި އެ ކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވައި ދެއްވަން [އެދެމެވެ]،" ސިޓީގައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ބަހެއް އަދި ނުލިބެ އެވެ.