Roadha Mihaaru
ކޮވިޑް-19އާ ގުޅިގެން، ގިނަ މައްސަލަތަކެއް ބަލަނީ

ކޮވިޑް-19: ގިނަ މައްސަލަތަކެއް އެޗްއާރުސީއެމުން ބަލަނީ

11 އެޕްރީލް 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އެކި ދާއިރާތަކުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ބައެއް މީސްމީހުންގެ ހައްގުތައް ގެއްލޭތީ ގިނަ ޝަކުވާތަކެއް ލިބުމުން އެ ކަންކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އެކި ދާއިރާތަކުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ބައެއް މީސްމީހުންގެ ހައްގުތައް ގެއްލޭތީ ގިނަ ޝަކުވާތަކެއް ލިބުމުން އެ ކަންކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

އެ ކޮމިޝަނުން ބުނީ، ކޮވިޑް-19އާ ގުޅިގެން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން އާންމުންގެ ބައެއް ހައްގުތައް ގެއްލި، އެ ކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާއާ ބެހޭ ޝަކުވާތަކާއި ޖަލުތަކުގެ އެކި މައްސަލަތައް ވެސް ހިމެނެ އެވެ.

އެޗްއާރުސީއެމުން ބުނީ ރިސޯޓްތަކުގެ މުވައްޒަފުން ވަކި މުއްދަތެއް ނެތް ގޮތަށް މުސާރަ ނުދީ ގޭގައި މަޑުކުރުމަށް އަންގާ މައްސަލަތަކާއި ވަޒީފާގެ ގާނޫނާ ހިލާފަށް ޗުއްޓީ ނެގުމަށް މަޖުބޫރު ކުރުވާ މައްސަލަތައް އެ ކޮމިޝަނަށް އެކި މީސްމީހުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އަމިއްލަ ބައެއް ބޮޑެތި ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށާއި މުސާރަ ނުލިބޭ ގޮތަށް ގޭގައި މަޑުކުރުމަށް އަންގާ ކަމުގެ މައުލޫމާތު ވެސް ކޮމިޝަނަށް ލިބިފައިވާ ކަމަށް ބުންޏެވެ.

އެހެންވެ، އެ ކުންފުނިތަކުން މައުލޫމާތު ހޯދައި، އެކަން ލޭބާ ރިލޭޝަން އޮތޯރިޓީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް އެ މައްސަލަތަށް ބެލުމަށް އެދިފައި ވާނެ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.

ކޮވިޑް-19އާ ގުޅިގެން، ކަރެކްޝަނަލް ސާވިސް އިން ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން، މާފުށީ ޖަލުގައި ތިބި ބައެއް ގައިދީން ނުރުހުން ފާޅުކުރަމުންދާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ. މިކަމުގެ ސަބަބުން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި ބަންދު މީހުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ބަންދު މީހުންނަށް އަނިޔާ ލިބިފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މި ޝަކުވާތައް ލިބުމާ ގުޅިގެން އެޗްއާރުސީއެމުން އަންނަނީ މާފުށީ ޖަލާއި މާލެ ޖަލަށް ޒިޔާރަތްކޮށް އެ މައްސަލަތައް ވެސް ބަލަމުންނެވެ.

އެޗްއާރުސީއެމުން ބުނިގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިވާ މީހުންނަކީ މި ހާލަތުގައި އިތުރު ނުރައްކަލަށް ހުށަހެޅޭނެ މީހުން ކަމަށެވެ. އެހެންވެ ރާއްޖޭގައި އެ ގޮތަށް މީހުން ބައިތިއްބާފައިވާ ތަންތަނުގައި މި ހާލަތަށް ހާއްސަ އުސޫލުތައް ހަމަޖައްސާފައިވޭތޯ ބަލާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.