Roadha Mihaaru
އިންސާނީ ހައްގުތަކުގެ މައްސަލަ އެންމެ ބޮޑީ ޖަލުތަކުގައި

އިންސާނީ ހައްގުތަކުގެ މައްސަލަ ޖަލުތަކުގައި އަދިވެސް ބޮޑު: އެޗްއާރްސީއެމް

14 މާޗް 2021

އިންސާނީ ހައްގުތަކުގެ މައްސަލަ އެންމެ ގިނައީ ޖަލުތަކުގައި ކަމަށާއި މިދިޔަ އަހަރު ވެސް އެންމެ ގިނައިން ހުށަހަޅާފައި ވަނީ އެފަދަ މައްސަލަތައް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިންސާނީ ހައްގުތަކުގެ މައްސަލަ އެންމެ ގިނައީ ޖަލުތަކުގައި ކަމަށާއި މިދިޔަ އަހަރު ވެސް އެންމެ ގިނައިން ހުށަހަޅާފައި ވަނީ އެފަދަ މައްސަލަތައް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ މެންބަރު ޑރ. އަހުމަދު އަދުހަމް އަބްދުﷲ ވިދާޅުވީ މިދިޔަ އަހަރު އެޗްއާރްސީއެމަށް 627 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައީ ޖަލުތަކުގެ ސިއްހީ މައްސަލަ އާއި ޖަލުތަކާ ގުޅޭ އެހެން މައްސަލަތައް ކަމަށެވެ. މިދިޔަ އަހަރު ވެސް އެންމެ ގިނައިން ހުށަހެޅިފައި ވަނީ ޖަލުތަކުގެ މައްސަލަތައް ކަމަށް އަދުހަމް ވިދާޅުވި އެވެ.

"މިދިޔަ އަހަރު 16 ޕަސެންޓް ކޭސްތަކަކީ ހަމައެކަނި ޖަލުތަކުގެ މައްސަލަތައް. އެންމެ ގިނައީ އަދިވެސް ޖަލުތަކުގެ މައްސަލަ،" އަދުހަމް ވިދާޅުވި އެވެ.

ޖަލުތަކުގެ މައްސަލަ ހައްލު ކުރުމަށް ކޮށްފައިވާ ބައެއް މަސައްކަތްތަކަށް އަލި އަޅުވާލައި އެޗްއާރްސީއެމްގެ މެންބަރު މަރިޔަމް މުނާ ވިދާޅުވީ އެންމެ ބޮޑު އެއް މަސައްކަތަކީ ދޫނިދޫ ކަސްޓޯޑިއަލްގެ ބޯފެނުގެ މައްސަލަ ހައްލު ކުރުން ކަމަށެވެ. އެތަނުގައި މީގެ ކުރިން ހުރި ފެން ނަގައިގެން ޓެސްޓު ކުރިއިރު އެއީ ބޯން އެކަށީގެންވާ ފެނެއް ނޫން ކަމަށާއި ފުލުހުންނާ މަޝްވަރާކޮށްގެން މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް މުނާ ވިދާޅުވި އެވެ.

"ގިނަ ގޮންޖެހުންތައް ދިމާވި ނަމަވެސް ދައުލަތުގެ އެންމެހާ ފަރާތްތަކުގެ އެހީއާއި ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން މިހާރު ވަނީ އެކަށީގެންވާ ހައްލެއް ލިބިފައި،" މުނާ ވިދާޅުވި އެވެ.

އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓް މިއަދު ނެރެފައިވާއިރު ޖަލުތަކުގެ މައްސަލައިގެ އިތުރުން 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އެންމެ ގިނައިން އިތުރުވެފައި ވަނީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކެވެ.

އޭގެ އިތުރުން ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތަކާއި، ބިދޭސީންގެ މައްސަލަ އަދި ކޯޓުތަކުގެ މައްސަލަ ހިނގާ ގޮތުން ކަންކަން ލަސްވެގެން ދިޔުމާ ގުޅުން ހުރި މައްސަލަތައް ވެސް މިދިޔަ އަހަރު ގިނަ ވެފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.