Roadha Mihaaru
މުހުތާޒަށް ބޭސްފަރުވާ ނުކުރާ މައްސަލަ މުއައްސަސާތަކަށް

މުހުތާޒަށް ބޭސްފަރުވާ ނުކުރާ މައްސަލަ މުއައްސަސާތަކަށް ހުށަހަޅައިފި

04 މެއި 2018

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ ބޭސްފަރުވާގެ ކަންކަމުގައި ކަރެކްޝަންސް އިން އިހުމާލުވަމުންދާ ކަމަށް ބުނެ، އާއިލާ އިން އެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ ބޭސްފަރުވާގެ ކަންކަމުގައި ކަރެކްޝަންސް އިން އިހުމާލުވަމުންދާ ކަމަށް ބުނެ، އާއިލާ އިން އެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރި މައްސަލާގައި މުހުތާޒްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އޭނާ 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖޫން 9، 2016 ގަ އެވެ. އޭނާ ޖަލުގައި ބަންދުކޮށްފައި ހުންނަތާ ގާތްގަނޑަކަށް ދެ އަހަރު ވެއްޖެ އެވެ.

ބޭސްފަރުވާ ލިބުމުގެ ހައްގުން މަހްރޫމް ކުރާ ކަމަށް ބުނެ، މުހުތާޒްގެ އާއިލާ އިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ހުށަހެޅީ ހޯމް މިނިސްޓްރީ، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން، މޯލްޑިވްސް މެޑިކަލް ކައުންސިލް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އަށެވެ.

އެޗްއާރުސީއެމަށް އާއިލާ އިން ފޮނުވި ސިޓީގައި ވަނީ މުހުތާޒާ މެދު އަމަލު ކުރަމުން ދަނީ އެންޓި ޓޯޗާ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ. ލާއިންސާނީ އަމަލުތައް ހިންގާ މީހުންނާ މެދު ވީހާވެސް އަވަހަކަށް ފިޔަވަޅު އަޅައި ދިނުމަށް އެޗްއާރުސީއެމްގައި ވަނީ އެދިފަ އެވެ. އަދި މުހުތާޒްގެ ބޭސްފަރުވާއަށް ހޮސްޕިޓަލަށް ގެނެވުނު ވަގުތުގައި އާއިލާއިން ހޮސްޕިޓަލަށް ދިޔުމުން މުހުތާޒްގެ ބޭސްފަރުވާ ހުޓާލާނެކަމުގެ އިންޒާރުދީފައިވާ ކަމަށް ބުނެ އެ މައްސަލަ ވެސް ބެލުމަށް މުހުތާޒްގެ އާއިލާ އިން ވަނީ އެދިފަ އެވެ.

މުހުތާޒްގެ އާއިލާ އިން ބުނި ގޮތުގައި އެ މައްސަލަ ހޯމް މިނިސްޓްރީއަށް ހުށަހެޅީ މުހުތާޒަށް އިހުމާލުވަމުންދާތީ އެކަންކަން ހޯމް މިނިސްޓަރު އަޒްލީން އަހުމަދުގެ ސަމާލު ކަމަށް ގެނައުމަށެވެ.

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި ވަނީ މުހުތާޒްގެ ބޭސްފަރުވާގެ ކަންކަން ހުއްޓުވުމުގައި ކޮމިޝަނާ އޮފް ޕްރިޒަންސްގެ ނުފޫޒް އޮތްކަމަށް ތުހުމަތުކުރެވޭތީ އެކަން ބަލައި ދިނުމަށެވެ. އަދި ކަރެކްޝަނަލް ސާވިސް އިން ގާނޫނާއި ގަވައިދާ ހިލާފުވި ކަމަށް ބުނެ އެ މައްސަލަ ބަލަން އެދުނެވެ.

މުހުތާޒްގެ ބަލި ހާލަތު އިތުރަށް ބޮޑުވެ، ކައިރި މުސްތަގުބަލެއްގައި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ ކަމަށް އޭނާގެ އާއިލާ އިން ދާދި ފަހުން ވަނީ ބުނެފަ އެވެ. މުހުތާޒްގެ އާއިލާ އިން ވަނީ އޭނާ އަށް ބޭސްފަރުވާގެ ހައްގުން މަހްރޫމް ނުކުރުމަށާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް އަމަލު ކުރުމަށް ގޮވާލައިފަ އެވެ. އަދި މުހުތާޒްއާ މެދު ހިންގަމުންދާ ތަފާތު ކުރުންތައް ހުއްޓާލުމަށް ވެސް ކަރެކްޝަނަލް ސާވިސްއަށާއި ކަމާ ބެހޭ ފަރާތްތަކަށް އާއިލާ އިން ގޮވާލި އެވެ.