Roadha Mihaaru
އަދީބާ މެދު އިހުމާލުވާ ކަމަށް ބުނެ އެޗްއާރުސީއެމަށް

އަދީބާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ އެޗްއާރުސީއެމަށް ހުށަހަޅައިފި

31 މެއި 2017

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާ އިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މައްސަލަ ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާ އިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މައްސަލަ ހުށަހަޅައިފި އެވެ.

އަދީބުގެ ހަގު އަނބިކަނބަލުން މަރިޔަމް ނަޝްވާ އެ ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައި ވަނީ ފިރިކަލުންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުއްވިޔަސް، އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ ޒިންމާ އެއްވެސް މުއައްސަސާއަކަށް އުފުލޭނެ ކަން އަންގާފައި ނެތް ކަމަށެވެ.

"އަޅުގަނޑުގެ ފިރިމީހާ އަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަކީ ރާއްޖޭން ފަރުވާ ކުރެވޭނެ ކަންތައްތަކެއް ނޫން ކަން ޑޮކްޓަރުން ވަނީ އަންގަވައިފަ އެވެ. އަދި ވީހާ ވެސް އަވަހަށް ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ވަނީ ލަފާ ދީފަ އެވެ،" ނަޝްވާގެ ސިޓީގައިވެ އެވެ.

ނަޝްވާ ވިދާޅުވި ގޮތުގައި ރާއްޖޭން ފަރުވާ ނުކުރެވޭނެ ބަލިތަކަށް ރާއްޖެ އިން ބޭރުން ފަރުވާ ކުރުމަކީ ގައިދީންނަށް ލިބޭ ހައްގަކަށްވާއިރު، އެ ހައްގު އަދީބަށް ނުދީ ކަރެކްޝަނަލް ސާވިސް އިން ހިފެހެއްޓުމަކީ ތަފާތު ކުރުމެކެވެ. އަދި އެއީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ޓޯޗާ އަމަލެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ގާނޫނުއަސާސީންނާއި ގާނޫނުން ހައްގުތައް ލިބޭނެ އިންތިޒާމުތައް މުއައްސަސާތަކުން ހަމަޖައްސަމުން ގެންދާކަން ކަށަވަރު ކުރުމަކީ އެޗްއާރުސީއެމްގެ މަސްއޫލިއްޔަތެއް ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށް ނަޝްވާ އެދިވަޑައިގަތެވެ.

އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" އަދީބަށް ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމާ މެދު ކަރެކްޝަނަލް ސާވިސް އިން އަދިވެސް ވަކި ގޮތެއް ނުނިންމަ އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.