29 މެއި 2017
ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމާ މެދު އަދިވެސް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އަދީބުގެ ވަކީލު މޫސާ ސިރާޖް މިއަދު ވިދާޅުވެއްޖެ އެވެ.
ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމާ މެދު އަދިވެސް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އަދީބުގެ ވަކީލު މޫސާ ސިރާޖް މިއަދު ވިދާޅުވެއްޖެ އެވެ.
ސިރާޖު ވިދާޅުވި ގޮތުގައި ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ އަދީބު ރާއްޖޭން ބޭރުން ފަރުވާ ހޯދުމުގެ ހުއްދައަކަށް އެދި ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އެކަމަކު ސިޓީތަކުގެ ޖަވާބުގައި އަދީބަށް ފުރާވަޑައިގެންނެވޭނެ ކަން ނުވަތަ ނޫން ކަން ވެސް ބުނެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދީބު މި ވަގުތު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫ ޖަލުގަ އެވެ.
އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" އަދީބަށް ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަދީބު ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަކަށް އެދި އާއިލާ އިން ފުލުހުންނަށް ވެސް ހުށަހެޅި ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އަދީބުގެ އާއިލާ އަށް ޖަވާބުދާރީވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވި ގޮތުގައި ފުލުހުން ޖަވާބު ދީފައިވަނީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ކަންކަން ބަލަހައްޓާނީ ކަރެކްޝަނަލް ސާވިސް އިން ކަމަށެވެ. އެހެންވެ، އަދީބު ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެ ތަނުން ކަން ފުލުހުންގެ ސިޓީގައި ފާހަގަ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ކަރެކްޝަނަލް ސާވިސްގެ ސިޓީއާ ހަވާލާދީ ސިރާޖް ވިދާޅުވި ގޮތުގައި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓާނީ ކަމާ ގުޅޭ ގަވާއިދުތަކާ އެއް ގޮތަށެވެ. އެއީ ހުކުމް ތަންފީޒު ކުރާ މީހުން އަމަލު ކުރަން ޖެހޭ މެޑިކަލް ގަވާއިދާއި ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖޭގައި ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖޭން ބޭރުން ފަރުވާ ހޯދުމާ ބެހޭ ގަވާއިދެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބޭސްފަރުވާ އަށް އަދީބު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ އަށް އެދި އާއިލާ އެދުނަސް، މި ވަގުތު އެކަމާ މެދު ގޮތެއް ނިންމޭކަށް ނެތެވެ. އެއީ ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ދޫނިދޫ ޖަލުގައި ހުންނެވީމަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކޮޅުގެ (ކަރެކްޝަންސް) ގެ ބެލުމުގެ ދަށުގައި ނެތްހާ ހިނދަކު ގޮތެއް ނުނިންމޭނެ. ފުލުހުންގެ ބެލުމުގެ ދަށުގައި އަދީބު އަދިވެސް އެ ހުންނެވީ،" އޮފިޝަލް ވިދާޅުވި އެވެ.
އަދީބު މާފުށީ ޖަލުން، ދޫނިދޫ ޖަލަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި މިދިޔަ މާޗް މަހުގަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ރަސްމީ އެއްވެސް އިދާރާއަކުން ހާމަ ނުކުރާ އިރު، އަދީބުގެ ވަކީލުން ވަނީ މާފުށީ ޖަލުން ފިއްލަވަން އެއްވެސް އިރެއްގައި އަދީބު މަސައްކަތް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ދޫނިދޫ ޖަލަކީ ފުލުހުންގެ ތަހުގީގަށް ބަންދުގައި ބައިތިއްބާ މީހުންނަށް ހާއްސަ ޖަލަކަށް ވާއިރު، ހުކުމެއް ތަންފީޒު ކުރާ މީހަކު، ދޫނިދޫ ޖަލަށް ބަދަލު ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަަމަށް ވަކީލުން ބުނެ އެވެ.
ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.
އަދީބުގެ އާއިލާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޮކްޓޯބަރު 24، 2015 ގައި އަދީބު ހައްޔަރުކުރި ފަހުން، ބޮޑެތި ސިއްހީ މައްސަލަތަކެއް އަދީބުގެ ފަރާތުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފި: އާއިލާ
އަދީބުގެ އޮޕަރޭޝަން ލަސްކުރާތީ އާއިލާގެ ކަންބޮޑުވުން
އަދީބު އަވަހާރަކޮށްލަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި
އަދީބުގެ ހާލު މިހާރު އިތުރަށް ގޯސް: ވަކީލު
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި
އަދީބު މަރާލަން އުޅޭ ކަމަށް ބުނި މައްސަލަ ފައިލްކޮށްފި
އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެން ޖެހޭ: މައުމޫން
އަދީބަށް ފަރުވާ ނުދޭން އަންގާފައެއް ނެތް: ކަރެކްޝަންސް
އަދީބުގެ ބޭސްފަރުވާ އަށް ހުރަސް ނާޅަން ގޮވާލައިފި
އަދީބާ މެދު އިހުމާލުވާ ކަމަށް ބުނެ އެޗްއާރުސީއެމަށް