Roadha Mihaaru
އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެން ޖެހޭ: މައުމޫން

އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެން ޖެހޭ: މައުމޫން

08 ޖޫން 2017

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެން ޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެން ޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ފާހަގަކުރެއްވި ގޮތުގައި އަދީބު ޖަލުގައި ހުންނެވި އިރު ވަނީ އާލާސްކަންފުޅެއް ކުރިމަތިވެވަޑައިގެންފަ އެވެ. އަދި އަދީބުގެ އިތުރުން ޖަލުގައި ސިއްހީ ފަރުވާ ބޭނުންވެފައި ތިބި ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

އަދީބަށް އެކަށީގެންވާ ބޭސްފަރުވާއެއް ނުލިބޭ ކަމަށް އެމަނިކުފާނުގެ އާއިލާއިންނާއި ވަކީލުން ފާހަގަ ކުރާއިރު، ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މައުމޫން ކުރެއްވި ޓުވީޓު.

ޕީޕީއެމުން ވަކިކުރި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އަދީބުގެ ސިއްހީ ހާލަތާ ގުޅޭ ކަންބޮޑުވުންތަކުގެ އަޑު ސަރުކާރުން އަހަން ޖެހެ އެވެ. އަދި އެންމެންގެ މައްޗަށް އިންސާފު އެއް ހަމައަކުން ގާއިމު ކޮށްދެއްވުމަށް އޭނާ ގޮވާލެއްވި އެވެ.

އަމީތު ކުރެއްވި ޓުވީޓު.

ޕީޕީއެމްގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އަދީބު ބޭސްފަރުވާ އަށް ކުޑަ ދުލެއް ދިން ކަމުގައިވިޔަސް، މި ސަރުކާރު ވައްޓާލާނެ ކަން ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅު ކުރައްވަ އެވެ. އަދި އަދީބުގެ ބޭސްފަރުވާ އަށް ލުޔެއް ނުދޭން ރައީސް ޔާމީން އުޅުއްވަނީ ބިރުފުޅުން ކަމަށް މުސްތަފާ ވިދާޅުވި އެވެ.

"އަދީބު ގޭބަންދަށް ބަދަލު ކުރަން ރައީސް ޔާމީން ބިރު ގަނޭ، ރާއްޖޭން ބޭރަށް ފުރުވަން ބިރު ގަނޭ، ޖަލުގައި ބައިންދަން ބިރު ގަނޭ، ހަމަވެރިކަން ވައްޓާލަފާނެތީ،" މުސްތަފާ ކުރެއްވި ޓުވީޓެއްގައިވެ އެވެ.

އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" އަދީބަށް ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އެހެންވެ، އަދީބުގެ ފަރުވާއަށް ހުރަސް ނާޅައި، އެމަނިކުފާނު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަކަށް އާއިލާ އިން ވަނީ އެދިފަ އެވެ.

ބޭސްފަރުވާ އަށް އަދީބު ފުރާވަޑައިގަތުމުގެ ހުއްދައަކަށް އާއިލާއިން އެދިފައި އޮތަސް، އަދީބަކީ މިހާރު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނެވި ބޭފުޅަކަށް ނުވާތީ އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ. އަދީބު އަދިވެސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގަ އެވެ. އެކަމަކު ފުލުހުން ބުނެފައި ވަނީ އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ލުޔެއް ހޯދަން ހުށަހަޅަން ޖެހޭނީ ކަރެކްޝަނަލް ސާވިސް އަށް ކަމަށެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.