Roadha Mihaaru
ހަވީރު މައްސަލާގައި ޝިފާގުގެ ނުރުހުން އެޗްއާރުސީއެމަށް

ހަވީރުގެ މުވައްޒަފުންގެ މައްސަލާގައި އެޗްއާރުސީއެމުން ބަހެއް ނުބުނުމުން ލަދުވެތިވަން: ޝިފާގް

06 ޖުލައި 2016

މިހާރު ހުއްޓިފައިވާ "ހަވީރު"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުންނަށް ކުރި އަށް އޮތް ދެ އަހަރު މީޑިއާގެ އެހެން ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމުގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިހާތަނަށް ހިމޭނުން އޮތުމުން، އެ ކޮމިޝަންގެ ނައިބު ރައީސް ޝިފާގް މުފީދު މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މިހާރު ހުއްޓިފައިވާ "ހަވީރު"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުންނަށް ކުރި އަށް އޮތް ދެ އަހަރު މީޑިއާގެ އެހެން ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމުގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިހާތަނަށް ހިމޭނުން އޮތުމުން، އެ ކޮމިޝަންގެ ނައިބު ރައީސް ޝިފާގް މުފީދު މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަމިއްލަ ގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ސިވިލް ކޯޓުން މިދިޔަ އާދިއްތަދުވަހު ކުރި ހުކުމާ މެދު ދައުލަތުގެ ބަންޑާރަ ނައިބާއި އެހެނިހެން ބައެއް އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށް، އަދި އެ ހުކުމް ތަންފީޒު ކުރުމުގައި ގާނޫނީ ގޮތުން ކުރިމަތިވާ ހުރަސްތައް ފާހަގަކުރައްވާފައިވާ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ރާއްޖޭގައި އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުން މިހާތަނަށް "އެއްވެސް އެއްޗެއް ވިދާޅުނުވެ ލަސްވަމުންދާ ދިއުމާ މެދު އަޅުގަނޑު ލަދުވެތިވަން" ކަމަށެވެ.

އެޗްއާރުސީއެމަށް ފާޑުވިދާޅުވެ، ޝިފާގް މިރޭ ކުރެއްވި ޓްވީޓް

"މިހާރު" އަށް އެނގިފައިވާ ގޮތުގައި "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްޗަށް އައި އަމުރުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރުމަށްޓަކައި އެޗްއާރުސީއެމުން ބަޔާނެއް ނެރުމަށް މިއަދު މަސައްކަތްކުރި އެވެ. ނަމަވެސް ބައެއް ކަންކަމާ މެދު ބައެއް މެމްބަރުންނަށް އެއްބަސްވުމަކަށް ނާދެވިގެން އެ ބަޔާނެއް ނެރެވޭ ގޮތެއް ނުވި އެވެ. ބައްދަލުވުން ބާއްވަން އުޅުނީ، ޑްރާފްޓް ކޮށްފައިވާ އެ ބަޔާނާ މެދު ގޮތެއް ނިންމުމަށެވެ.

"ހަވީރު"ގެ ކުރީގެ މުވައްޒަފުން މިހާރު މަސައްކަތްކުރާ "މިހާރު"ގެ ނިއުސްރޫމް: މި މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމާ މެދު ގިނަ ބަޔަކު ކަންބޮޑުވޭ.---ފޮޓޯ: މިހާރު

"ހަވީރު"ގެ ކުރީގެ މުވައްޒަފުން މިހާރު މަސައްކަތްކުރާ "މިހާރު"ގެ ނިއުސްރޫމް: މި މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމާ މެދު ގިނަ ބަޔަކު ކަންބޮޑުވޭ.---ފޮޓޯ: މިހާރު

ޝިފާގް "މިހާރު" އަށް ވިދާޅުވި ގޮތުގައި މި މައްސަލާގައި ދައުލަތުގެ ބަންޑާރަ ނައިބާއި ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ދިވެހި އެންމެހައި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތްކޮށް އަޑު އުފުލަންޖެހޭ ކޮމިޝަނުން ބަސް ނުބުނެ ލަސްވުމަކީ އެ ކޮމިޝަނާ މެދު ލަދުވެތިވާންޖެހެ އެވެ.

"އެތައް މުވައްޒަފުންތަކެއްގެ ހައްގުތައް ގެއްލޭތީ، ދައުލަތުގެ ބަންޑާރަ ނައިބު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ނޫނީ ސިވިލް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގައި ގާނޫނީ ގޮތުން ހުރަސްތަކެއް ހުރި ކަމަށް ވިދާޅުވާނީ. އެކަމަކު މިކަމުގައި މީޑިއޭޓް ވާން ޖެހޭ ކޮމިޝަނުން ބަހެއް ނުބުނެ ތިއްބައި މާދަމާ އީދަށް ބަންދު މިވީ. މިހާ ލަސްވުމަކީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން،" ޝިފާގް ވިދާޅުވި އެވެ.

"އަޅުގަނޑަކީ އެންމެ މެމްބަރެއް. އަޅުގަނޑަށް ކުރެވޭނީ މަސައްކަތް. އެތައް މުވައްޒަފުންތަކެއްގެ ހައްގުތައް ގެއްލި، ދުވަސްތަކެއް ވާއިރު، އެކަމާ ހިއުމަން ރައިޓްސް ކޮމިޝަނުން އެއްޗެއް ނުބުލެ ލަސްވަންޏާ، ކޮމިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ އިހުސާސްތައް ހާމަކުރަންޖެހޭ."

ޝިފާގް ވިދާޅުވީ "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ކުރި ހުކުމާ މެދު އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ، އޭނާއަށް އެތައް ބަޔަކު ސުވާލުތައް ކުރިމަތި ކުރުވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ޖެހޭ އަމިއްލަ ގޮތުން ނަމަވެސް އެއްޗެއް ބުނަން. މިއީ އަޅުގަނޑުގެ ޒިންމާއެއް،" މީގެ ކުރިން ވެސް ދައުލަތުގެ ބައެއް އިދާރާތަކުން އިންސާނީ ހައްގުތަކާ ގުޅޭ ކަންކަމުގައި އަމަލުކޮށްފައިވާ ގޮތަށް ފާޑުވިދާޅުވެފައިވާ ޝިފާގް ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވަނީ "ހަވީރު"ގެ މުވައްޒަފުން އެހެން މީޑިއާއެއްގައި ނުވަތަ މީޑިއާއަކާ ގުޅުން ހުރި ވިޔަފާރިއެއްގައި ބައިވެރިވުމަކީ ހަވީރުގެ ވިޔަފާރި އަށް ގެއްލުންވެ، އެ ތަނުގެ ހިއްސާދާރުންގެ ހައްގު ގެއްލިގެންދާނެ ސަބަބެއް ކަމަށެވެ. އެހެންވެ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހާ ހަމަ އަށް އެ ތަނުގައި މަސައްކަތްކުރި އެއްވެސް މުވައްޒަފަކު މިއަދުން ފެށިގެން ކުރި އަށް އޮތް ދެ އަހަރު ވަންދެން "ހަވީރު" ފިޔަވައި އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ. އެގޮތަށް މަސައްކަތް ކުރާ ނަމަ އެކަން ހުއްޓުވަން ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފި އެވެ.

ބަންޑާރަ ނައިބު އަނިލް ނޫސްވެރިންނާ ވާހަކަ ދައްކަވަނ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ބަންޑާރަ ނައިބު އަނިލް ނޫސްވެރިންނާ ވާހަކަ ދައްކަވަނ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މި އަމުރާ ގުޅިގެން، ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ، މިހާރުގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެރެއިން، "ހަވީރު"ގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރިޔަސް އެ މިނިސްޓްރީ އަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ބުނީ އެކަމުގައި އެ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

މިކަމުގައި މީޑިއޭޓް ވާން ޖެހޭ ކޮމިޝަނުން ބަހެއް ނުބުނެ ތިއްބައި މާދަމާ އީދަށް ބަންދު މިވީ. މިހާ ލަސްވުމަކީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން،" ޝިފާގް

އަނިލްގެ މި ވާހަކައާ ގުޅިގެން ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ އަނިލްގެ ވާހަކަ އަކީ ބާތިލް ވާހަކައެއް ކަމަށް ކަނޑައަޅާ ކަމަށާއި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ނުކުރާހާ ހިނދަކު އެ ހުކުމަށް އަމަލު ކުރަން އަމުރުކުރާ ކަމަށެވެ.

"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް، އެ މުވައްޒަފުންގެ ފަރާތުން މިއަދު ވަނީ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށާއި ހައި ކޯޓަށް ހުށަހަޅައިފަ އެވެ.

މި މައްސަލާގައި މީޑިއާ ކައުންސިލުން މިއަދު ބުނެފައި ވަނީ، "ހަވީރު"ގެ ކުރީގެ ނޫސްވެރިންނަށް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންވެ މިނިވަން މީޑިއާގެ މިނިވަންކަން ވަޅުޖެހިދާނެ ކަމަށެވެ.

ހަވީރު ނޫހުގެ ހިއްސާދާރުންގެ ދެމެދުގައި އުފެދުނު މައްސަލައަކާ ގުޅިގެން މިިދިޔަ އޭޕްރީލް މަހުން ފެށިގެން ހަވީރު ނޫހާއި އޮންލައިންގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ އެ ނޫހުގެ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ އަލަށް އުފެއްދި "މިހާރު" ނޫހުގަ އެވެ.